ދޫނީގެ ޙަޔާތުން ދަސްކުރަން އެންމެ މުހިންމު އެއް ފިލާވަޅަކީ ފަތިސްވުމުން ނިދަންނޯވެ އުދުހި ގޮސް ރިޒުޤް ހޯދަން މަސައްކަތްކުރުމެވެ. އެއަށްފަހު ދެން މިހާމަކުރަނީ އެންމެ މުހިންމު ފިލާވަޅެވެ. ދަރިންނަށް އަޅާނުލާ ބައްޕައިންނާއި މައިން ބަފައިންނާއި އަޅައިނުލާ ދަރިން ދަސްކުރަންޖެހޭ ފިލާވަޅެވެ.
ދޫނި ވިހެއުމަށްފަހު ރިޒުޤް ހޯދަން ދަނީ ކުދި ދަރިންކޮޅު ހާލީގައި ބައިތިއްބައިފައެވެ. އެއީ ކުޑަކަމުން އުދުހުމުގެ ބާރު އެއިރު އަދި ނުލިބޭތީ އެވެ. އެނބުރި އަންނަނީ ދަރިންކޮޅު ކާނެ އެއްޗެތި ހިފައިގެންނެވެ. ގެނެސް އަނގައަށް ލައްވައި ކާންވެސް ދެއެވެ.
ދެން އަންނަނީ މައިންބަފައިން މުސްކުޅިވެ ނުއުދުހެވޭ ޙާލަތަށް ދިއުމެވެ. އެޙާލަތުގައި ދަރިން އެނބުރި އަންނަނީ މައިންބަފައިންނަށް (މުސްކުޅިވެ ނުއުދުހެވޭ ދޫނިތަކަށް) ކާނެއެއްޗެތި ހިފައިގެންނެވެ. އައިސް މައިން ކާންދިން ފަދައިން އަނގައަށް ލައްވައިގެންވެސް ކާންދެއެވެ.
ދޫންޏަށްވެސް ބުއްދި ދެއްވެވިއެވެ. ނަމަވެސް ވަރަށް ކުޑަ މިންވަރަކަށެވެ. އެންމެ ފުރިހަމަ ގޮތުގައި ބުއްދި ދެއްވަވާފައިވަނީ އިންސާނުންނަށެވެ. ދެއްވެވި ބުއްދީގެ ބޭނުން އަހުރެމެންނަށް އެބަހިފޭ ހެއްޔެވެ؟
ޙަޤީޤަތަކީ އިންސާނުންގެ ދިރިއުޅުމުގައި ވެސް ކަންކަން ކުރަން އޮތީ ހަމަ މިގޮތަށް ކަމެވެ. ސުވާލަކީ އެގޮތަށް އަހަރެމެންނަށް އެބަ ކަންކަން ކުރެވޭ ހެއްޔެވެ؟ ދަރިންގެ ޒިންމާ އުފުލަނީ ކިތައް މީހުން ހެއްޔެވެ؟ މައިންބަފައިންގެ ޒިންމާ އުފުލަނީ ކިތައް ދަރިން ހެއްޔެވެ؟
ދޫނިތަކުގެ ކިބައިން ދަސްކޮށްގެން ނަމަވެސް އަދާކުރަންޖެހޭ ޒިންމާ އަދާކުރަން އެބަޖެހޭ ނޫން ހެއްޔެވެ؟
އެންމެ ވާހަކައެއް އިތުރުކޮށްލާނަމެވެ! މުސްކުޅިވާ ދުވަހު ދަރިންގެ ކިބައިން ކަންކަމަށް އުންމީދުކުރަންވާނީވެސް ހަމަ ދޫނިތައް ފަދައިން ދަރިން ކުޑައިރު އުފުލަންޖެހޭ ޒިންމާ އުފުލައިފައެވެ. ފައިދާކުރާނީ އެއިރުންނެވެ.