ކުޑަކުޑަ ވާހަކައަކުން ފަށާނަމެވެ. ދެމަފިރިންގެ ކައިވެނި ރޫޅުނީއެވެ. ދަރިފުޅުހުރީ ބައްޕަގެ ގާތުގައެވެ. ބައްޕަ ދެވަނަ ކައިވެނިކުރުމާއިއެކު އަނބިމީހާ ބުނާހައިކަމެއް ކުރަމުންގޮސް ދަރިފުޅުގެ ކޮލެޖްފީ ދެއްކުންވެސް ހުއްޓައިލިއެވެ.
އެކަމާއި ދެރަވެގެންހުރެ ދަރިފުޅު ގޮސް މަންމައާއި ބައްދަލުކޮށް އެވާހަކަ ބުނުމުން މަންމަގެ އަތުގައި ހުރި ހުރިހާ ފައިސާ އެކުގައި ދަރިފުޅަށް ދީފައި ފީދައްކަން ބުންޏެވެ. އެއީ 10،000 ރިންގެޓެވެ. އެތަން ބަލަން ހުރެފައި ދޮންބައްޕަ އައިސް ދަރިފުޅުގެ އަތުން އެފައިސާ އަތުލައިގެން ގޭތެރެއަށް ވަނެވެ. ކުރެވޭނެ ކަމެއް ނެތުމުން ދެމައިން ދެރަވެފައި ތިއްބައި ދޮންބައްޕަ އެނބުރި އައިސް 30،000 ރިންގެޓް ދަރިފުޅުގެ އަތަށް ދީފައި ބުންޏެވެ. "އެފައިސާ އަތުލީ އެއިން މިއަހަރުގެ ފީ އެކުގައި ނުދެއްކޭނެތީއެވެ. މިހާރު ދެއްކޭނެއެވެ. ފީދައްކާށެވެ! އަދިވެސް ކަމަކު ބޭނުންވެއްޖިއްޔާ އަންނާށެވެ!"
އެހެން އެވީ ކީއްވެގެން ހެއްޔެވެ؟ އަނބިމީހާ އޭނާގެ ދަރިފުޅަށްދޭ ސަމާލުކަން ދޮންބައްޕައަށް އެނގޭތީއެވެ. އަނބިމީހާގެ ކިބައިން ތިމާއަށް ލޯބިލިބުން އިތުރުވާނީ އެދަރިފުޅަށް ހެޔޮކޮށް ހިތުން އިތުރުކުރި ވަރަކުންކަން ފިރިމީހާއަށް އެނގޭތީއެވެ. ދެން އަޑުއަހާށެވެ!
ދޮންދަރިންނަށް ނުބައިވުމުގެ ވާހަކަތަކަކީ ޢާންމު ވާހަކަތަކެކެވެ. ވަރަށް ގިނައިން ދެކެވޭ ވާހަކަތަކެކެވެ. އަހުރެންނަށް ލިބޭ މަޢުލޫމާތުގައި ދޮންދަރިންނަށް ގޯހީ ހަމައެކަނި ބައެއް ދޮންމަންމައިން އެކަންޏެއް ނޫނެވެ. ބައެއް ދޮންބައްޕައިންވެސް ގޯހެވެ.
މިފަދަ ކަންކަމާއި ގުޅިގެން ލިބޭ ޝަކުވާތަކަށްބަލާއިރު އަހުރެންނަށް ބުނެވެން އޮތީ ދޮންމަންމަވެސް އަދި ދޮންބައްޕަވެސް ދޮންދަރިންނަށް ގޯސްވާ މައިގަނޑު ސަބަބަކީ މަންމަ ނުވަތަ ބައްޕައަށް ކަންތައް ކުރެވޭ ގޮތްކަމެވެ.
ދަރިންތިބި އަންހެނަކާއި ނުވަތަ ފިރިހެނަކާއިވެސް ކައިވެނިކުރަންވާނީ އަނެކާގެ ދަރިންނަށް ލޯބިދެވޭނެ ނަމައެވެ. އަމިއްލަ ދަރިން ފަދައިން ކަންކަން ކުރެވޭނެ ނަމައެވެ. އަދި ކައިވެނިކުރުމަށްފަހުގައި ދަރިންނަށްދޭ ސަމާލުކަން ކުޑަކުރުމަކީ ހަމައެކަކުވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
ނަމަވެސް ގިނަފަހަރު ކަންތައް ކުރެވެނީ އެގޮތަކަށް ނޫނެވެ. ދަރިން ފަހަތަށް ޖައްސުވާފައި ކުރިއަށް ނެރެވެނީ ބައިވެރިޔާއެވެ. ވީމާ އަނެކާ އެނަގަނީ އެކަމުގެ ނާޖާއިޒު ފައިދާއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާއިޝަތުގެފާނު ދެކެ ލޯބިފުޅުވެވަޑައިގެންނެވި މިންވަރު ސިޔަރަތުން އެއޮތީ އެނގޭށެވެ. ޢުމުރުފުޅުގެ ތަފާތު ބޮޑުކަންވެސް އެއޮތީ އެނގޭށެވެ. އެކަމަކު ދަރިކަނބަލުން ފާޠިމަތުގެފާނަށް ދެއްވެވި ސަމާލުކަން ޛައްރެއްގެ މިންވަރަށްވެސް ކުޑަކުރައްވަވާފައެއް ނުވެއެވެ. އަބަދުވެސް އަދި ކޮންމެ ކަމެއްގައިވެސް އިސްކަން ދެއްވެވީ ދަރިކަނބަލުން ފާޠިމަތުގެފާނަށްކަން ބުނެވޭނެ ކިތަންމެ ކަމެއް ފެންނަން އެބައޮތެވެ. އެކަމުގެ ނަތީޖާވެސް އެއޮތީ ފެންނާށެވެ!
އަހުރެމެންނަށްވެސް އޮތީ ހަމަ އެގޮތަށް ކަންތައް ކަންތައް ކުރުމެވެ. ކިތަންމެ ތަނަވަސް ނުވަތަ ލޯބިވާ މީހަކާއި ކައިވެނިކުރެވުނަސް ލިބިފައި ތިބި ދަރިންނަށް ދޭންޖެހޭ ސަމާލުކަމުން ކިތަންމެ ކުޑަ މިންވަރެއްވިޔަސް ކުޑަކޮށްގެން ނުވާނެއެވެ. އެއިރުން ބައިވެރިޔާއަށްވެސް ޖެހޭނީ ދޮންދަރިންނަށް ހެޔޮކޮށް ހިތާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން