ފުރަތަމަވެސް ވިސްނައިލާށެވެ! އުފަލުގައި ދިރިއުޅުމަށާއި އަދި އާމްދަނީ އިތުރުވުމަށް ކުރާ މަސައްކަތްތަކުގެ ފައިދާކުރާނީވެސް ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ. އަދި ފުރިހަމަ ޞިއްޙަތެއްގައި ދިރިއުޅެވެން އޮތީވެސް ﷲ ތަޢާލާ މިންވަރު ކުރެއްވެވުމުންނެވެ. މިއީ ކޮންމެ މުސްލިމަކަށްވެސް ޔަޤީންކުރެވޭނެ ކަންކަމެވެ.
ކައިވެނި ކުރަން އެންގެވީވެސް ﷲ ތަޢާލާއެވެ. އަދި އިންސާނުންގެ މެދުގައި ފުރަތަމަ ކުރެވުނު ކައިވެންޏަކީ އާދަމްގެފާނާއި ޙައްވާގެފާނުގެ ކައިވެނިކަމަށްވާއިރު އެކައިވެނި 7 އުޑުމަތީގައި ކޮށްދެއްވަވާފައިވަނީ ﷲ ތަޢާލާއެވެ. އެކަމުން އެނގިގެންދަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކައިވެންޏަށް އޮތް ޤަދަރުގެ މަތިވެރިކަން ބޮޑުކަމެވެ.
ކޮންމެއަކަސް މިއަދު މީސްތަކުންނަށް ކައިވެންޏާއިމެދު ބެލެވޭ ގޮތް މިވަނީ ތަފާތުވެފައެވެ. އެއީ އަމިއްލަ އުފާ ހޯދަންކުރާ ކަމަކަށް ބަދަލުކޮށްލައި ކައިވެނީގެ މަތިވެރިކަމަށްވިސްނުން މިވަނީ ކުޑަވެފައެވެ. އެކަމަށް ވިސްނަނީ މަދުބައަކު ކަމަށްވާތީއެވެ.
މީސްތަކުންނޭވެ! މިރޭ ބަހެއް ބުނަން މަސައްކަތް މިކުރެވެނީ މިހާރަކަށް އައިސް ކުރެވޭ ވަރަށް ބޮޑު ފާފައަކާއިމެދުގައެވެ. އެއީ އެއްދާންކުރާއިރު އުފާވެރިކަން އިތުރުކުރުމުގެ ބޭނުމުގައި ބޮޑެތި ފާފަތަކަށް އަރައިގަންނަމުންދާ މައްސަލައިގައެވެ.
ބުނަންހެއްޔެވެ؟ ޙަރާމް ކުރެއްވެވި މަންޒަރުތައް ބެލުމާއި މުސްލިމުންނަށް ހުއްދަ ނޫން ގޮތްގޮތަށް ގުޅުން ހިންގުމާއި ބޭސްކައިގެން ނުވަތަ އެހެން ގޮތަކުން ނަމަވެސް ބުއްދިފިލައި ނުވަތަ ވިސްނުން ތަޣައްޔަރުވާފަދަ ކަންކަން ކުރުމަކީ ޙަރާމް ކަމެކެވެ. ބޭހަކުން ނަމަވެސް ބުއްދިފިލާނަމަ ނުވަތަ ބުއްދިއަށް އަސަރުކުރާނަމަ އެއެއްޗެއް ހިމެނިގެންދާނީ ހަމަ ބަނގުރަލާއި މަސްތުވާތަކެތީގެ ތެރޭގައެވެ. އެއްޗެއް ބޭނުންކުރުމުން ބުއްދިއަށް އަސަރުކޮށް ބުއްދިތަޣައްޔަރުކުރާ ކޮންމެ އެއްޗަކީވެސް ހަމަ މަސްތުވާ އެއްޗެކެވެ.
ޖިންސީ ބަލިކަށިކަމެއް ހުރިނަމަ ޑޮކްޓަރަށް ދައްކައިގެން ފަރުވާކުރާށެވެ. އެކަން ހުއްދައެވެ. ނަމަވެސް ޖިންސީ ބަލިކަށިކަމަކަށް ފަރުވާކުރަން ނަމަވެސް އެއްދާންކުރާއިރު ބުއްދި ތަޣައްޔަރުވާނެ އެއްވެސް ކަމެއް ކުރުމަކީ ހަމަ ޙަރާމްކަމެކެވެ.
މީސްތަކުންނޭވެ! ޙަޤީޤީ އުފާވެރިކަން ލިބުން ވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ ހުރިހާ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވާށެވެ! ހަމައެއާއިއެކު ބިރުވެތިވާންވީ ކުރެވޭ ކަންކަމުގެ ސަބަބުން ﷲ ތަޢާލާ ލައްނަތް ލައްވަވައިފާނެ ކަމަށެވެ. އެއިރުން ދިރިއުޅުމުގެ ބަރަކާތް ކެނޑިގެންދާނެކަމަށް ބިރުވެތިވާށެވެ! އެއިރުން އުފާވެރިކަންވެސް އަދި ތަނަވަސްކަންވެސް އޮންނާނީ ނުލިބިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން