ސައުދީގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރަން ގޮވާލާ ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ސައުދީގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރަން ގޮވާލާ ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސައުދީ އަރަބިއްޔާގެ ސަރަހައްދުގެ ތެރޭގައި ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ގޮވާލާފައިވާ ގޮވާލުން ދިވެހި ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި، ސަލާމަތާއި، ސަރަހައްދީ ގައުމިއްޔަތަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ދިވެހިރާއްޖެއިން ބަލައިނުގަންނަ ކަމަށެވެ. އަދި މިފަދަ ވާހަކަތަކަކީ ބައިނަލްއަގުވާމީ ގާނޫނާއި އދ. ގެ ޗާޓަރާ ޚިލާފު ކަމެއްކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދިވެހި ސަރުކާރުން ވަނީ އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަ ކަމަށާއި، 1967 ގެ ބޯޑަރުތަކަށް ތަބާވުމަށް ގޮވާލާ ކަމަށް ބަޔާނުގައި ތަކުރާރުކޮށްފައެވެ. މީގެއިތުރުން، ޔަހޫދީ ވެރިންގެ ނަފްރަތުގެ ބަޔާންތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ތެދުވުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރުގެ މި ވާހަކަތަކަކީ ސައުދީ އަރަބިއްޔާގެ މިނިވަންކަމަށް އަރައިގަތުމުގެ އިތުރުން، ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މިކަމުގައި ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ފުރިހަމަ އެއްބާރުލުން ދޭނެކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން