ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ތަރައްޤީގެ މަސައްކަތް ނުފެށި ގިނަ ދުވަސްވެފައިވާ 68 ރަށެއް ހުރިކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ މި ރަށްތަކުގެ ތެރޭގައި 8 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ރަށްތައް ހިމެނޭ ކަމަށެވެ. އަދި މި ރަށްތައް ފަތުރުވެރިކަމަށް ނުނެރެވި ހުރި ސަބަބުތައް ދެނެގަނެ އިންވެސްޓަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މަސައްކަތްތައް ހުއްޓިފައި ހުރި ވާހަކަ ނުދައްކާ، ބޭނުންވަނީ އެކަންކަމަށް ޙައްލުތައް ހޯދާ ކުރިއަށްދެވޭނެ މަގުތައް ކޮށައިދޭން. ރައީސްގެވެސް ވިސްނުމަކީ މިއީ. އެކަމާ ގުޅޭ ޤާނޫނުތަކާއި އުސޫލުތަކަށްވެސް ބަދަލުތައް، ލުއިފަސޭހަވާނެގޮތަށް ގެންނަންޖެހޭ،" ވަޒީރު ވިދާޅުވިއެވެ.
އިންވެސްޓަރުންގެ އެންމެ ބޮޑު ޝަކުވާއަކީ ޑީޓެއިލް ޑިޒައިންތަކަށް ހުއްދަ ހޯދުމާއި، ފައިނޭންޝަލް އަދި ލީގަލް ހުއްދަތައް ނެގުމުގައި ދިމާވާ ލަސްތައް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މައްސަލަ ހައްލުކުރުމަށް އިންޖިނިއަރިން ކޮންސަލްޓެންސީ ޕޫލްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ވަރަށް އަވަހަށް ކޮންސަލްޓަންޓުން ހޯދުމަށް ހުޅުވާލާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ ފައިދާ ހުރި ގޮތަކީ މިފަދަ ރަށްތައް ވީހާވެސް އަވަހަކަށް ތަރައްޤީކޮށް ނިންމުން ކަމަށް ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެފައިވެއެވެ.