ނަރަކައަކީ ވަދެލާފައި އަނެއް ދޮރުން ނުކުމެގެން ދެވޭނެ ތަނެއްކަމަށް ހީކުރަނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ނަރަކައަކީ ވަދެލާފައި އަނެއް ދޮރުން ނުކުމެގެން ދެވޭނެ ތަނެއްކަމަށް ހީކުރަނީ ހެއްޔެވެ؟

ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރީމާ އެހިސާބުން ސުަވރުގެ ވަދެވުނީ ކަމަށް ބައަކަށްނަމަވެސް ވިސްނޭކަން އެއީ ވަރަށް ދެރަކެމެކެވެ. އަދި ނަރަކައަށް ވަންނަންޖެހުނަސް ވަރަށް ފަސޭހައިން އެތަނުން ނުކުމެވޭނެ ކަމަށް ހީކުރެވޭކަންވެސް އެއީ ވަރަށް ނުބައި ވިސްނުމެވެ.  

ދުނިޔޭގައި އުޅުނުއިރު ޝަރީކު ނުކޮށް ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެން ހުރި މީހަކު ނަމަ ނަރަކައިން ސަލާމަތް ކުރައްވަވައި ސުވަރުގެވައްދަވާނެކަމަށް އޮތުމުން ބައެއް މީހުންނަށް އެކަން ވިސްނެނީ އެއީ ވަރަށް ލުއިކަމެއްގެ ގޮތުގައެވެ. ނަރަކައަށް ވަންނަން ޖެހުނަސް ދާދި އަވަހަށް ނަރަކައިން ސަލާމަތްވެވިދާނެ ކަމަށެވެ.  

ވިސްނައިލަން އޮތް ފުރަތަމަ ކަމަކީ ފަޅިސިކުންތަކަށް ނަމަވެސް ނަރަކައިގައި ކެތްކޮށް ނުލެވޭނެ ކަމެވެ. ދެވަނަ ކަމަކީ ނަރަކައިގައި އޮންނަން ޖެހޭނެ މުއްދަތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާކަމެވެ.  

"އެއުރެން އެ ނަރަކައިގައި ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވި މުއްދަތެއް ފިޔަވައި، އުޑުތަކާއި، ބިން ދެމިހުރިހާ ހިނދެއްގައެވެ..."  

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. 

"އެދުވަސް އައުމުން، އެކަލާނގެ އިޛްނަފުޅާއެކުގައި މެނުވީ، އެއްވެސް ނަފްސަކަށް ބަހެއްވެސް ނުބުނެވޭނެތެވެ. ފަހެ، އަބާއްޖަވެރިންނާއި، ބާއްޖަވެރިން އެއުރެންގެ ތެރެއިންވެއެވެ."

"ފަހެ، އަބާއްޖަވެރިވި މީހުން ދަންނާށެވެ! ފަހެ، އެއުރެން ވާހުށީ، ނަރަކައިގައެވެ. އެއުރެން ބޭރަށްލާ ނޭވާގެ ގަދަ އަޑާއި، އެތެރެއަށްލާ ނޭވާގެ އަޑު އެތާނގައި ހުންނާނެތެވެ."

"އެއުރެން އެ ނަރަކައިގައި ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވި މުއްދަތެއް ފިޔަވައި، އުޑުތަކާއި، ބިން ދެމިހުރިހާ ހިނދެއްގައެވެ. ހަމަކަށަވަރުން، ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ."

"އަދި ބާއްޖަވެރިވި މީހުން ދަންނާށެވެ! އެއުރެންވާހުށީ ސުވަރުގޭގައެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވި މުއްދަތެއް ފިޔަވައި އުޑުތަކާއި ބިން ދެމިއޮތްހާ ހިނދެއްގައެވެ. ކެނޑިގެންނުދާ ދެއްވުމެއްގެ ގޮތުގައެވެ."

(ހޫދު: 105،106،107،108)  

ވީމާ އަހުރެމެން މަސައްކަތްކުރަންވީ އަބާއްޖަވެރިއަކު ކަމުގައި ނުވެ ބާއްޖަވެރިއަކު ކަމުގައިވުމަށެވެ. އާޚިރަތް ޙާޞިލްކުރެވި، ނަރަކައިން މިންޖުވެވި ސުވަރުގެ ލިބުން އޮތީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން