ގދ. ނަޑެއްލާގެ އައު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މިއީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާބެހޭ ވުޒާރާގެ އެދުމުގެ މަތިން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މާލީ ވުޒާރާއިން މިކަމާ ގުޅޭގޮތުން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ބީލަން ކުރިއަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުންނެވެ. މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 1،500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރޭޝަން ފީ ދެއްކުމަށްފަހު، އެފަރާތުގެ ނަމާއި، އެޑްރެސް، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެހާއެކު ފައިސާ ދެއްކި ރަސީދުގެ ކޮޕީއެއް ހުށަހަޅަންޖެހޭނެ ކަމަށް ވުޒާރާއިން ވަނީ އަންގާފައެވެ.
މި މަޝްރޫޢުގެ ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 25 ވަނަ ދުވަހުގެ 13:00 ކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށެވެ. ހުށަހެޅޭ ބިޑުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ 13:00 ގައެވެ.