އެންމެންގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދެމަފިރިންގެ މެދުގައިވެސް އަދި ޢާއިލާގެ ތެރޭގައިވެސް އޮންނަންޖެހޭ ލޯބި ނެތިގެންދިއުމުގެ މައްސަލައެވެ. އެެހންވެ މިކިޔައިދެނީ އެންމެންގެ މެދުގައި ލޯބިއިތުރުވެ އަދި ޝައިޠޯނާގެ ކިބައިން ސަލާމަތްވެވުމުގެ އިތުރުން ޢަމަލުކުރުމުން ޘަވާބުވެސް ލިބެން އޮތް ކަމެއްގެ ވާހަކައެވެ. ގެއަށް ވަންނަމުން ކުރަންޖެހޭވެސް ކަމެއްގެ ވާހަކައެވެ.
ބައެއް މީހުން ގެއަށް އައިސް ދޮރުގެ ތަޅުހުޅުވާފައި ވަދެގެންދަނީއެވެ. ގޭގައި ތިބި މީހުންނަށް އެންމެ ކުޑަމިނުން ސަލާމްވެސްކޮށްނުލައެވެ. މިއީ މުސްލިމުން އެކަންކުރަން އޮތްގޮތެއް ނޫނެވެ. ގެއަށް ވަންނަންވާނީ ގޭގައި ތިބި ބައަކަށް ސަލާމްކުރަމުންނެވެ. އަދި ގޭގައި ތިބި މީހުން އޭނާގެ ސަލާމް ބަލައިގަނެ ޖަވާބުދޭންވެސް ޖެހޭނެއެވެ.
ވީމާ އެއީ ތިމާގެ އަމިއްލަ ގެ ނަމަވެސް ގެއަށް ވަންނަމުން އެންމެ ކުޑަމިނުން "އައްސަލާމް ޢަލައިކުމް" ކިޔައި ސަލާމްގޮވަންވާނެއެވެ. އަދި ގޭގައި ތިބިމީހުން ޖަވާބުދީ "ވަޢަލައިކުމުއްސަލާމް" ކިޔަންވާނެއެވެ.
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެގެން އުޅެނީ ގޭގެވެރިމީހާއަކީ މާބޮޑުމީހެއް ކަމަށާއި ބޮޑުމީހާކަމަށްވުމަކީ ސަލާމްގޮވުން ފަދަ ކަންކަން ކުރަން ނުޖެހޭނެ ސަބަބެއް ކަމަށެވެ. ދީނުގައި ކުރަންހުރި މިބާވަތުގެ ކަންކަމުގައި ބޮޑުމީހާއެއް ކުޑަމީހާއެއް ނެތެވެ. އެންމެންވެސް ޢަމަލުކުރަންވާނެއެވެ. ޘަވާބު ލިބޭނީވެސް ޢަމަލުކުރުމުންނެވެ.
ކޮންމެ މީހެއްގެ ކިބައިންވެސް ހެޔޮ ބަސްތައް އެންމެ ބޮޑަށް ބޭނުންވާނީ އެމީހުން ޢާއިލާއިންނެވެ. އެހެންވީމާ އެންމެ ގިނައިން ހެޔޮބަސްތައް ބުނެ އަޑުއިއްވަންވީވެސް ޢާއިލާގެ މީހުންނަށެވެ. އެކަމުގެ ސަބަބުން ގޭގައި ހަމަޖެހުން ބޮޑުވާނެއެވެ. ލޯބިއިތުރުވެގެންދާނެއެވެ! އަދި ކީއްހެއްޔެވެ؟ ގޭތެރޭގައި ފިތުނަ އުފައްދަން ޝައިޠޯނާއަށް ލިބޭ ފުރުޞަތުވެސް ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އިން ޝާ ﷲ
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން