ރޭއަޅުކަމަށާ ފަތިސްނަމާދަށް ނުހޭލެވޭނަމަ ނިކަން މިސުންނަތަށް ޢަމަލުކޮށްބަލަ- ޝައިޠޯނާ ތިބާ ދޫކޮށް ދުވެ ފިލާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ރޭއަޅުކަމަށާ ފަތިސްނަމާދަށް ނުހޭލެވޭނަމަ ނިކަން މިސުންނަތަށް ޢަމަލުކޮށްބަލަ- ޝައިޠޯނާ ތިބާ ދޫކޮށް ދުވެ ފިލާނެ! އިން ޝާ ﷲ

ގިނަ ބައަކަށް ރޭއަޅުކަން ކުރަން ނުފެށިތިބީ ނުހޭލެވޭތީއެވެ. ޤަވާޢިދުން ނުހޭލެވިޑާނެ ކަމުގެ ބިރަށެވެ. އެއަށްވުރެވެސް ބޮޑު މައްސަލައަކީ ފަތިސްނަމާދަށް ނުހޭލެވޭ ކަމެވެ. މި މައްސަލަތައް ޙައްލުނުކޮށް ސުވަރުގެ ހޯޑޭނީވެސް ކިހިނަކުން ހެއްޔެވެ؟

އެކިކަންތައް އެކި މީހުންނަށް ތަޖުރިބާކުރެވޭނީ އެކިގޮތަށެވެ. އެކި ކަންކަން ކުރަން މަގުފަހިވެގެންދާނީ އެކި ސަބަބުތައް މެދުވެރިވެގެންނެވެ. މިކިޔައިދެނީ ރޭއަޅުކަމަށާއި ފަތިސްނަމާދަށް ހޭލަން ބޭނުންވެ، ހޭލެވުނު ނަމަވެސް ތެދުވަން ކަންނެތްވެފައި ހުރި މީހަކަށް އެކަން އިޞްލާޙްކޮށް ޝައިޠޯނާ ބަލިކަށިކޮށްލަން މެދުވެރިވި ސަބަބުގެވާހަކައެވެ. ޝައިޚް ދެއްވި ނަޞޭޙަތާއި ނަޞޭޙަތަށް ޢަމަލުކުރުމުން ލިބުނު ކާމިޔާބުގެ ވާހަކައެވެ.

އޭނާ ބުންޏެވެ.

"އެއްދުވަހަކު އަހަރެން ބައިވެރިވި ދަރުސެއްގައި ޝައިޚް އަބޫބަކުރު ޒައުދު ވިދާޅުވިއެވެ.

މީސްތަކުންނޭވެ! ރޭގަނޑުގެ ނަމާދަށާއި ފަތިސް ނަމާދަށް ނުހޭލެވެނީ ރަސޫލް (ﷺ)ގެ ސުންނަތަށް ޢަމަލުނުކުރެވޭތީއެވެ. ބައެއް މީހުން ބުނެއެވެ. ތިމަންނާ ހޭލަން މަސައްކަތްކުރީމެވެ. ހޭވެސް ލެވެއެވެ. ނަމަވެސް ކަންނެތްވެފައި އޮށޯވެލެވެނީއެވެ. ދެން ނުހޭލެވެނީއެވެ.

އެއީ އެކަން މެދުވެރިވާނެވެސް ގޮތެވެ! ތިބާ އާއިއެކު ތިއްބެވި ރަޙްމަތުގެ މަލާއިކަތުން ތިބާ ނަމާދަށް ހޭލުއްވެވިއެވެ. ނަމަވެސް ތިބާ ޝައިޠޯނާގެ ބަހަށް ހެއްލި އަލުން އޮށޯވެ ނިދީއެވެ. ތިބާގެ މައްޗަށް ޝައިޠޯނާއަށް ބާރުގަދަވެވުނީ ތިބާ ޝައިޠޯނާއަށް ފުރުޞަތު ދިނުމުންނެވެ.

ޢައިޝަތުގެފާނު ވިދާޅުވެފައިވަނީ ރޭގަނޑުގެ ނަމާދަކަށް ރަސޫލް (ﷺ) އަށް ހޭފުޅު ލެއްވެވުމާއިއެކު ތެދުވެވަޑައިގަތުމަށް އަވަސްވެވަޑައިގަންނަވާކަމަށެވެ. އަވަސް އަވަހަށް ވުޟޫ ކުރައްވަވައިގެން ނަމާދަށް ފަށްޓަވާ ކަމަށެވެ.

ނިކަން މި ސުންނަތަށް ޢަމަލުކޮށްބަލާށެވެ! ހޭލެވުމާއިއެކު ފުންމައިގެން ތެދުވެބަލާށެވެ! މީސްތަކުންނޭވެ! މީހަކު އައިސް ގޮވަންދެން މަޑުކުރާކަށް ނުޖެހެއެވެ. ފޯނުންވިއަސް ގަޑިއަކުން ވީނަމަވެސް ސޯނާގެ އަޑު އިވުމާއިއެކު ފުންމައިގެން ތެދުވެބަލާށެވެ! ވުޟޫކޮށްގެން ނަމާދުކުރަން އަވަސްވެގަނެބަލާށެވެ! ޝައިޠޯނާ ބަލިކަށިވެ ނިކަމެތިވެގެންދާނެއެވެ.

މީހަކު އައިސް ހެޔޮ ޢަމަލުތައް ކުރަން ބުނަންދެން މަޑުނުކުރާށެވެ! އެކަމަށް އެންމެ މަތީ ފަރާތުން (ﷲ ތަޢާލާ) ވަނީ މާކުރިން އަމުރުފުޅުކުރައްވަވައިފައެވެ. އެއަމުރުފުޅަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާށެވެ. އެއިރުން ﷲ ތަޢާލާ ތިބާއަށް ހުރިހާ ކަންކަމަށް މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ. އަޅުކަންކުރުމަށްވެސް އަދި އަދި ތިބާ އެދޭ ކަންކަން ޙާޞިލުވުމަށްވެސް މެއެވެ! އިން ޝާ ﷲ"

ޝައިޚްގެ ވާހަކަފުޅު އަޑު އިވުމުން ހީވީ ސީދާ އަހަރެންނަށް އަމާޒުކުރައްވައި ވިދާޅުވި ބަސްފުޅުތަކެއްހެންނެވެ. ސަބަބަކީ އެއީ އެހައިތަނަށް އަހަރެންނަށް ކަންކަން މެދުވެރިވަމުން އައިގޮތެވެ. ހޭލެވެއެވެ. ނަމަވެސް އޮށޯވެ ނިދެނީއެވެ.

އެ ދަރުސަށްފަހު ޝައިޚް ވިދާޅުވިފަދައިން އެސުންނަތަށް އަމަލުކުރަން ފެށީމެވެ. ހަމަ ދެތިން ރޭ އަމަލުކުރާއިރަށް އާދަވެސް ވެއްޖެއެވެ. އެއިގެފަހުން މިހައިތަނަށް އަހަރެން ދަމުނަމާދެއްވެސް ފަތިސް ނަމާދެއްވެސް ނުކޮށް ދޫކޮށްލެވިފައެއް ނުވާނެއެވެ."

ލޮބުވެތި އަޚުންނާއ އުޚުތުންނޭވެ! ތަޖުރިބާކޮށްލާށެވެ! ހަމަ ކޮންމެ މީހަކަށްވެސް ހިތްވަރާއި ޢަޒުމާއިއެކު ކުރިމަތިލުމުން ކާމިޔާބީ ޙާޞިލުކުރެވޭނެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން