މިވެނި ޢިލްމްވެރިއަކު ޖަމާޢަތުގެ ނަމާދަށް ނުދިއުމަކީ ފިރިހެނުންނަށް ގޭގަ ނަމާދުކުރަން ހުއްދަވާ ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
މިވެނި ޢިލްމްވެރިއަކު ޖަމާޢަތުގެ ނަމާދަށް ނުދިއުމަކީ ފިރިހެނުންނަށް ގޭގަ ނަމާދުކުރަން ހުއްދަވާ ސަބަބެއް ނޫން!

އިބްލީސް މަގުފުރެދި އާދަމްގެފާނަށް ސަޖިދަ ޖަހަން ދެކޮޅު ހަދައި ޝައިޠޯނާއަށްވީންސުރެ އޭތީގެ މަސައްކަތަކީ ވީހާ ގިނަ ބައަކު ނަރަކައަށް ވައްދަން މަސައްކަތްކުރުމެވެ. ޤިޔާމަތް ދުވަހާއި ހަމައަށް އޭތި ވަރުބަލިކަމެއް ނެތި ދެމިހުންނާނީ އެމަސައްކަތުގައެވެ. 

ޝައިޠޯނާގެ އެންމެ ބޮޑު އެއް މަސައްކަތަކީ ނުބައި ޢަމަލުތައް ޒީނަތްތެރިކޮށް އެއީ ފައިދާހުރި ކަމެއްގެ ގޮތުގައި ވަސްވާސްދިނުމެވެ. ކީރިތި ޤުރްއާނުން އެނގެން އޮތް ގޮތުގައި އާދަމްގެފާނަށާއި ޙައްވާގެފާނަށް އެގަހަކުން ފަރިކުޅުއްވެވުން ﷲ ތަޢާލާ މަނާކުރެއްވެވި ގަހުން އެދެ ކަނބަލުންނަށް ފަރިއްކުޅުއްވެވުނީވެސް ޝައިޠޯނާގެ އެމަޅީގައި ޖެހިވަޑައިގެންނެވުނީތީއެވެ.  

ވީމާ ޝައިޠޯނާގެ އެންމެ މަކަރުވެރި ޙީލަތްތެރި އެއް މަޅީގައި ނުޖެހި ސަލާމަތްވެ ތިބުމަށްޓަކައި ކޮންމެހެން ސަމާލުކަންދޭންޖެހޭ އެއްކަމެއް ފާހަގަކޮށްލާނަމެވެ.  

ކިތަންމެ މޮޅަށް ކިޔަވައިގެން ހުރިނަމަވެސް ޢިލްމުވެރިންނަކީވެސް އިންސާނުންނެވެ. ވީމާ ޝައިޠޯނާގެ ބަހަށް ހެއްލި ޢަމަލުކުރާ މީހަކުވެސް ހުރެދާނެއެވެ. ބައެއް ފަހަރު ދިމާވާ ގޮތަކީ ޝައިޠޯނާގެ ބަހަށް ޢިލްމުވެރިއަކަށް ހެއްލެވި ދީނުގައި ޢަމަލުކުރަން އޮތް ގޮތް ނޫންގޮތަކަށް ޢަމަލު ކުރެވޭނަމަ އެކަން ޒީނަތްތެރިކޮށް މީސްތަކުންނަށް ދައްކުވަން ޝައިޠޯނާ މަސައްކަތްކުރާނެއެވެ.  

"މިވެނި މީހަކީ ބޮޑު ޢިލްމުވެރިއެއް" ކަމަށާއި "އޭނާވެސް މިވެނި އެވެނި ޢަމަލުތައް އެބަކުރޭ ނޫންހެއްޔެވެ؟" އަދިވެސް ބުނާނެއެވެ. "އެއީ އެހައި ބޮޑު ފާފައެއް ނަމަ އޭނާފަދަ ބޮޑު ޢިލްމުވެރިއަކު އެކަމެއް ނުކުރާނެ ނޫންހެއްޔެވެ؟" މިފަދަ އެތައް ބައިވަރު ވަސްވާސްތައްދީގެން ފާފަތައް ކުރަން ހިތްވަރުދޭނެއެވެ.  

ނަމަވެސް މިއީ މުސްލިމުން ބަލައިގަނެގެންވާނެ ކަމެއް ނޫނެވެ. މުސްލިމުންނަށް ކުރުން ހުއްދަ ކަންކަމާއި ހުއްދަ ނޫން ކަންކަން ވަރަށް ރަނގަޅަށް ޤުރްއާނާއި ސުންނަތުން އޮތީ އެނގޭށެވެ. ވީމާ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ވަކިމީހަކު ކުރުމަކީ ނުވަތަ އެކަންކުރަން ހުއްދަކަމަށް ވަކި މީހަކު ބުނުމަކީ އެކަންކުރުން ހުއްދަވާނެ ކަމެއް ނޫނެވެ. އެކަންކުރުން ހުއްދަވާނީ ޤުރްއާނާއި ސުންނަތުން އެކަންކުރުން ހުއްދަވާނަމައެވެ. ވީމާ ޝައިޠޯނާގެ މިމަޅީގައި ނުޖެހޭށެވެ.  

ޚާއްޞަ ގޮތެއްގައި އެއްކަމެއް ފާހަގަކޮށްލާނަމެވެ. ބަންގި ގޮވީމާ ފިރިހެނުން މިސްކިތުގެ ޖަމާޢަތަށް ނުދިއުމާއި ވަޤުތުވީއިރަކުން ކުރަން ލަސްކުރުމަކީ ކަނޑައެޅިގެންވާ ޚާއްޞަ ސަބަބުތަކެއް މެދުވެރިވެގެން ނޫނީ ހުއްދަވާނެ ކަމެއް ނޫނެވެ. އަދި އެއީ ޢާންމު ގޮތެއްގައި އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަންކަމެއް ނޫނެވެ.  

ވީމާ ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ސަބަބެއް ނެތި ކިތަންމެ ބޮޑު ޢިލްމުވެރިއެއް ނަމަވެސް އެކަންކަން ކުރުން ހުއްދަކުރާނަމަ ނުވަތަ ކިތަންމެ ބޮޑު ޢިލްމުވެރިއަކު ހުއްދަކުރިނަމަވެސް އެކަން ޤަބޫލުކޮށްގެން ނުވާނެއެވެ. އެމީހަކު އެދެނީ ޞައްޙަ ފަތުވާއެއް ނޫނެވެ! އެކަން މުސްލިމުންނަށް ރަނގަޅަށް އެނގޭނެއެވެ.  

މިބަސް ތަކުރާރުކޮށްލާނަމެވެ! ޖަމާޢަތުގައި ނަމާދުކުރަން ފަރުވާ ކުޑަކުރާ ބައެއް މީހުންނާއި ސުވާލުކުރުމުން ދައްކަނީ މިވެނި ޢިލްމްވެރިއަކުވެސް ޖަމާޢަތުގެ ނަމާދަށް ނުދާ ވާހަކައެވެ. ނަމަވެސް އެއީ ޖަމާޢަތުގެ ނަމާދަށް ނުދާން ދެއްކޭނެ ޢުޛުރެއް ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން