ތައުބާވެ ފާފަ ފުއްސަވައިދެއްވެވުމަށް އޮތް އެންމެ ރަނގަޅު ވަޤުތު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ތައުބާވެ ފާފަ ފުއްސަވައިދެއްވެވުމަށް އޮތް އެންމެ ރަނގަޅު ވަޤުތު-: މުފްތީ މެންކް

ފިހާރަތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގެ ނަންބޯޑުގައި 7/24 ޖަހާފައި އިންދާ ފެނޭ ނޫން ހެއްޔެވެ؟ އެއިގެ މާނައަކީ ކޮންމެ ދުވަހެއްގެ ހުރިހާ ވަޤުތުތަކެއްގައިވެސް ޚިދުމަތް ލިބޭނެ ކަމެވެ. ތައުބާވެ ފާފަފުއްސަވައި ދެއްވެވުމަށް އެދުމުގައިވެސް އޮތީ ހަމަ އެގޮތެވެ.

މީސްތަކުންނޭވެ! އާދަމްގެފާނުގެ ދެކަނބަލުންނަށް ބޮޑުވެގެންވާ ފާފައެއް ކުރެއްވެވުނެވެ. ﷲ ތަޢާލާ އެދެ ކަނބަލުންނަށް ޙަރާމްކުރައްވަވާފައިވާ ކަމެއް ކުރެއްވެވުނެވެ. އެބޮޑު ފާފަކުރެއްވެވުނުކަން އެނގިވަޑައިގަތުމާއިއެކު ފުރަތަމަ ކަމަކަށްވެސް އަވަސްވެވަޑައިގަތީ ކުރެއްވެވުނު ކުށަށް އިޢްތިރާފްވެވަޑައިގެން ފާފަފުއްސަވައިދެއްވެވުން އެދި ދެންނެވުމަށެވެ.

އެދެކަނބަލުން އެގޮތަށް ޢަމަލުފުޅު ކުރެއްވެވުމުން ވަގުތުން ޢަޛާބު ދެއްވެވީއެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެދެކަނބަލުން އެދިވަޑައިގެންނެވި ފަދައިން ފާފަފުއްސަވައި ދެއްވެވީއެވެ. ދުނިޔޭގައި އެކަލާނގެ ރަޙްމަތުގައި ލެއްވެވީއެވެ. މިކަމުން އެނގިގެންދަނީ އެންމެހައި މީސްތަކުންނަށްވެސް އޮތީ ފާފައެއް ކުރެވުމުން ﷲ ތައާލާއަށް ބިރުވެތިވެ، ކުރެވުނު ކުށް ޤަބޫލުކޮށް ވީހާއަވަހަކަށް ތަޢުބާވުން ކަމެވެ.

 

މީސްތަކުންނޭވެ! ރުއާއި ދުވާލުގެ ކޮންމެ ވަގުތަކީވެސް ތައުބާވުމަށް އޮތް ވަގުތެވެ. އެންމެ މާތް ވަގުތަކީ ރޭގަނޑުގެ ފަހު ދަންފަޅިކަމަށްވުން އެގަޑީގައި ނުވަތަ އެންމެ މާތް ދުވަހަކީ ހުކުރު ދުވަސްކަމަށްވުމުން ހުކުރު ދުވަހު ތައުބާވާން މަޑުނުކުރާށެވެ! ވަގުތުން ތައުބާވަމުން ގެންދާށެވެ! އެންމެ މާތް ވަޤުތުތަކުގެ ބޭނުންހިފަންވީ ﷲ ތަޢާލާއަށް އަޅުކަންކުރުމަށާއި ޛިކުރުކުރުމަށާއި ދުޢާކުރުމަށެވެ.

ތައުބާވުމަށް އެދޭމީހާ ފުރަތަމަ ކަމަކަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ މިންވަރަށް އަޢުރަނިވާކުރާށެވެ! ނަމާދު އެނަމާދުގެ ވަގުތުގައި ކުރަމުންގެންދާށެވެ! ތައުބާވުމާއި ހެޔޮ ޢަމަލުތައް ކުރުމަކީ އަޅުކަމުގެ މޫސުމުގައި ނުވަތަ އެންމެ ރަނގަޅު ވަގުތުގައި ކުރާކަމަކަށް ނުހަދާށެވެ! ފާފައެއް ކުރެވުމުން ބިރުވެތިވެ ވަގުތުން ތަޤްވާވެރި ނުވެވޭނަމަ އެއީ ﷲ ތަޢާލާ ދެކެ ލޯބިވުން ކަމަކަށް ނުވާނެއެވެ! ބިރުވެތިވުމާއި ތަޤްވާވެރިވުން ކަމަކަށްވެސް ނުވާނެއެވެ!

ކުރިން މިބުނި ފަދައިން ރޭގަނޑުގެ ފަހުބައިގައާއި ހުކުރު ދުވަހު އަޅުކަންކުރުމާއި ދުޢާކުރުން ގިނަކުރާށެވެ! ފާފައެއް ކުރެވުމުން ވަގުތުން އެކަމަށް ބިރުވެތިވެ ތައުބާވާ މީހުން ދެކެ ﷲ ތައާލާ ލޯބިވެވޮޑިގަންނަވާއިރު ދުޢާކުރުމުގެ ކުރިން (ކޮންމެ ފާފައެއް ކުރެވުމުން ވަގުތުން) ތައުބާވަމުން ގެންދާ މީހާގެ ދުޢާ ޢިޖާބަކުރެއްވެވުމަށް އޮތް ފުރުޞަތު ބޮޑުވެގެންދާނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ!

ވީމާ ހެޔޮކަންބޮޑުވެގެންވާ ވަގުތުތަކުގައި ދުޢާކުރަން ތައްޔާރުވާން ފުރިހަމަކުރަންޖެހޭ ފުރަތަމަ މަރުޙަލާ ފުރިހަމަކުރަމުން ގެންދާށެވެ! އެއީ ފާފައެއް ކުރެވިއްޖެ ނަމަ ވަގުތުން ތައުބާވުމެވެ. ނަމާދުކުރަން ސަމާލުކަންދިނުމެވެ. އެކަންކަން ކުރެވޭނީ ﷲ ތަޢާލާއަށް ބިރުވެތިވާ އަޅަކަށްވެވިގެންނެވެ.

---މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން