ބައިވެރިޔާގެ ކިބައިން ކުށެއް ފެނުމުން ފުރަތަމަ ކަމަކަށް އެކަން އެހެން މީހުންނަށް އަންގާނަމަ އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެ! ވަކިވާންޖެހުންވެސް ކައިރިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ބައިވެރިޔާގެ ކިބައިން ކުށެއް ފެނުމުން ފުރަތަމަ ކަމަކަށް އެކަން އެހެން މީހުންނަށް އަންގާނަމަ އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެ! ވަކިވާންޖެހުންވެސް ކައިރިވާނެ!

ކޮންމެ މީހެއްގެވެސް އެކުވެރިންނާއި ގާތް މީހުންވެސް ތިބޭނެއެވެ. ނަމަވެސް ދެމަފިރިންގެ ކަންކަން ޚާއްޞަކޮށް އެކަކަށް ކުރެވޭ ކަމަކާއި ހިތްހިމަނުޖެހޭއިރަށް އެކަމުގެ ވާހަކަ އެއިން އެއްވެސް މީހެއްގެ ގާތުގައިވެސް ދައްކަންވާނީ މަޖުބޫރު ޙާލަތުގައެވެ. އެއީ ނަޞޭޙަތްދިނުމުން އެކަމެއް އިޞްލާޙްނުކޮށްފިނަމައެވެ.

ކިތަންމެ ގާތް މީހެއްގެ ކިބައިންވެސް ތިމާ ހިތް ނުއެދޭ ކަންކަން ނުވަތަ ކަމެއް ފެނިދާނެއެވެ. އަނބިދަރިންގެ ކިބައިންވެސް ފެނިދާނެއެވެ. އެފަދަ ކަމެއް ފެނިއްޖެނަމަ އެވާހަކަ ދައްކަންވާނީ އެމީހެއްގެ ގާތުގައެވެ. އެހެން މީހުންގެ ގާތުގައި އެވާހަކަ ދެއްކުމުން އެމީހަކު އަންނާނީ ރުޅިއެވެ. ކުރާނީ ނަފްރަތެވެ.

އެކަން އެންމެ ރަނގަޅަށް އެނގޭ ސަބަބަކީ ތިމާގެ ކިބައިން ފެނުނު ކަމެއްގެ ވާހަކަ އެހެން މީހެއްގެ ގާތުގައި މީހަކު ދައްކައިފިނަމަ ތިމާއަށް ރުޅި އައުދެވޭ ކަމެވެ. ނަފްރަތުކުރެވޭ ކަމެވެ. ވީމާ އެހެން މީހުންނަށްވެސް ވާނީ އެހެން ކަމަށް ޤަބޫލުކުރަންވާނެއެވެ.

ޚާއްޞަކޮށް އަނބިދަރިންގެ ނުވަތަ ފިރިމީހާގެ ކަންކަމުގެ ވާހަކަ އެހެން މީހުންގެ ގާތުގައި ޝަކުވާގެ ގޮތުގައި ދެއްކުމަކީ ވަރަށް ނުބައިކަންބޮޑު ކަމެކެވެ. ވީމާ އެފަދަ ކަމެއް ފެނިއްޖެނަމަ އެމީހަކާއި ވާހަކަދައްކާށެވެ. އިޞްލާޙް ނުކޮށްފިނަމަ ހެޔޮލަފާ ، އިތުބާރުކުރެވޭ މީހެއްގެ ގާތުގައި ދައްކައިގެން އޭނާއަށް ނަޞޭޙަތްދޭން މަސައްކަތްކުރާށެވެ. ނޫންނަމަ އެކަން ވެގެންދާނީ އެމީހަކު ފަޟީޙަތްކުރުމުގެ ޢަމަލަކަށެވެ.

ބުނަން ހެއްޔެވެ؟ އެއްވެސް މީހެއްގެ ޒާތީ ކަންކަމާއި ގުޅިގެން އެހެން މީހުންގެ ގާތުގައި ޝަކުވާކުރުމަކީ ނެތިމޮށުމެވެ. އެމީހެއްގެ ކިބައިގައި އިޞްލާޙްކުރަންޖެހޭ ކަމެއް ހުރިނަމަ އެކަމެއް ފާހަގަކޮށް ފުރަތަމަ ބުނެދޭން ޖެހޭނީ އެމީހަކަށެވެ! ނެތިމޮށުމުން ލިބޭނީ ޢަޛާބެވެ! ހެޔޮ ނަޞޭހަތެއް ލިބުމުން ލިބޭނީ ޘަވާބެވެ! އިން ޝާ ﷲ

ކޮންމެ މީހެއްގެ ކިބައިގައިވެސް އެހެން މީހުން ޤަބޫލުނުކުރާ ސިފަތަކެއް ހުންނާނެއެވެ. ވީމާ މީހުންގެ ސިފަތަކަށް ޝަކުވާ ކުރުމުގެ ބަދަލުގައި އެމީހަކީ ތިމާ ނުރުހޭ ސިފަތަކެއް ހުރި މީހަކު ނަމަ އޮތީ އެމީހަކާއި ދުރުހެލިވުމެވެ. މީސްމީޙުންގެ ޒާތީ ކަންކަމާއިބެހި ޝަކުވާކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.

އަދި ސުވާލުކޮށްލާށެވެ! "ތިބާ ކުރާ ހުރިހާ ކަންކަމުގަ ތިއަ ޢަމަލުކުރަނީ ތބާ ތިއަ ޝަކުވާކުރާ މީހާ ރުހޭ ގޮތަށް ހެއްޔެވެ؟ ތިބާއަށް ޢަމަލުކުރަން ފެންނަ ގޮތަށް ނޫން ހެއްޔެވެ؟ ވީމާ އޭނާއަށް ފެންނަ ގޮތަކަށް އޭނާ ކަންކަން ކުރުމުން އެހެން މީހުންގެ ގާތުގައި ޝަކުވާކުރަން ތިބާއަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟"

އެހެން މީހުންގެ ވާހަކަދައްކައި ޝަކުވާކުރާ މީހުންނާ ދުރުހެލިވާން މިބުނަނީ އެކަމުގެ ސަބަބުން ތިބާގެ ހިތުގައި ބައަކަށް ނަފްރަތު އުފެދޭނެތީއެވެ. އަހަރެމެންނަކީ އެހެން މީހުންނަށް ނަފްރަތުކުރާ ބައަކަށް ވެގެން ނުވާނެއެވެ. އެކަން ޝަކުވާކުރާ މީހުންނަށް ވިސްނައިދޭން މަސައްކަތްކުރާށެވެ! އިޞްލާޙް ނުކުރިނަމަ އެކަން މަނާކޮށް އެފަދަ އަޑުތައް ނުއަހާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން