ބައި އިލެކްޝަންގައި ޕީއެންސީން 33 ގޮނޑި ކާމިޔާބުކުރުމާގުޅިގެން ރައީސް ޑރ.މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ބައި އިލެކްޝަންގައި ޕީއެންސީން 33 ގޮނޑި ކާމިޔާބުކުރުމާގުޅިގެން ރައީސް ޑރ.މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންގައި ވެރިކަންކުރާ ޕާޓީ، ޕީއެންސީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ.

މި އިންތިޚާބުގައި ވާދަކުރި 37 ގޮނޑީގެ ތެރެއިން 33 ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު، މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އިންތިޚާބު ކާމިޔާބުކުރި މެންބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ބައި އިލެކްޝަންގައި 37 ގޮނޑީގެ ތެރެއިން އިންތިޚާބަކާ ނުލައި 24 ގޮނޑި އަދި އިންތިޚާބުގައި ވާދަކޮށްގެން 9 ގޮނޑި ކާމިޔާބުކޮށް، ޖުމްލަ 33 ގޮނޑި ޕީއެންސީއަށް ލިބިފައިވާ ކަމަށެވެ.

ޕީއެންސީން ކާމިޔާބުކުރި ގޮނޑިތަކުގެ ތެރޭގައި އަތޮޅު ކައުންސިލް ރައީސްކަމުގެ އެއް ގޮނޑިއާއި، ރަށު ކައުންސިލް ރައީސްކަމުގެ އެއް ގޮނޑި، އަދި ރަށު ކައުންސިލް މެންބަރުކަމުގެ 2 ގޮނޑި ހިމެނެއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 29 ގޮނޑިވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.

މި ކާމިޔާބީއާ ގުޅިގެން ރައީސް މުޢިއްޒު ވަނީ މާތްﷲ ހަޟްރަތަށް ހަމްދުކުރައްވާ، އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މި ކާމިޔާބީ ހޯދުމަށް މަސައްކަތްކުރެއްވި އެންމެހާ ފަރާތްތަކަށާއި، ވޯޓުލުމުގައި ބައިވެރިވި ރައްޔިތުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައިވެއެވެ.

މިއަދު އޮންލައިން