ދެމަފިރިންކުރެ ކޮންމެ މީހަކު ކުރިން މަރުވިނަމަވެސް މަރުވި މީހާ ހިނެވުން ދިރިހުރި މީހާއަށް ހުއްދަވެގެންވޭ! ރަޖްޢީ ވަރިއެއްގެ ޢިއްދައިގަ އިނަސް ހުއްދަވެގެންވޭ!: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 29ސ
ދެމަފިރިންކުރެ ކޮންމެ މީހަކު ކުރިން މަރުވިނަމަވެސް މަރުވި މީހާ ހިނެވުން ދިރިހުރި މީހާއަށް ހުއްދަވެގެންވޭ! ރަޖްޢީ ވަރިއެއްގެ ޢިއްދައިގަ އިނަސް ހުއްދަވެގެންވޭ!: ޝައިޚް ޝާފިޢު

މަރުވުމުން ހިނެވުމަކީ މައްޔިތާއަށް ކޮސްދެވޭނެ އެންމެ ފަހު ޚިދުމަތް ކަމުގައިވެސް ބުނެވިދާނެއެވެ. ވީމާ ދެމަފިރިންކުރެ ކޮންމެ މީހަކު ކުރިން މަރުވި ނަމަވެސް ދިރިހުރި މީހާއަށް މަރުވިމީހާ ހެނެވުން ހުއްދައެވެ. "ފިރިމީހާއަށް، އަނބިމީހާ ހިނެވުން ހުއްދަވެގެންވެއެވެ. އަދި އަނބިމީހާއަށްވެސް ފިރިމީހާ ހިނެވުން ހުއްދަވެގެން ވެއެވެ. އަންހެން މީހާ އިނީ ރަޖުޢީ ވަރިއަކުން ވަރިވެ ޢިއްދާގައި ކަމުގައިވީ ނަމަވެސް ހުއްދައެވެ." 

މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް ނުއެނގޭ ކަމަކަށްވެދާނެއެވެ. އެނގުނަސް ގިނަ ބައަކު ޢަމަލުނުކުރާކަންވެސް ފާހަގަކުރެވެއެވެ. ތިރީގައިވާ ލިޔުމުން އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ 

ސުވާލު: އަނބިމީހާ މަރުވެއްޖެނަމަ އޭނާ ހިނެވުން ފިރިމީހާއަށް ހުއްދަ ހެއްޔެވެ؟ އަދި ފިރިމީހާ މަރުވެއްޖެނަމަ އޭނާ ހިނެވުން އަނބިމީހާއަށް ހުއްދަ ހެއްޔެވެ؟ 

ޖަވާބު:

الحمدلله

ފިރިމީހާއަށް، އަނބިމީހާ ހިނެވުން ހުއްދަވެގެންވެއެވެ. އަދި އަނބިމީހާއަށްވެސް ފިރިމީހާ ހިނެވުން ހުއްދަވެގެން ވެއެވެ. އަންހެން މީހާ އިނީ ރަޖުޢީ ވަރިއަކުން ވަރިވެ ޢިއްދާގައި ކަމުގައިވީ ނަމަވެސް ހުއްދައެވެ.

އެކަމަށް ދަލާލަތުކުރަނީ އަންނަނިވި ޙަދީޘެވެ.
عَن عائشة رضي الله عنها قالت : ( رَجَعَ إلَيَّ رَسُولُ اللَّهِ صلى الله عليه وسلم مِنْ جِنَازَةٍ بِالْبَقِيعِ وَأَنَا أَجِدُ صُدَاعًا فِي رَأْسِي وَأَقُولُ : وَارَأْسَاهُ , فَقَالَ : بَلْ أَنَا وَارَأْسَاهُ , مَا ضَرَّكِ لَوْ مِتِّ قَبْلِي فَغَسَّلْتُكِ وَكَفَّنْتُكِ , ثُمَّ صَلَّيْتُ عَلَيْكِ وَدَفَنْتُكِ ) رواه أحمد (25380) ، وابن ماجة (1456)، وصححه الشيخ الألباني في صحيح ابن ماجة (1/247).

ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ބަޤީޢު(މަދީނާގެ މަސްޖިދުއް ނަބަވީ ކައިރީގަތް އޮންނަ ބޮޑު ޤަބުރުސްތާނު) ގައި އޮތް ޖަނާޒާއެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެނބުރި (ގަނޑުވަރުކޮޅަށް) ވަޑައިގަތެވެ. އޭރު އަހަރެންގެ ބޮލުގައި ރިއްސަމުން ދިއައެވެ. (ބޮލުގެ ރިއްސާލެއް ގަދަކަމުން) އަހަރެން ކިޔަމުން ދިޔައީމެވެ. "މަގޭ ބޮލެވެ" 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. އަދި ކިއެއްތަ (ތިޔަހެން ކިޔަންވީ އަހަރެންނެވެ.)  "މަގޭ ބޮލެވެ" ދެން ޙަދީޘްކުރެއްވެވިއެވެ. "ތިބާ އަހުރެންނަށް ވުރެ ކުރިން މަރުވެއްޖެނަމަ، އަހަރެން ތިބާ ހިނަވާ، ކަފުންކޮށް، ތިބާގެ މައްޗަށް އަހަރެން ކަށުނަމާދުކޮށް، އަހަރެން ތިބާ ވަޅުލައިފިނަމަ، ތިބާއަށް ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެއެވެ."


އަސްމާ ބިންތި ޢުމައިސް ރަޟިޔަﷲ ޢަންހާ ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ފާޠިމާ ރަޟިޔަﷲ ޢަންހާ އެކަމަނާ ހިނެވުމަށް އެކަމަނާގެ ފިރިކަލުން ޢަލީ ރަޟިޔަﷲ ޢަންހުއަށް ވަޞިއްޔަތް ކުރެއްވިއެވެ.  

رواه الشافعي (1/312) ، والدار قطني (2/79) ، والبيهقي (3/396) وحسن إسناده الشوكاني في “نيل الأوطار” (4/35) .

އަލްއިމާމުއް ޝައުކާނީ ރަޙިމަހުﷲ ވިދާޅުވިއެވެ. "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު އަހަރެން ތިބާ ހިނަވާހުށީމޭ އިން ދަލީލުކޮށްދެނީ އަނބިމީހާ މަރުވުމުން ފިރިމީހާއަށް އަނބިމީހާ ހިނެވޭނޭކަމެވެ." انتهى من “نيل الأوطار” (4/35) .

އަލްއިމާމު އައްޞަންޢާނީ ރަޙިމަހުﷲ، އަސްމާ ރަޟިޔަﷲ ޢަންހާގެ ޙަދީޘާ ބެހޭގޮތުން ވިދާޅުވިއެވެ. “މި ޙަދީޘުން ދަލާލަތުކުރާ ގޮތުގައި މިކަމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި އެންމެން ދަންނަ ކަމެކެވެ. "سبل السلام" (1/478) .

މި މައްސަލާގައި ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ މިއީ އެވެ.

އަލްއިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ. "އަހަރެމެން ގާތުގައި (ޝާފިޢީ މަޛްހަބުގައި) ފިރިމީހާ އަނބިމީހާ ހިނެއުން ހުއްދަވެގެން ވެއެވެ. އަދި ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައިވެސް މެއެވެ. މި ރިވާޔަތަކީ އިސްޙާޤާއި އަޙްމަދާއި އަލްއައުޒާޢީ އާއި މާލިކާއި ޢަބްދުއްރަޙްމާން ބުނުލް އަސްވަދު، ޖާބިރު ބިން ޒައިދު އަދި އަލްޤަމާގެ ކިބައިން އިބްނުލް މުންޛިރު ރިވާކުރައްވާފައިވާ ރިވާޔަތެކެވެ. މިއީ ޢަޠާ، ދާއޫދު އަދި އިބްނުލް މުންޛިރުގެ މަޛްހަބުވެސް މެއެވެ.
އަބޫ ޙަނީފާއާއި އައްޘައުރީ ވިދާޅުވަނީ ފިރިމީހާއަށް އަންހެން މީހާ ނުހިނެވޭނޭ ކަމަށެވެ. އެމީހުން ޙުއްޖަތަކަށް ނަންގަވަނީ އެހާރުން އެދެމީހުންގެ ދެމެދުގައި އޮތް ކައިވެނީގެ ގުޅުން (އެދެމީހުން ކުރެ އެކަކު މަރުވުމާ ގުޅިގެން) ކެނޑިފައިވާ ކަމަށެވެ. އަދި އެމީހުން މި ޙާލަތު އެއްގޮތްކުރަނީ ބާއިނު ވަރިއަކުން ވަރިވެފައިވާ ޙާލަތާއެވެ. 

އައްޝައިޚް އިބްނު ބާޒް ރަޙިމަހުﷲ ގެ މަޖްމޫޢު ފަތާވާގައި ވެއެވެ.
"ބައެއް ފިޤްހު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ދެމަފިރިން ކުރެ މީހަކު މަރުވުމާއެކު، އެދެމީހުންގެ މެދުގައި އޮންނަ ކައިވެނީގެ ގުޅުން ކެނޑިދެއެވެ. މި ކަމާމެދު ތިބާ ބުނަނީ ކީކޭތޯއެވެ؟"
ޖަވާބުދެއްވިއެވެ. "މި ރައުޔަކީ ސުންނަތާ ތަޢާރުޟުވާ ރައުޔެކެވެ. އެރައުޔަށް އަހަރެމެން ބަލާކަށް ނުޖެހޭނެއެވެ." مجموع فتاوى” الشيخ ابن باز رحمه الله (13/109 

އަނބިމީހާ ފިރިމީހާ ހިނެވުން ހުއްދަވެގެންވާކަމަށް، ޢާއިޝާ ރަޟިޔަﷲ ޢަންހާގެ މި ޙަދީޘުން ދަލާލަތު ކުރެއެވެ. އެކަމަނާ ވިދާޅުވިއެވެ. ( لَوْ اسْتَقْبَلْتُ مِنْ الْأَمْرِ مَا اسْتَدْبَرْتُ مَا غَسَّلَ رَسُولَ اللَّهِ صلى الله عليه وسلم إلَّا نِسَاؤُهُ ) رواه أبو داود (3141) ، وصححه الشيخ الألباني رحمه الله في “أحكام الجنائز”(1/49) . 

މާނައީ: "މިހާރު އަހަރެންނަށް އެނގުނުކަންތައްތައް ކުރިން އެނގުނު ނަމަ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަނބަލުން ފިޔަވާ އެހެން މީހަކު އޭނާ ނުހިނެވީހެވެ."

އިމާމު އައްނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ. "އިބްނުލް މުންޛިރު ރަޙިމަހުﷲ އޭނަގެ ފޮތް الإشراف وكتاب الإجماع ގައި އަނބިމީހާ ފިރިމީހާ ހިނެވުމުގެ ހުއްދަކަމާމެދު މުޅި އުއްމަތް އިޖުމާޢުވެފައި ވާކަމަށް ނަޤްލުކުރައްވާފައިވެއެވެ. އަދި އެނޫންވެސް ބޭކަލުން މި އިޖްމާޢު ނަޤުލުކުރައްވާފައިވެއެވެ. انتهى من شرح المهذب" (5/114).

ވަﷲ އަޢުލަމް 

- ޝައިޚް މުޙައްމަދު ޝާފިޢު 

މަޞްދަރު
https://islamqa.info/ar/155045

 

 

މިއަދު އޮންލައިން