ކަނުލޯބިވުމަކީ އަނެކާއަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ކަނުލޯބިވުމަކީ އަނެކާއަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާ!

ލޯބިވެރިންނާއި، ބައިވެރިޔާއާއި ދަރިންނާއި އަދި ޢާއިލާގެ މީހުން، ޖުމްލަކޮށް އެންމެން ހިމަނައި ބުނަމެވެ. އެއްވެސް މީހަކު ދެކެ ކަނުލޯބިނުވާށެވެ! އެއީ މީހަކަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާއެވެ. ކުރާ ނުބައި ޢަމަލުތައް ނުފެނުމާއި އެކަންކަމަށް ރުހުމަކީ ނުބައި ޢަމަލުތައް ކުރަން ދެވޭ ހިތްވަރަކަށްވާތީއެވެ.  

އެއީ ކޮންމެ މީހަކު ނަމަވެސް އެމީހަކަށް ހެޔޮއެދޭނަމަ އޭނާއަށް ކުރެވޭ ކުށްތައް ފާހަގަކޮށް ނަޞޭޙަތްތެރިވާށެވެ. އިޞްލާޙްކުރުވަން މަސައްކަތްކުރާށެވެ! އަދި އެމީހަކު ނަޞީޙަތް ޤަބޫލުނުކުރާނަމަ، އަދި އެއީ ތިމާއަށް ބާރުފޯރުވެން އޮތް މީހަކުނަމަ ފިޔަވަޅުވެސް އަޅާށެވެ!  

ކުރިން ބުނިފަދައިން އެއީ ލޯބިވެރިޔާ ނަމަވެސް ބައިވެރިޔާ ނަމަވެސް، ޢާއިލާގެ މީހަކު ނަމަވެސް އެކުވެރިއަކު ނަމަވެސްމެއެވެ. އަދި އަމިއްލަ ދަރިންނަމަވެސް މެއެވެ. ހެޔޮ ނަޞޭޙަތް ދިނުމުން ޤަބޫލުނުކުރާނަމަ އޮތީ އެމީހަކާއި ދުރުވުން ހުއްދަ މިންވަރަށް ދުރުވުމެވެ. ހުއްދަމިންވަރަށް އެހީތެރިކަން ފޯރުކޮށްދިނުން ކުޑަކުރުމެވެ. އެކަމަކުން ފާފަވެރިއެއް ނުވާނެއެވެ. އަނެކާ އިޞްލާޙްކުރަން ކުރާ މަސައްކަތަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ކަނު ލޯބީގަ ވާވަނުމުން ރޭ ދުވާވެސް ވަކިނުވާނެ!: ޝައިޚް ޢަލީ ޒައިދު 

"ކަނު ލޯތްބަކީ ހާދަ ގިނަ ބައަކު ވާވަންނަ އެއްޗެކެވެ. ކަނު ލޯބިވުމުން ރޭގަނޑު ހަނދު ދައްކާފައި އެހެރީ އިރު ކަމަށް ބުނުމުން ވެސް ޤަބޫލުކުރާ ބައަކު އުޅެއެވެ."  

މިއީ ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވާ ބަސްފުޅެކެވެ.  

އަމިއްލަ ފަރުދުންނަށް ބަލައިފި ނަމަ އެމީހަކު ބައިވެރިޔާ ދެކެ ލޯބިން އުޅޭ ދުވަސްތަކުގައި އެމީހަކު ކިތަންމެ ނުބައި އަމަލުތަކެއް ކުރި ނަމަވެސް އެ ކުރަނީ ކުށެއް ކަމަށްވެސް ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ. ބޮޑެތި ކުށްތައް ކުރުމުން ނަޞޭޙަތްދޭން ފަސްޖެހެއެވެ.  

ދަރިން ކުރާ ނުބައި އަމަލުތައް ފެންނަ ކަމަށް ނުހަދާ މައިންބަފައިންވެސް އުޅެއެވެ. ދަރިން ވައްކަންކުރާއިރުވެސް ޑްރަގް ބޭނުންކުރާއިރުވެސް ހިލޭ އަންހެނުން ގެއަށް ވައްދައި ކޮޓަރިއަށް ގެންގޮސް ޒިނޭކުރާއިރުވެސް ނުފެންނަކަމަށް ހަދައިގެން ތިބުމަކީ ވެސް ކަނުލޯބިވުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. 

ޝައިޚް ފާހަގަކުރައްވާފައި އެވަނީ މިބާވަތުގެ ކޮންމެ ކަމަކީ ވެސް ކަނު ލޯބިވުން ކަމެވެ. ޙަޤީޤީ ލޯބިވާނަމަ އެމީހަކު އެފަދަ ކަންކަމުން ސަލާމަތްވާން މަސައްކަތްކުރާނެ ކަމެވެ.

 

މިއަދު އޮންލައިން