އެކުވެރިންނަށް ޝެއާކޮށްލައްވާ! ވަރަށް ޚާއްޞަ ކެންޕޭނެއް! ބައިވެރިވުމަށް ދަޢުވަތުދޭ މީހުންނަށާ ބައިވެރިވާ އެންމެންނަށް އިނާމު ޔަޤީން ކެންޕޭނެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 38ސ
އެކުވެރިންނަށް ޝެއާކޮށްލައްވާ! ވަރަށް ޚާއްޞަ ކެންޕޭނެއް! ބައިވެރިވުމަށް ދަޢުވަތުދޭ މީހުންނަށާ ބައިވެރިވާ އެންމެންނަށް އިނާމު ޔަޤީން ކެންޕޭނެއް! އިން ޝާ ﷲ

މިއަދުނޫހުގެ ކިޔުންތެރިންނަށް ދޭތެރެދޭތެރެއިން މިކެންޕޭނު އެކި ގޮތްގޮތަށް، އެކި ޢިބާރާތުން ލިޔެ ހާމަކުރަނީ ކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ދުނިޔެއާއި އާޚިރަތް ލިބިގަތުމަށް ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ މިއީ ކަމަށްވާތީއެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޢަމަލުވެސް ކުރައްވާށެވެ! ކުރާ ފައިދާ ވަރަށް ބޮޑުވާނެއެވެ. އިން ޝާ ﷲ 

ވަރަށް ޚާއްޞަ ދަޢުވަތެކެވެ. ވަރަށް ޚާއްޞަ ދަޢުވަތެއް ދިނުމުގެވެސް ދަޢުވަތެކެވެ. ހަމަޔަޤީނުންވެސް މި ކެންޕޭނުގައި އިޚްލާޞްތެރިކަމާއިއެކު ބައިވެރިވެއްޖެނަމަ ނަޞީބުވެރިއަކަށް ނުހޮވި، އިނާމު ނުލިބިއެއް ނުދާނެއެވެ! އިން ޝާ ﷲ 

އަދިކީއްހެއްޔެވެ؟ މިއީ އާދައިގެ ބައިވެރިވުމެއް ނޫނެވެ. މިއީ ބައިވެރިވެ ޢަމަލުކުރުމުން އެމީހަކަށާއި އަދި އެމިހާގެ ސަބަބުން އިތުރު ބައަކު ބައިވެރިވެއްޖެ ނަމަ ހަމަ އެއެންމެންގެ މަތިން ވެސް އިނާމު ލިބިގެންދާނެ ކަމެކެވެ. 

ކޮންމެ ގޮތަކުން ނަމަވެސް މި ކެންޕޭނުގައި ބައިވެރިވެލައްވާށެވެ! މިރޭ ޙާޞިލުކުރެވެން އޮތް ބޮޑު ފައިދާ ޙާޞިލުކުރަމާ ހިނގާށެވެ! މި ކެންޕޭނުގައި ކޮންމެ ކިޔުންތެރިއަކަށް ވެސް ދެ ގޮތަކަށް ބައިވެރިވެވިދާނެއެވެ. 

1 ތިމާ އަމިއްލައަށް ބައިވެރިވުން 

2 އެކުވެރިންނަށް ދައުވަތުދީ ބައިވެރިކުރުވުން (އެކުވެރިންނަށް ދަޢުވަތުދޭން ކޮށްލަދޭންވީ ކަމަކީ މިލިޔުން ޝެއާކޮށްލުމެވެ. އެއިރުން އެވަނީ އިވެންޓަށް ދަޢުވަތު ދެވިފައެވެ. 

ކެންޕޭނުފެށުން އޮންނަތަނާ ވަޤުތު: ކެޕޭން ފެށުމުގެ ރަސްމިއްޔާތު ފޭށޭނީ މިރޭ ފަތިހު 5:00 (މާލެ ސަރަހައްދު ނަމަ) ގައި ހުރިހާ މިސްކިތްތަކުގަވެ! 

ޑްރެސްކޯޑް: ކެންޕޭނުގައި ބައިވެރިވާން ހާޒިރުވާންވީ ސާފުތާހިރުފޭރާމުގައެވެ. އަތުގައި ހުރިނަމަ ހުވަނދުލައި ގައިން މީރުވަސްވެސް ދުއްވައިލާށެވެ! 

ކެންޕޭނުގައި ބައިވެރިވެ ކުރަންޖެހޭނީ 2 ކަމެކެވެ! 

1 ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ ﷲ ތައާލާގެ ޙަޟްރަތުގައި ލޮބުވެތިކަންބޮޑުވެގެންވާ ފަތިސް ނަމާދުގެ އިހުސުންނަތުގެ 2 ރަކްޢަތްކުރުން 

2  ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ނަމާދުކަމުގައިވާ ޖަމާޢަތުގައި ކުރާ ހުކުރު ދުވަހުގެ ފަތިސްނަމާދުކުރުން 

Ibn Umar reported: The Messenger of Allah, peace and blessings be upon him, said, “Verily, the best of prayers to Allah is the dawn prayer in congregation on Friday.”

Source: Shu’ab al-Imān 2790 

ޖަމާޢަތަށްދާ މީހުންނަށް އިހުސުންނަތް ކުރަން ލިބޭނެ ވަޤުތަކީ 5:00 އިން ފެށިގެން 15 މިނިޓްއިރެވެ. 

ކޮންމެ މީހަކަށް ނަމަވެސް ކުރެވޭނެ އެންމެ މުހިންމު ކެންޕޭނަކީ ﷲ ތަޢާލާ ފަރުޟު ކުރެއްވެވި ކަންކަމުގެ ތެރެއިން އިހްމާލުވެވި ދޫކޮށްލެވެމުންދާ ކަންކަން ކުރުމުގެ ރޫޙު އުފެއްދުމުގެ ކެންޕޭނެވެ. އެހެނީ އެކަންކަމަށް މީސްތަކުންގެ ސަމާލުކަން އިތުރުކުރެވިއްޖެނަމަ އެބައަކަށް ބޭނުންވާ ކަންކަން ޙާޞިލުކުރެވޭނެ ފަސޭހަމަގު ﷲ ތަޢާލާ ދައްކަވާނެތެވެ! އިން ޝާ ﷲ 

ﷲ ތަޢާލާ އާއި ކުއްތަންވެ ބޮޑެތި ބޮޑެތި ޘަވާބު ފުނިތައް ލިބިގަތުމުގެ ނިޔަތުގައި ކުރާ ކަންކަން ލަސްކުރުމެއް ނެތެވެ. އޮތީ އަވަސްވެގަތުމެވެ. މިރެއަކީ މިފަދަ ކެންޕޭނެއް ފަށަން ވަރަށް މުހިންމު ރެއެކެވެ. މިރޭ މުހިންމު ވަނީ މިރޭ ފާއިތުވެއްޖެ ނަމަ ދެން ހަމަޤައިމުވެސް މިރޭ އަޅުގަނޑުމެންނާއި ބައްދަލުކުރާނީ 6 ދުވަސްފަހުން ކަމުގައިވާތީއެވެ. 

މާނައަކީ މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ހުކުރުވިލޭރޭގެ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދު ކުރުމުގެ ފުރުޞަތު ލިބޭނީ ހަފްތާއަކު އެއްފަހަރުކަމަށްވާތީއެވެ. ދެން ކުރާނެ ސުވާލަކީ ކޮންމެހެން މިރޭ ފަތިސްނަމާދުކުރަންވީ ކީއްވެގެން ހެއްޔެވެ؟ 

ފުރަތަމަ ޖަވާބަކީ ކުރިން މިބުނި ސަބަބެވެ. މިރޭގެ ފަތިސްވުމުން ކުރާނީ މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ހުކުރުވިލޭރޭގެ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދު ކަމުގައިވާތީއެވެ. ދެވަނަ ޖަވާބަކީ ތިބާއަކީ ޢާންމުކޮށް ފަތިސްނަމާދަށް ނުހޭލައި ނިދާފައި އޮންނަ މީހަކުނަމަ ތިބާ އެވަނީ އެންމެ ބޮޑު ބަދުނަޞީބުގެ ތެރޭގައެވެ. އެހެންވީމާ މިރޭވެސް ދޫކޮށްނުލައި އަވަހަށް ފަތިސްނާދުން ދުވަސްފަށަންވީ ނޫންހެއްޔެވެ؟ އަދި ޢާއިލާގެ އެންމެންނަށާއި ހުރިހާ އެކުވެރިންނަށް ދަޢުވަތުދީގެން މިރޭގެ ފަތިސްނަމާދުގެ ޖަމާޢަތަށް މިސްކިތަށް ގެނުވަންވީ ނޫންހެއްޔެވެ؟ 

ހުރިހާ އަންހެނުން ގޭގައި ތައްޔާރަށް ތިބެ އިމާމް މީހާ ބަންގިދިނުމުން (ފަތިސް ނަމާދުގެ ވަޤުތުޖެހުމުން) އަވަހަށް އިހުސުންނަތް ކޮށްލައި ފަތިސް ނަމާދުކޮށްލަންވީއެވެ. އެއިރުން އެއޮތީ މި ކެންޕޭނުގައި ބައިވެރިވެވިފައެވެ. އެކުވެރިންނަށް ގުޅައި، ޝެޢާކޮށް ބައިވެރިކުރުވުނުނަމަ އެލިބުނީ އިތުރު ފައިދާއެކެވެ. ބޯނަސްއެވެ. އެކަމުގެ ކުރިން މިކިޔައިދިނީއެވެ.

 

 

 

 

މިއަދު އޮންލައިން