މަސްވެރިން ކިރުވާފައިވާ މަހަށް ޖަނަވަރީ މަހު 117 މިލިޔަން ރުފިޔާ މިފްކޯއިން ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
މަސްވެރިން ކިރުވާފައިވާ މަހަށް ޖަނަވަރީ މަހު 117 މިލިޔަން ރުފިޔާ މިފްކޯއިން ދޫކޮށްފި

ޖަނަވަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް ޖުމްލަ 117 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު 122 ޕަސެންޓުގެ އިތުރުވުމެކެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި ޑިސެންބަރު މަހު މަސްވެރިންނަށް ދޫކޮށްފައިވަނީ 52 މިލިޔަން ރުފިޔާއެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހަކީ ފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރި ދުވަސްކަމަށްވާއިރު، އެދުވަހު 6.5 މިލިޔަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.

ޖަނަވަރީ މަހުގެ ފަހު ހަފްތާގައި 309 މަސްދޯންޏަކަށް 16.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ ކުރީ ހަފްތާއާ އަޅާބަލާއިރު މަސްދޯނިތަކުގެ އަދަދު 46 ޕަސެންޓް އިތުރުވެފައިވާ މިންވަރެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިގޮތުގައި، "މަސްވެރިންނަށް ޤަވާއިދުން ފައިސާ ދޭން ފެށުމުގެ ސަބަބުން، ކުރިން ދޯނިތަކުން ފޭބި ޒުވާނުން މިހާރު ވަނީ އަނބުރާ މަސްވެރިކަމަށް ނުކުންނަން ފަށާފައި" ކަމަށެވެ.

މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކުރުން އަވަސްކޮށް، ޤަވާއިދުން ފައިސާ ދޫކުރަން ފެށުމާ ގުޅިގެން މަސްވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުން މި ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން