ވަޤުތަކީވެސް ﷲ ތަޢަލާ ދެއްވަވާ ވަރަށް ބޮޑު ނިޢުމަތެކެވެ. ނަމަވެސް އެނިޢުމަތުގެ ފައިދާކުރާނީ ނިޢުމަތުގެ ބޭނުން ހިފި މީހަކަށެވެ. އެކަން އޮތީ ވަޤުތުގެ ބޭނުން އެމީހަކު ކުރި ގޮތެއްގެ މައްޗަށެވެ.
އިންސާނުންގެ ޙަޔާތުގައި އެންމެ މުހިންމީ ވަޤުތެވެ. ގެއްލިއްޖެ އެހެން ކޮންމެ އެއްޗެއްވެސް އަނބުރައި ހޯދިދާނެއެވެ. ނަމަވެސް ގެއްލުވައިލެވޭ ނުވަތަ ބޭކާރުކޮށްލެވޭ ވަޤުތަކީ އަނބުރައި ހޯދޭނެ އެއްޗެއް ނޫނެވެ. ވަޤުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން މަސައްކަތްކުރަން ދީނުގައި އޮންނަ ސަބަބަކީވެސް އެއީއެވެ.
ކަންމިހެން އޮތް ނަމަވެސް ގިނަ މީހުންނަކީ ވަޤުތައް ސަމާލުކަންދީ ވަޤުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން މަސައްކަތްކުރާ ބައަކު ކަމަށް ބުނެވޭކަށް ނެތެވެ. ފުރަތަމަ ސަބަބަކީ އަޅުކަންކުރަން ހޭދަކުރާ ވަޤުތަށްވުރެ ކޮފީ މޭޒުތަކުގައި ނުވަތަ އެނޫންވެސް ބޭކާރު ކަންކަމަށް ހޭދަކުރާ ވަޤުތު ގިނަވުމެވެ.
މިގޮތުން ބަލާއިރު މިއަދު އެންމެ ގިނަ ބައަކު އެންމެ ގިނަ ވަގުތުތައް ހޭދަކުރަނީ އެހެން މީހުން ތިމާ އާއިމެދު ދައްކާ ވާހަކަތަކަށް ސަމާލުކަން ދިނުމުގައެވެ. ފަތުރާ ވާހަކަތަކަށް ރައްދު ދިނުމަށާއި އަޅުވާ އިލްޒާމްތަކުން ދިފާޢުވާން މަސައްކަތްކުރުމުގައެވެ.
ޙަޤީޤަތަށް ބަލައިފިނަމަ އެހެން މީހުން ދައްކާ ވާހަކަތަކަށް ރައްދުދީ އެވާހަކަތައް ދޮގުކުރަން މަސައްކަތްކުރުމުގައި ވަގުތުތައް ހޭދަކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެމީހުން ފަތުރާ ދޮގު ވާހަކަތަކުން ދެ ދުނިޔޭގައިވެސް ތިބާއަށް ކުރާނީ ފައިދާއެވެ. ހަމައެކަނި ކުރަންވީ ކަމަކީ ތިމާ ސީދާމަގުގައި ސާބިތުވެ ހުރުމެވެ.
ހަނދާނަށް ގެންނާށެވެ! މައްކާގެ މުޝްރިކުން ރަސޫލް (ﷺ) ގެ އިސްތަށިފުޅުގައި ނުއަޅުވަނީ ކޮންކަމެއް ހެއްޔެވެ؟ ނުކުރަނީ ކޮން މަލާމާތެއް، ފުރައްސާރައެއް ހެއްޔެވެ؟ ކުރަން މަސައްކަތް ނުކުރަނީ ކޮން އަނިޔާއެއް ހެއްޔެވެ؟ ޤަތުލުކޮށްލަން ނުއުޅޭ ހެއްޔެވެ؟ ނަތީޖާޢަކީ ކޮބައިހެއްޔެވެ؟ ގެއްލެނިވެގެންދިއައީ ކޮންބައެއް ހެއްޔެވެ؟
އެހާލުކޮޅުގައި ﷲ ތަޢާލާ ރަސޫލް (ﷺ) އަށް ވަހީކުރެއްވެވި ފަރުވާއަކީ އެކަމަށް އޮތް އެންމެ ބޮޑު ޙައްލެވެ. ފަރުވާއެވެ. އެކަމުގެ ފައިދާ އަހަރެމެންނަށް ވެސް އޮތީ ހަމަ ޙާޞިލުކުރެވޭށެވެ! އެހެނީ ކީރިތި ޤުރްއާނުގައި އެކަން ބަޔާންކުރައްވަވާފައި އެވަނީ ހަމަ އަހަރެމެންވެސް އެކަމުން ފައިދާ ލިބިގަތުމަށެވެ.
ﷲ ތަޢާލާ ވަޙީކުރެއްވެވީ ތަސްބީޙް ވިދާޅުވުން ގިނަކުރެއްވެވުމަށާއި ސަޖިދަކުރެއްވެވުން ގިނަކުރެއްވެވުމަށެވެ. މާނައަކީ ﷲ ތަޢާލާ ހަނދުމަކުރުން ގިނަކުރުމާއި ކިޔަމަންތެރިކަން އަދާކުރުން ގިނަކުރުމެވެ. އިތުރަށް ކުއްތަންވުމަށް މަސައްކަތްކުރުމެވެ.
މީހުން ދައްކާ ވާހަކަތަކަށް ކަންބޮޑުނުވާށެވެ! ﷲ ތައާލާ އަންގަވާފައިވާ މަގުން ޢަމަލުކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ހުރިހާ ކަމެއް އެވަނީ ޙާޞިލުކުރެވިފައެވެ. ދުނިޔެއާއި ޢާޚިރަތް އެވަނީ ލިބިގަނެވިފައެވެ. ވީމާ އެހެން މީހުން ދައްކާ ވާހަކަތަކަށް ކަންބޮޑުވާން ވަގުތުތައް ބޭކާރުނުކޮށް ތަސްބީޙް ކިޔުމާއި ސަޖިދަކުރުން ގިނަކުރާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން