އަޅުގަނޑުގެ ފިރިމީހާދެކެ އަޅުގަނޑު ވަރަށް ލޯބިވެއެވެ. ވަރަށް ލޯބިން އެކުގައި އުޅެންވެސް މަސައްކަތްކުރީމެވެ. އެކަމަކު ޖެހުނު ވަރަށް ކުޑަކުޑަ ކަމެއްގައި އަޅުގަނޑު ނިކަމެތިކޮށްލުމަށްފަހު މިހާރު ބުނަނީ އެއީ އެކުވެރިންގެ ބަހަށް ކުރެވުނު ކުށެއްކަން މިހާރު ވިސްނޭކަމަށެވެ. އަލުން ގުޅެން ބޭނުންކަމަށްބުނެ ރުޖޫޢަވެސް ކޮށްފިއެވެ. (ރުޖޫޢަކޮށްފިން ކަމަށް ބުނެފިއެވެ.)
އަޅުގަނޑަށް އަދިވެސް މިއުޅެނީ މާފުކުރަން އުނދަގޫވެގެންނެވެ. މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފިރިމީހާއަށް ކުރެވުނީ ކުށެއްކަން ޤަބޫލުކޮށް އެކަން އިޞްލާޙްކޮށް އަދި ކުށް ތަކުރާރުނުކުރާނެކަމަށް ވަޢުދުވާނަމަ އިތުބާރުކުރާށެވެ! ދެމީހުން ގުޅޭށެވެ. އެކަމުގެ ސަބަބުން ލިބޭނެ އުފާވެރިކަން މާބޮޑުވުމަކީ ވަރަށް ގާތް ކަމެކެވެ. އެކަން ގިނަ ބައަކު ގެންދަނީ ތަޖުރިބާ ކުރަމުންނެވެ. ދެވަނަ ކައިވެނީގައި އުޅެމުން އަނަނީ މާ އުފަލުގައެވެ.
ރުޖޫޢަކުރިކަން އެއީ ވަކިވާން ބޭނުންނުވާ ކަމުގެ ހެއްކެކެވެ. ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ރަޖްޢީ ކައިވެންޏެއްނަމަ ޢިއްދައިގެ މުއްދަތުގަ ފިރިމީހާއަށް ރުޖޫޢަކުރެވޭނެއެވެ. ދެން އޮންނާނީ ކޯޓުގައި ރަޖިސްޓްރީކުރުމެވެ. އެކަން ކުރަންވާނެއެވެ.
ތިރީގައިވާ ލިޔުމަކީ ތިއަފަދަ މައްސަލަތަކަށް ފައިދާހުރި ލިޔުމެކެވެ.
ދިރިއުޅުން ކާމިޔާބުކުރަން އެދޭމީހާ ފުރަތަމަކަމެއްގެ ގޮތުން ކުރަންޖެހޭނެ ކަމަކީ ތިމާކުރާ ކަންކަމުގެ ޒިންމާ އަމިއްލައަށް ނަގަންކެރުމެވެ. ވިޔަފާރީގައިވެސް އަދި އަމިއްލަ ދިރިއުޅުމުގައިވެސް އަދި ޒަވާޖީ ޙަޔާތުގައި ވެސް ޢަމަލުކުރަންޖެހޭނީ އެގޮތަށެވެ. މާނައަކީ އެމީހަކު ކުރި ކަމެއްގެ ޒިންމާ ނަގަން ފަސްޖެހިގެންނުވާނެއެވެ.
ބައެއް ފަހަރު މީހުންގެ ބަހަށް ކުރެވޭ ކަންކަމުން ވިޔަފާރީގައިވެސް އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައިވެސް އަދި ޒަވާޖީ ޙަޔާތުގެ ކަންކަމުގައިވެސް ބޮޑެތި ގެއްލުންތައްވެސް ލިބެއެވެ. ކުރިއެރުންތައްވެސް ލިބެއެވެ.
މިޙާލަތުގައިވާ ގޮތަކީ ކުރިއެރުން ލިބިއްޖެނަމަ އެއީ ތިމާގެ މޮޅުކަމުން ހޯދުނު ކާމިޔާބީއެއް ކަމަށް ޤަބޫލުކުރެއެވެ. އެކަމަށް ފަޚުރުވެރިވެސް ވެއެވެ. ނަމަވެސް ގެއްލުމެއް ލިބިއްޖެނަމަ އަޅުވަނީ ކޮންމެވެސް މީހެއްގެ ބޮލުގައެވެ. ޚާއްޞަކޮށް ހިތާމައެއް ލިބިއްޖެނަމައެވެ.
އެގޮތަށް ކަންކަންކުރާ މީހަކަށް ކަންކަން ކާމިޔާބެއް ނުކުރެވޭނެއެވެ. މީހަކު ބުނެގެން ނަމަވެސް ތިމާއަށް ކުރެވުނު ކަމަކުން ގެއްލުން ލިބުނަސް ހިތާމައެއް ކުރިމަތިވިނަމަވެސް އެކަމުގެ ޒިންމާ ނަގަން ކެރެންޖެހޭނެއެވެ.
އަހަރެމެންނަށް ބޭނުންވާ ލަފާ ހޯދިދާނެއެވެ. ނަމަވެސް ކަންކަން ކުރަންވާނީ އެކަމެއް ކުރުމުން ތިމާއަށް ލިބޭނީ ފައިދާކަން އަމިއްލައަށް ޔަޤީންކުރުމަށްފަހުގައެވެ. އެކަން ޔަޤީންކުރުމަށްފަހު ކުރާ ކަމަކުން މެދުވެރިވާ ގޮތަކަށް ޒިންމާ އުފުލަންޖެހޭނެއެވެ.
ވަރަށް ގިނަ ފަހަރަށް މެދުވެރިވާ ކަމެކެވެ. ދެމަފިރިއެއްގެ މެދުގައި މައްސަލައެއް ޖެހުނީއެވެ. އެކަމުގައި އެހެން މީހުންގެ ލަފާ ހޯދައެވެ. ގިނަބައަކު ނުވަތަ އެންމެ އިތުބާރުކުރެވޭ މީހުން ލަފާދިނީ ކައިވެނި ރޫޅައިލުމަށެވެ. އެހެންވެ ކައިވެނި ރޫޅައިލީއެވެ. ކައިވެނި ރޫޅައިވެނުކަން އެއީ ހެދުނު ވަރަށް ބޮޑު ގޯހެއްކަން ރޫޅައިލާފަހުން އެބަވިސްނެއެވެ.
މިފަދަ ޙާލަތެއްގައި ލަފާދިން މީހުން އެދިނީ ނުބައި ލަފައެއްކަމަށްވީނަމަވެސް އެކަން އަނބުރައި ފޫބެއްދުން އޮންނަނީ ދަތި އުނދަގޫކަމަކަށްވެފައެވެ. އަލުން ކައިވެނި ރުޖޫޢަކުރަން އަނެކާ ދެކޮޅު ހަދައިފިނަމަ އެކަމުގެ ބާރު ތިމާގެ އަތުން ގެއްލިގެންދިއައީއެވެ. އެކަމުން ލިބޭ ހިތާމަކުރުންމަތީގައި ހުންނަން ޖެހުނީއެވެ.
ވީމާ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ޢަމަލުކުރަންވާނީ އެކަމަކަށް ވަރަށް ބޮޑަށް ވިސްނުމަށްފަހުގައެވެ. ޚާއްޞަކޮށް ދެމަފިރިންގެ ދިރިއުޅުމުގެ ކަންކަމުގައި އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. ވީމާ ކިތަންމެ ގިނަ ބައަކު ބުނިނަމަވެސް ކިތަންމެ ގާތް މީހަކު ބުނި ނަމަވެސް ކަންކަން ކުރަންވާނީ އަމިއްލައަށް އެކަމަކަށް ވިސްނައި ތިމާއަށް އެންމެ ފައިދާކުރާނެ ގޮތަކަށެވެ.
- އަލަފްގެ ވިސްނުން