ބިދޭސީންގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ 1.8 ބިލިޔަން ރުފިޔާގެތެރެއިން 1.1 ބިލިޔަން ރުފިޔާ ހޯދިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 1.8 ބިލިޔަން ރުފިޔާއަށް އަރާކަމަށް ފާހަގަކުރެއްވިއެވެ. މިހާރު ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 600 މިލިޔަން ރުފިޔާއަށް ކުޑަކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، އެ ވުޒާރާއިން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ޕްރޮގްރާމްގެ ދަށުން މިހާތަނަށް 44,000 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރެވިފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އިތުރު މަސައްކަތްތައް
ވުޒާރާގެ އެހެނިހެން މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، މިއަހަރުގެ ތެރޭގައި ރާއްޖޭގެ 3 ސަރަޙައްދެއްގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ފަރުވާއާއެކު ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުތަކެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، "މިދިޔަ އަހަރު 1.2 ބިލިޔަން ރުފިޔާގެ ޑްރަގް ހުއްޓުވާފައިވާކަމަށާއި، އަތޮޅުތަކަށް ޚާއްސަކޮށްގެން ޑްރަގް ނައްތާލުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މިގޮތުން ފުވައްމުލައް ސިޓީގައި ޑްރަގް ކެފޭތައް ހަދައިގެން ވިއްކުން ހުއްޓުވައި، އެކަންކަން ކުރަމުން އައި މީހުން ހައްޔަރުކޮށް، އެންމެ އިސްކޮށްތިބި މީހުންނަށް އަދަބު ދެމުންދާނެ" ކަމަށެވެ.