ކައިވެނިކުރަން އެންމެ ރަނގަޅު މީހަކީ ކާކު؟
މިއީ އަހުރެން މިކުރާ މަސައްކަތުގެ ގޮތުން ގިނަ ބައަކު އަހުރެންނާއި ކުރާ ސުވާލެކެވެ. އަންހެނުންވެސް އަދި ފިރިހެނުންވެސް މިސުވާލުކުރެއެވެ.
އަހުރެން ބުނަމެވެ. ތިއައީ ކަނޑައަޅަން ވަރަށް އުނދަގޫ ކަމެކެވެ. ސަބަބަކީ އެންމެ ރަނގަޅު މީހުން މިހާރު ވަރަށް މަދުވާނެއެވެ. އެހެނީ އެންމެ ރަނގަޅު މީހަކީ، އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސް ކައިވެނިކުރުމަށްފަހު ދެން ކުރިމަތިވާ އެއްވެސް ކަމަކާއި ގުޅިގެން ދެމީހުން ވަކިވާން ބޭނުންނުވާ މީހުންނެވެ.
މިޘާލަކަށް އަނެކާ ބަލިވުން، އަތްމަތި ދަތިވުން، ފަލަވުން، ހިކުން، ދަރިން ނުލިބުން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ކޮންމެ ޙާލަތެއް ކުރިމަތިވިނަމަވެސް ވަކިވާން ބޭނުން ނުވާ މީހާއަކީ އެންމެ ރަނގަޅު މީހާއެވެ.
މިބުނި ފަދަ ރަނގަޅު މީހަކަށް ވެވޭނީ އެމީހެއްގެ ކިބައިގައި 2 ޝަރުޠެއް ފުރިހަމަވުމާއިއެކުގައެވެ. ފުރަތަމަ ޝަރުޠަކީ ތެދުވެރިކަމެވެ. ދެވަނަ ޝަރުޠަކީ މާފުކުރުމުގައި ދީލަތިވުމެވެ. މި 2 ޝަރުޠު ފުރިހަމަނުވާ މީހަކަށް މިބުނާފަދަ އެންމެ ރަނގަޅު މީހަކަށް ނުވެވޭނެއެވެ. ލޯބިވުމުގެ ބައި ގެންނަން ޖެހޭނީ 3 ވަނަ ކަމެއްގެ ގޮތުން މި 2 ކަންތަކުގެ ފަހަތަށެވެ!
ސަބަބުވެސް ބުނެލާނަމެވެ. ކިތަންމެ ލޯބިވިޔަސް ތެދުވެރިކަން ނެތި އެކުގައި ނުއުޅެވޭނެއެވެ. އަދި މާފުކުރުމުގައި ދީލަތި ނުވެވެސް އެކުގައި ނުއުޅެވޭނެއެވެ. ކިތަންމެ ރަނގަޅަށް އުޅެން އުޅުނަސް މާފުކުރަން ޖެހޭނެ ކަންކަން ކުރިމަތިވާނެތީއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން