މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝަކީލް އަވަހާރަވުމަކީ ޤައުމަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޝަކީލް އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މަރްޙޫމް ޝަކީލަކީ މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި ޚިދުމަތް ކުރައްވާފައިވާ، މަސައްކަތުގައި ހީވާގި އަދި ހިތްވަރުފުޅު ގަދަ ބޭފުޅެކެވެ.
މަރްޙޫމް ޝަކީލްގެ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، "މަރްޙޫމް މުޙައްމަދު ޝަކީލްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި، ތަޢުޒިޔާ ދަންނަވަމެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި، މާތް الله މަރްޙޫމު ޝަކީލުގެ ފުރާނަ ލައްވާށިއެވެ" މިފަދައިން ރައީސް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ޝަކީލް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، ސަރުކާރުން ވަނީ 1999 ވަނަ އަހަރު މަސްވެރިކަމުގެ ރޮނގުން އޭނާއަށް ޢާންމު ޚިދުމަތުގެ އިނާމު ދެއްވާފައެވެ. އަވަހާރަވި އިރު، ޝަކީލް ހުންނެވީ މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ޤައުމީ ޚިދުމަތުގައެވެ.