މާލީ ދާއިރާއިން ފަންނީ މީހުން އިތުރުކުރުމުގެ މަޤްޞަދުގައި ޕެންޝަން އޮފީހުން ފުލީ ފަންޑެޑް ސްކޮލަރޝިޕް ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ. މި ޕްރޮގްރާމަކީ މެރިޓް އަސާސްގެ މައްޗަށް ބިނާކޮށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ތަފާތު ރޮނގުތަކުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ބޭނުންވާ ހުނަރުވެރި ދިވެހިންނަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާނެ ޤާބިލު މީހުން އުފެއްދުމެވެ.
ޕެންޝަން އޮފީހުން މި ޕްރޮގްރާމުގެ ދަށުން ފުރުޞަތު ދެނީ ދުނިޔޭގެ ޔުނިވަރސިޓީ ރޭންކިންގއަށް ބަލައި، ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމުތަކުގައި ކިޔެވުމަށެވެ. މިއީ ހުރިހާ ޚަރަދެއް ހިމެނޭ ސްކޮލަރޝިޕް ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން ކިޔެވުމަށް ހުޅުވާލެވޭ ދާއިރާތަކާއި ސްކޮލަރޝިޕްގެ އަދަދު ކަނޑައަޅާނީ އަހަރަކު އެއްފަހަރު ޕެންޝަން އޮފީހުންނެވެ. މިގޮތުން 2025 ވަނަ އަހަރަށް އެ އޮފީހުން ވަނީ އެއް އަންޑަގްރެޖުއޭޓް ސްކޮލަރޝިޕް އިޢުލާންކޮށްފައެވެ.
ޕެންޝަން އޮފީހުން މި ސްކޮލަރޝިޕް ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނެފައިވެއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް، ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.