އަހުރެންމެ މަންމަ އާއި ބައްޕައަކީ ވަރަށް ލޯބިން އެކުގައި އުޅުނު ދެމީހުންނެވެ. އެކުގައި 40 އަހަރު އުޅުނު ފަހުން މަންމަ ނިޔާވީ ހާޓްއެޓޭކެއް ޖެހި ކުއްލިއަކަށެވެ. މަންމައަކީ ވަރަށް ބަލި މީހެކެވެ. މަރުވިއިރު ބައްޕައަށް އެއްވެސް ޚިދުމަތެއް ކޮށްނުދެވޭތާ 10 ވަރަކަށް އަހަރުވެދާނެއެވެ.
ވަޅުލައި ހުރިހާ ކަމެއް ނިމުނީމާ މަހާނަ ކައިރިއަށް ހުއްޓިހުރެ ބައްޕަ ބުނި އަޑު އިވުނެވެ. "އަހަރެމެން ދެމީހުން އެކުގައި އުޅުނީ ވަރަށް ލޯބިންނެވެ. ވަރަށް ދަތިޙާލަތުގައިވެސް އުޅުނީމުއެވެ. އުފަލުގައި އުޅެވުނީ ވަރަށް މަދު ދުވަސްކޮޅަކުއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އަހަރެންނަށް އެއްވެސް ފުރުޞަތެއް އޮތްނަމަ ތިބާ ވަޅުލިއަކަ ނުދޭނަމެވެ. ބަދަލުގައި ވަޅުލެވޭނީ އަހުރެންނެވެ. އިރާދަ ކުރެއްވިއްޔާ ސުވަރުގެއިން ބައްދަލުވާނެއެވެ. އެއިރުން ދެމީހުން ދުރެއް ނުކުރެވޭނެއެވެ."
ބައްޕަގެ ވާހަކަ އަޑުއިވުމުން 5 ދަރިންގެ ލޮލުންވެސް ކަރުނަ އޮހޮރުނެވެ. މަންމަ އާއި ބައްޕަ އެކަކު އަނެކަކު ދެކެ ވާލޯބީގެ ބޮޑުކަން އެނގުމުންނެވެ. މަންމަގެ ކިބައިން އެއްވެސް އެހީތެރިކަމެއް ނުލިބި އެތައް އަހަރެއްވެގެން ދިއައިރުވެސް ބައްޕަގެ ހިތުގައި މަނަމައަށް ލޯބީގެ ބޮޑުކަން އެނގުމުންނެވެ.
އަހުރެންގެ ހިތަށް އެރިއެވެ. އަހުރެންގެ އަނބިމީހާދެކެ އެބަ ލޯބިވެވޭ ހެއްޔެވެ؟ މިވެވެނީ ކޮން ލޯތްބެއް ހެއްޔެވެ؟ ސުބްހާނަﷲ!
އުންމީދުކުރަނީ ކޮންމެ ދެމަފިރިއަކުވެސް މިލިޔުމުގައިވާ ޙާދިސާއަށް ވިސްނައި ޢިބްރަތް ޙާޞިލުކުރާނެ ކަމަށެވެ!