ފުވައްމުލަކުގެ ޑްރަގް ކެފޭތައް ހުއްޓުވައި، އެކަމުގައި ޝާމިލުވި ފަރާތްތައް ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ފުވައްމުލަކުގެ ޑްރަގް ކެފޭތައް ހުއްޓުވައި، އެކަމުގައި ޝާމިލުވި ފަރާތްތައް ހައްޔަރުކޮށްފި

ފުވައްމުލަކުގައި ކެފޭގެގޮތުގައި ހިންގަމުން އައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، އެކަމުގައި ޝާމިލުވި ފަރާތްތައް ހައްޔަރުކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނާ ގުޅޭގޮތުން ބޭއްވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު އެކަނިވެސް 1.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ވަނީ ހުއްޓުވާފައެވެ. މީގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކަސްޓަމްސް ގުޅިގެން އިންޓެލިޖެންސަށް ބިނާކޮށް އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ.

"އޭގެ ތެރެއިން ކާމިޔާބުކަމާއެކު އެއް އަތޮޅު އަޅުގަނޑުމެން ވަނީ ކާމިޔާބުކަމާއެކު އެއްކޮށްކަހަލަގޮތަކަށް ނިންމާފައި. ޏ. އަތޮޅު ފުވައްމުލައް. ފުވައްމުލަކުގައި ކެފޭއެއްގެ ގޮތުގައި ތަންތަން ހަދައިގެން ޑްރަގް މީހުންނަށް ދެމުންގެންދާ ތަންތަން އެއްކޮށް ހުއްޓުވައި އެކަންކަން ކުރަމުން އައި މީހުން ހިފާ ހައްޔަރުކޮށްފައިވާނެ," ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މުޖުތަމައުގައި އެކަހެރިވެފައި ތިބި ފަރާތްތަކަށް ދައުލަތުގެ ފަރުވާގެ ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދީ، އަނބުރާ މުޖުތަމައަށް ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިއަހަރުގެ ތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރާއެކު ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ފަރުވާދެވޭ ގޮތަށް ތިން މަރުކަޒެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މިއަދު އޮންލައިން