ގިނަ ބައަކު ޢާންމު ޙާލަތުގައި ދިރިއުޅޭއިރު ދީނުގެ ކަންކަމަށް އެހައި ބޮޑަށް ސަމާލުކަމެއް ނުދެއެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރަނީވެސް ވަރަށް މަދުންނެވެ. މި ފަދަ ގޮތަކަށް އުޅެނިކޮށް ކައިވެނި ރޫޅުން ފަދަ ކަމެއް ދިމާވެ އެކަނިވެރިވުމުން ވަރަށް ދެރަވެއެވެ.
ގިނަ ބައަކު ހިތަށް އަރާނީ ތިމާ ދުޢާކުރިނަމަވެސް އަޑުއައްސަވައި ވޮޑި ނުގަންނަވާނެ ކަމަށެވެ. ނަމަވެސް މިއީ މުޅިން ކުށް ހީއެކެވެ. އެޙާލަތުގައި ﷲ ތަޢާލާ އާއި ކުއްތަންވެ ދުޢާކުރުމުގެ ވިސްނުން ލިބިއްޖެނަމަ އެނިޢުމަތް އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭ ހިދާޔަތެކެވެ. އިން ޝާ ﷲ
ކުރިން އުޅެވުނު ގޮތާއިމެދު ނުވްސްވިސްނާށެވެ! ތައުބާވާށެވެ! ޢަމަލުތައް އިޞްލާޙްކޮސްލާށެވެ! ފަރުޟް ނަމާދުތަކާއި ސުންނަތް ނަމާދުތައްކުރަންފަށާށެވެ! ޛިކުރުކުރުން ގިނަކުރާށެވެ! ހަމަ އެއާއިއެކު ދުޢާކުރުން ގިނަކުރާށެވެ!
ދެން މިބުނަނީ އަޑުއަހަން އެންމެ އުނދަގޫވާނެ، ޤަބޫލުކުރަންވެސް އެންމެ އުނދަގުވާނެ ވާހަކައެވެ. ކޮންމެ އާދަމުގެދަރިއަކުވެސް އުފަންވަނީ ﷲ ތަޢާލާ އެމީހަކު ޚަލްޤް ކުރެއްވެވުމުންނެވެ. އަދި ކޮންމެ މީހެއްގެވެސް ވިސްނުން ހުންނާނެ ގޮތާއި ޢަމަލުކުރެވޭނެ ގޮތަ ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
އެހެންވެ މީސްތަކުން ﷲ ތަޢާލާ އާއި ދުރަށް ޖެހުނަސް ކޮންމެ މީހެއްގެވެސް އެންމެ ގާތުގައި ﷲ ތަޢާލާ ވޮޑިގެންވެއެވެ. ޙައްޤު މަގު ވިސްނި ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވެ ދެއަތް އުފުލައިލާއިރަށް އެމީހަކަށް ރަޙުމްކުރައްވަވާނެތެވެ. އެކަމަށް ޝައްކުވެސް ނުކުރާށެވެ!