ދެރަ ނުވާތި!: ތިބާއަކީ ﷲ އަށް ކިޔަމަންތެރިއަކުނަމަ ތިބާ ބޭނުންވި މީހާއާ ކައިވެނި ނުކުރެވޭނީ އޭނާޢަށްވުރެ މާރަނގަޅު ބައިވެރިއަކު ދެއްވަވަން އޮތީމަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ދެރަ ނުވާތި!: ތިބާއަކީ ﷲ އަށް ކިޔަމަންތެރިއަކުނަމަ ތިބާ ބޭނުންވި މީހާއާ ކައިވެނި ނުކުރެވޭނީ އޭނާޢަށްވުރެ މާރަނގަޅު ބައިވެރިއަކު ދެއްވަވަން އޮތީމަ!: މުފްތީ މެންކް

އަމިއްލަ ޙަޔާތާއިމެދު އެންމެ ގިނަ ބައަކު މާޔޫސްވާ އެންމެ ބޮޑު ސަބަބަކީ ލޯބިވެގެން އުޅުނު ލޯބިވެރިޔާ ނުލިބުމެވެ. ކައިވެނި ކުރަން އެންމެ ބޮޑަށް ބޭނުންވި މީހާއާއި ކައިވެނި ނުކުރެވުމެވެ. އެކަމުގެ ހިތާމައިގައި އެއްބައަކު އެކަނިވެރިކަމާއިއެކު އެމީހުންގެ މުޅި ޙަޔާތް ވޭތިކޮށްލައެވެ. އަނެއްބައަކު އެހެން މީހަކާއި ކައިވެނިކުރިނަމަވެސް ފުރަތަމަ ލޯބިވެރިޔާ ނުލިބުނު ކަމުގެ ހިތާމަ މުޅި ޢުމުރަށް ކުރެއެވެ. އެހެންކަމުން މިއީ ވިސްނައިލުން މުހިންމު ކަމެކެވެ.  

ލޯބިވެވި ކައިވެނިކުރަން ބޭނުންވެގެން ޙަޔާތުގެ ބައިވެރިއަކަށް ހަދަން މަސައްކަތްކުރަމުން ދިއަ ކުއްޖާ އެހެން މީހަކާއި ކައިވެނިކުރުމުން ނުވަތަ ހޯދަން މަސައްކަތްކުރަމުން ދިއަ ވަޒީފާއެއް ލިބެން ހަމަ ގާތްވެފައި ވަނިކޮށް ނަމަވެސް އެހެން މީހަކަށް ލިބުމުން ވެސް ކަންބޮޑުނުވާށެވެ. ހަސަދަވެރިނުވާށެވެ! 

ތިބާއަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން އަންނަ މީހަކު ނަމަ ޔަޤީންކުރަންވީ ލޯބިވެވި ކައިވެނިކުރަން ބޭނުންވެގެން ޙަޔާތުގެ ބައިވެރިއަކަށް ހަދަން ހޯދަން މަސައްކަތްކުރަމުން ދިއަ ކުއްޖާ އެ ނުލިބުނީ އޭނާއަށްވުރެ ހުރިހާ ގޮތަކުން މާފުރިހަމަ ބައިވެރިއަކު ދެއްވަވަންކަމެވެ. މާ އުފާވެރި ޙަޔާތެއް މިންވަރު ކުރައްވަވަން ކަމެވެ.  

ހަމަ އެފަދައިން ހޯދަން މަސައްކަތްކުރަމުން ދިއަ ވަޒީފާއެއް ލިބެން ހަމަ ގާތްވެފައި ވަނިކޮށް ނަމަވެސް ނުލިބުމުން ޔަޤީންކުރަންވީ އެ ވަޒީފާ ނުލިބުނީ އެއަށްވުރެ މާރަނގަޅު ވަޒީފާއެއް ލިބެން އިރާދަފުޅުގައިވާތީ ކަމަށެވެ. ނުވަތަ މާގިނަ އާމްދަނީ ލިބޭނެ މަސައްކަތެއް މިންވަރުކުރައްވަވާނެތީ ކަމަށެވެ.  

މިފަދަ ކަންކަން އެގޮތަށް ޤަބޫލުކުރުމުގެ ހިތްވަރު ލިބޭނީ އެމީހާގެ ކިބައިގައި އެވަރުގެ އީމާންތެރިކަން ހުރިނަމައެވެ. މަސައްކަތްކުރަންވީ އެވަރަށް އީމާންތެރިކަން ވަރުގަދަކުރުމަށެވެ. މިފަދަ ޙާލަތު ކުރިމިތުވި މީހުންނަށް ލިބުނު ތަޖުރިބާއަށް ބަލައި ހިއްޞާކޮށްފައިވާ މައުލޫމާތުން އެނގި ޔަޤީންވަނީ މިބުނި ފަދައިން ﷲ ތަޢާލާއަށް އިތުބާރުކޮށް ޔަޤީންކޮށް ކުރިމަތިވި ޙާލަތަށް ޝުކުރުވެރިވެ އުފާކުރުމުން އެކަމުގެ ނަތީޖާ ފެނިފައިވަނީ ހީވެސް ނުކުރެވޭފަދަ އުފާވެރި ގޮތުގައިކަމެވެ. 

ޔަޤީންކުރަންވީ ތިމާއަށް ދެރަވާނެ ގޮތަކަށް އެއްވެސް ކަމެއް އިރާދަނުކުރައްވަވާނެ ކަމެވެ. ކުރިންވެސް މިބުނިފަދައިން އެކަން އެގޮތަށް ޔަޤީންކުރެވޭނީ ތިމާގެ ކިބައިގައި އެފަދަ އީމާންތެރިކަމެއް ހުރެގެންނެވެ. ތަޤްވާވެރިއަކަށް ވެވިގެންނެވެ. ދުނިޔެއާއި އާޚިރަތް ކާމިޔާބުކޮށް އުފަލުގައި ހުރުމަށް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަންވީ އެފަދަ ސަބަބުތަކަށްޓަކައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން