މާލޭގައި ތިމާވެއްޓާ ރަށްޓެހި ޕާކިންގ ބިލްޑިންގތަކެއް އެޅުމަށް ސަރުކާރުން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
މާލޭގައި ތިމާވެއްޓާ ރަށްޓެހި ޕާކިންގ ބިލްޑިންގތަކެއް އެޅުމަށް ސަރުކާރުން ނިންމައިފި

މާލޭގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، މާލޭގެ 4 ސަރަހައްދެއްގައި ތިމާވެއްޓާ ރަށްޓެހި، އިއާދަކުރަނިވި ހަކަތައިން ހިންގާ ޕާކިންގ ބިލްޑިންގތަކެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒް، އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިންގ އެހީގެ ދަށުންނެވެ. އަދި މި ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށުމަށް މަސައްކަތް ކުރެވެމުންދާކަން އުފަލާއެކު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ސަބަބުން މާލޭގައި ދިމާވެފައިވާ ޕާކިންގ ދަތިކަމަށް ޙައްލެއް ލިބި، އަދި ތިމާވެއްޓާ ރަށްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ. 

މި ރިޔާސީ ބަޔާނަކީ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ފެށުމަށްޓަކައި ބޭއްވުނު ޖަލްސާގައި ދެއްވި ބަޔާނެވެ. މި ބަޔާނުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒް ވަނީ ސަރުކާރުގެ ތަރައްޤީގެ ޕްލޭންތަކާއި އަދި ކުރިއަށް އޮތް އަހަރުގެ ލަނޑުދަނޑިތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން