ވިސްނައިގެން އަޑުއަހާށެވެ! މިކިޔައިދެނީ ހަމަ ދާދިފަހުން އެންމެންގެ ލޯމަތީގައި ހިނގި ކަމެއްގެ ވާހަކައެވެ. ކޯޓުގައި އެކަމުގެ ރެކޯޑްތައް ހުރި ކަމެއްގެ ވާހަކައެވެ. ތަޤްވާވެރިކަން އިތުރުކުރުމާއި ވަކީލުކުރުމާއި ބެހޭގޮތުން ނަޞޭޙަތްދޭއިރު މީގެކުރިންވެސް ވާނީ މިވާހަކަ އެތައް ފަހަރަކު ކިޔައިދެވިފައެވެ. މިވާހަކަ އެހައި ގިނައިން ކިޔައިދެނީ މިހާދިސާއިން ޙާޞިލުވާ ޢިބްރަތްތައް ގިނަކަމުންނެވެ.
އޭނާ އޭނާގެ އަނބިދަރިން ގޮވައިގެން ދިރިއުޅެވޭނެ ފަދަ ހާލަތު ނެތިގެން ދިރިއުޅޭ އިމާރާތުގައި އިތުރު ފަންގިފިލާއެއް ނިންމަން ރައްޓެއްސަކު އަތުން ލޯނެއް ނެގިއެވެ. 3 އަހަރު ތެރޭގައި ފައިސާ އަނބުރައި ދައްކާ ގޮތަށެވެ. ރަޙްމަތްތެރިޔާ ލޯނު ދިނީވެސް ނެގި އަދަދު އެކަނި އަނބުރާ ދައްކާގޮތަށެވެ. އެއްވެސް ރިބާއެއް ނުހިމެނޭ ގޮތަށެވެ. ނަމަވެސް ގެ ރަހުނުކޮށްފައެވެ.
ލޯނު ނަގައިގެން ވަކިހިސާބަކަށް މަސައްކަތް ކުރެވުނުތަނާ ޖެހުނީ މަސައްކަތް ހުއްޓައިލާށެވެ. އެންމެ ހަގުދަރިފުޅަށް ކެންސަރު ޖެހުމުންނެވެ. ދަރިފުޅަށް ޝިފާއެއް ލިބޭތޯ ޚަރަދުކުރަމުން ގޮސް އަތްމަތި ހުސްވުމުން ގެ އަޅަން ނެގި ލޯނުވެސް ޖެހުނީ ދަރިފުޅުގެ ފަރުވާއަށް ޚަރަދުކުރާށެވެ! އެހެން އެއްވެސް ގޮތެއް ނެތުމުންނެވެ. ލޯނު ނުދެއްކިގެން ގެ ގެއްލުމަށްވުރެ އޭނާއަށް މުހިންމުވީ ދަރިފުޅުގެ ފުރާނައެވެ. ހެޔޮލަފާ ކޮންމެ މީހަކުވެސް ވިސްނާނީ އެގޮތަށެވެ.
ބަލިން ދަރިފުޅަށް ޝިފާ ލިބުނުއިރު އޭނާގެ އަތުގައި ކެއުން ބުއިމަށް ޚަރަދުކުރާނެ ފައިސާވެސް ވަނީ ނެތިފައެވެ. އޭނާއަކީ ވަރަށް ބޮޑު ތަޤްވާވެރިއެކެވެ. އެހެންކަމުން މިއިން އެއްވެސް ކަމަކާއިމެދު އޭނާ އެއްވެސް ވަރަކަށް ކަންބޮޑެއް ނުވެއެވެ. އޭނާ އަބަދުވެސް ހުންނަނީ ﷲ ތާޢާލާ އޭނާއަށް ކޮންމެވެސް މަގެއް ދައްކަވައި ހައްލު ހޯއްދަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައެވެ. އެކަމަށް އެދިގެން ދުޢާކުރުންމަތީގައެވެ.
ލޯނު ދައްކަން އެއްބަސްވި މުއްދަތު ހަމަވިއިރު ގެވެސް އެޅިފައި ނެތުމާއި އަދި އަތުގައި އެއްވެސް ފައިސާއެއް ނެތުމުން ގޮސް ރަޙްމަތްތެރިޔާ އާއި ބައްދަލުކޮށް ހާލުގެ ވާހަކަތައް ކިޔައިދިނެވެ. ރަޙްމަތްތެރިޔާ ބުނީ މައްސަލަ ނިންމާނީ ކޯޓުން ކަމަށެވެ.
ރަޙްމަތް ތެރިޔާ ދައުވާ ކުރުމުން އޭނާ ކޯޓަށް ހާޒިރުކުރިއެވެ. އަދި ފަނޑިޔާރަށް ހުރިހާ ވާހަކަތަކެއް ތެދުބަހުން ކިޔައިދިނެވެ. ވާހަކަތައް އަޑުއެހުމަށްފަހު ފަނޑިޔާރު ބުނީ މައްސަލައަށް ބަލާއިރު ގެ ރަޙުނުކޮށްފައިވާތީ ޖެހޭނީ ގެ ދޭން ކަމަށެވެ. އެގޮތަށް ޙުކުމްކޮށްފިނަމަ އަނބިދަރިން ގޮވައިގެން ގޮސް ވަންނާނެ ތަނެއް އެބަހުރިތޯވެސް ސުވާލުކުރިއެވެ.
އޭނާ ބުނީ މިސްކިތް އެބަހުރި ކަމަށެވެ. އަދި އެގޮތަށް އިރާދަ ކުރައްވަވައިފިނަމަ އެއްވެސް ޝަކުވާއެއް ވެސް ނެތް ކަމަށެވެ. އަދި ދައުވާ ކުރީތީ ރަޙްމަތްތެރިޔާއަށްވެސް އެއްވެސް ހިތް ބުރަކަމެއްވެސް ނެތް ކަމަށެވެ. ދަޢުވާ ކުރުމަކީ އޭނާއަށް ފުރިހަމައަށް ލިބިގެންވާ ޙައްޤެއް ކަމަށެވެ. ކޮންމެ ކަމެއްގައި ވެސް ﷲ ތަޢާލާ އޭނާއަށް މަގެއް ދައްކަވާނެ ކަމަށާއި އެ އިތުބާރުން ފުދޭ ކަމަށެވެ.
ފަނޑިޔާރުންވެސް ޝަރީޢަތް އަޑުއަހަން ތިބި އެންމެންނަށްވެސް ލިބުނީ ވަރަށް ބޮޑު ޙައިރާންކަމެކެވެ. އެއްވެސް ޖެހިލުމެއް ނެތި ދަރިންކޮޅު ގޮވައިގެން ގެއިން ނުކުންނަން ތައްޔާރަށް ހުރިކަމަށް ބުނުމުންނެވެ. އަދި ގެއިން ނުކުންނަން ޖެހުނު ނަމަވެސް ކަންބޮޑުނުވާކަމަށާއި ﷲ ތަޢާލާ މަގެއް ދައްކަވާނެކަމުގެ ޔަޤީންކަން އޭނާގެ ހިތުގައި އޮތްވަރު ބޮޑުކަމުން އިތުރު މުއްދަތަކަށްވެސް ނުއެދުމުންނެވެ.
އޭނާގެ ވާހަކަތައް އަޑުއެހުމަށްފަހު ފަނޑިޔާރު ޙުކުމް އިއްވަން އުޅޭހެން ހީވުމުން މައްސަލަ ހުށަހެޅި ރަހްމަތްތެރިޔާ ފުންމައިގެން ތެދުވެ ވާހަކަ ދައްކަން ފެށިއެވެ.
"އިއްޒަތްތެރި ފަނޑިޔާރުއެވެ. އަޅުގަނޑުގެ ރަޙްމަތްތެރިޔާ އަތުން އެއްވެސް ފައިސާއެއް އަދި ގެ ވެސް ދުވަހަކުވެސް ބޭނުމެއް ނޫނެވެ! އަޅުގަނޑު ބޭނުންވަނީ ޝަރީޢަތް މެދުވެރިކޮށް މިކަން މިގޮތަށް ނިންމާށެވެ. އަޅުގަނޑު ދުނިޔޭގައި ނެތް ދުވަހަކުން އަޅުގަނޑުގެ ދަރިންނަށްވެސް ރަހްމަތްތެރިޔާގެ މައްޗަށް އެއްވެސް ދައުވާއެއް ކުރުމުގެ ފުރުޞަތު ނުބޭއްވުމަށްޓަކައެވެ."
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރާށެވެ! ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެ، ﷲ ތަޢާލާއަށް ފުރިހަމައަށް އިތުބާރުކޮށްގެން ﷲ ތަޢާލާ އަންގަވާފަދައިން ތަޤްވާވެރިކަން މަތީގައި ހުންނަ މީހާއަށް ﷲ ތަޢާލާ ކޮންމެ ކަމެއްގައިވެސް މަގެއް ދައްކަވާނެތެވެ! މަސައްކަތް ކުރަންވީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ. ތަޤްވާވެރިކަން އިތުރުކުރި ވަރަކަށް ދާނީ ﷲ ތަޢަލާގެ ރަޙްމަތްފުޅު އޮހެމުންނެވެ!
ﷲ ތަޢާލާ ތަޢާލާ ގަންދީ ބުނަމެވެ. ތަޤްވާވެރިއަކު ކޮންކްރީޓް ބްލޮކެއްގައި ތާށިވި ނަމަވެސް ﷲ ތަޢާލާ އެމީހަކަށް އެތަނުން ނުކުމެވޭނެ މަގެއް ދައްކަވާނެކަމަށް އަހަރެން ޝައްކެއް ނުކުރަމެވެ. ބޭނުންވަނީ ހަމައެކަނި އެފެންވަރުގެ ތަޤްވާވެރިކަމެވެ! އިޚްލާޞްތެރިކަމެވެ. ،ިއަދު އަހަރެމެންގެ ކިބައިގައި މަދުވެގެން މިއުޅެނީ އެކަމެވެ.
މިހާރަކަށް އައިސް "ކޮންމެ ފަދަ ފަދަ ޙާލެއް ޖެހުނަސް ތަޤްވާވެރިކަން އިތުރުކޮށް ﷲ ތަޢާލާއަށް ވަކީލުކުރަން" ބުނެފިނަމަ ކޮންމެ ކަމަކަށް ވަކީލުކުރުމުން ފުދޭނެކަމާއިމެދު ސުވާލު އުފައްދާ މީހުން މަދެއް ނޫނެވެ. އެފަދަ މީހުންނަށް އަހަރެން ދޭނެ ޖަވާބަކީ ފުދޭނެއެވެ! ފުދިއިތުރުވެސްވާނެއެވެ.
ކޮންމެ ކަމެއް ތިމާ އެދޭގޮތަށް ހިންމަވައި ނުދެއްވެވުމަކީ ނުވަތަ އެދޭކޮންމެ ކަމެއް ޙާޞިލު ނުވުމަކީ ވަކީލުކުރުމާއިމެދު ޝައްކުކުރަންޖެހެންވީ ސަބަބެއް ނޫންކަން ޔަޤީންކުރަން ބޭނުންވާ މީހުންނަށް އެކަމުގެ ހެކިތައް މިހާރުވެސް ދަނީ ފެންނަމުންނެވެ. ކަންކަމާއި ގުޅިގެން މިހާރަކު މަތިން އަޑެއް ނުއިވޭނެއެވެ. ޢިބްރަތް ޙާޞިލުކުރަން ޖެހޭނީ ފެންނަ ކަންކަމުންނެވެ.
ނިންމާލަމުން އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ދަރަނި ނެގުމަށްފަހު ޭނާ އެއިންކުރި ބޭނުމެވެ. އޭނާ ދަރަނި ނެގި މަޤްޞަދު ޙާޞިލް ނުކުރެވުނީ އެފައިސާ އިސްރާފްކުރީތީއެއް ނޫނެވެ. އަގުބޮޑު ކާރުގަނެ، އަނހެންކުދިންނަށް ޚަރަދުކޮށް ހުސްކޮށްލީއެއް ނޫނެވެ. އޭނާ އެފައިސާ ބޭނުންކުރީ ދަރިއެއްގެ ފުރާނަ ސަލާމަތްކުރެވޭނެ އެހެން ގޮތެއް ނެތިގެން އެކަމަށް މަސައްކަތްކުރުމަށެވެ.
އިސްރާފުކޮށް ފައިސާ ހުސްކުރުމަށްފަހު ވަކީލްކޮށްފީމޭ ބުނުމުގެ ޙައްޤު ހަމައެކަކަށްވެސް ލިބިގެނެއް ނުވެއެވެ. ވީމާ ވަކީލްކުރުމުގެ މާނައާއި މަޤްޞަދު އޮޅުވާލައިގެން ނުވާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން