ރާއްޖޭގެ 5 ސަރަޙައްދެއްގައި ޤާއިމުކުރާ ބްލަޑް ބޭންކު ތެރެއިން 3 ބަލްޑް ބޭންކުގެ މަސައްކަތް މިއަހަރު ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ސިއްޙަތާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު ފިޒްނީ ވިދާޅުވި ގޮތުގައި، ރާއްޖޭގެ 5 ސަރަޙައްދުގައި ބްލަޑް ބޭންކް ޤާއިމުކުރުމުގެ އިތުރުން ކުރިން ހުރި ބައެއް ތަންތަން އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ޤާއިމުކުރާ ފުލްފްލެޖްޑް 5 ބްލަޑް ބޭންކުގެ ތެރެއިން 3 ބްލަޑް ބޭންކުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.
"ރާއްޖޭގެ ކޮންމެ ރަށެއްގައި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމު މިހާރުވާނީ ހަމަޖެހިފައި. މިހާރު އެއްވެސް ރަށަކުން ނުޖެހޭނެ ބޭސް ހޯދަން އެހެން ރަށަކަށް ދާން. އަދި އަޅުގަނޑުމެން މިދަނީ 5 ސަރަޙައްދެއްގައި ބްލަޑް ބޭންކް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުން. މީގެ ދަށުން 2 ސަރަޙައްދެއްގައި މިހާރު ހުންނާނީ ފުލްފްލެޖްޑް ބްލަޑް ބޭންކްތައް," ފިޒްނީ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފުލް ފްލެޖްޑް ބްލަޑް ބޭންކްތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މި މަޝްރޫޢު ފުރިހަމަވުމުން ރަށްރަށުގައި ދިރިއުޅޭ ތެލަސީމިއާ ކުދިންނާއި އެހެނިހެން ބޭނުންތަކުގައި ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލޭ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.