މިމަހުގެ 6 ވަނަ ދުވަހު މަސްވެރިން ކިރުވި މަހަށް 6.5 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފިއެވެ. މިއީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން، އެންމެ ގިނަ ފައިސާ ދޫކުރެވުނު ދުވަހެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިންނަށް ޖުމްލަ 117 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު 122 އިންސައްތައިގެ އިތުރުވުމެކެވެ. ޑިސެންބަރު މަހު މަސްވެރިންނަށް ދޫކުރެވިފައިވަނީ 52 މިލިއަން ރުފިޔާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވަޢުދެއްގެ ގޮތުގައި ހިމެނޭ، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި ވަޢުދު ތަންފީޒުކުރަން ފެށިފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ.
މިފިޔަވަޅުތަކާއެކު މަސްވެރިކަމުގެ ސިނާޢަތަކީ މަންފާ އޮތް ސިނާޢަތެއްކަން ޤަބޫލުކުރެވި ކުރިން މިސިނާޢަތުން ބޭރުވި ޒުވާނުން އަނބުރާ ސިނާޢަތަށް ވަންނަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. އަދި މަސްވެރި ސިނާޢަތަށް މިދިޔަ 40 އަހަރު ނުގެނެސްދެވިވާ ތަރައްޤީ މިސަރުކާރުން ގެންނަވަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިކަންކަމުގެ ތަފްސީލު ރިޔާސީ ބަޔާނުގައި އިވިގެންދިޔަކަމަށެވެ.
" އެސިނާޢަތަކުން އެތައް ރައްޔިތެއް އެތަކެއް ޒުވާނުންނެއް ދޯނިފަހަރުތަކުން ފޭބި ސިނާޢަތެއް ގޮތުގައި، މިއަދު އެބަފެނޭ މަސްވެރިންނަށް ބަރާބަރަށް ފައިސާ ލިބެން ފެށުމުން އެއްކަލަ ދޯނިތައް މަސްކަނޑަށް ނިކުންނަން ފަށައިފި. ޒުވާނުން މަޑުމަޑުން ދޯނިތަކަށް އަރަން ފަށައިފި. މަސްވެރި ސިނާޢަތަށް މި ގެނެވެނީ 50 ނުވަތަ 60 އަހަރު ބަދަލާއެކު ދެމިތިބެވޭ ވަރުގެ ބަދަލެއް." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމާ ބެހޭ ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ މީގެ ކުރިން ޤާނޫނުގައި މަސްވެރިކަމުގެ ސިނާޢަތަށް މީހުން ތަމްރީނު ކުރާ ވާހަކަ އޮތްނަމަވެސް، އެކަމަށްވެސް ޢަމަލީ ސިފައެއް ގެނެސްދެއްވީ އަދުގެ ރައީސުލްޖުމްހޫރިއްޔާކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތުގެ އެކި ދާއިރާތަކަށް ޒުވާނުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
"މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުކަމަށް އަލުން ހެއްދެވުމަށް ޒަމާނާ އެއްގޮތަށް މަސައްކަތް ކުރައްވާތަން އެބަފެނޭ. ޤާނޫނުގައި ތަމްރީނުތަކުގެ ވާހަކަ ލިޔެފައި އޮތަސް އެއްވެސް ވެރިއަކަށް ޤާނޫނުގެ މިފޮޅުވަތް ނުފެނުނު. މިހާރު އެމްއެންޔޫއާއި ގުޅިގެން އެމަސައްކަތް މިވަނީ ފެށިފައި." ވަޒީރު ޝީޔާމް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން މަސްވެރިންނަށް ލިބެމުންދާ ފަސޭހައާއި ލުއިފަސޭހަކަން ފާހަގަކުރެވެއެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރެވެއެވެ.