ފުރަތަމަ ވިސްނާލަންވީ ދަރިން ތިއްބައި ވަރިކުރުމާއިމެދުގައެވެ. ވަރިކޮށް ޢިއްދަ ހަމަވުމުން އުނިކުރެވޭނީ އަނބިމީހާއެވެ. ދަރިންގެ ބެލެނިވެރިކަމުން ޛައްރެއްގެ މިންވަރުވެސް މަދެއް ނުކުރެވޭނެއެވެ. ކާންބޯން ދީ ކިޔަވައިދީ ބަލިވީމާ ބަލައި ހެދުމުގެ އިތުރުން ދަރިންނަށް ބޯހިޔާވަހިކަންވެސް ފޯރުކޮށްދޭންޖެހޭނެއެވެ. އަނބިމީހާ ރަނގަޅުކަމުން ދަރިން ބަލަން ޙަވާލުވިނަމަވެސް ބައްޕަގެ މަސްއޫލިއްޔަތުން އެއްވެސް މިންވަރެއް އުންޏެއް ނުކުރެވޭނެއެވެ.
އަދި ކީއް ހެއްޔެވެ؟ އަނބިމީހާ އާއިމެދު މިގޮތަށް ވިސްނާ ބައަކުވެސް އުޅެއެވެ.
"އޭނާގެ ޢުމުރުން 40 އަށް އަރައިފިއެވެ. 5 ދަރިން އެބަތިއްބެވެ. ވަރިވެގެން ދިއަނަމަވެސް އަޅައިލާނެ މައެއް ބަފައެއް އަދި އެހެން މީހަކުވެސް ނެތެވެ. ވަންނާނެ ގެދޮރެއްވެސް ނެތެވެ. އެހެންވީމާ އަހަރެން ބޭނުންވާހހައި ގޮތަކަށް އުޅެންވީއެވެ. އޭނާއަށް ޖެހޭނީ ހަމަ ކެތްތެރިވެގެން މަޑުން އިންނާށެވެ. އަހަރެން އުޅޭނެހައި ގޮތަކަށް އުޅޭއިރުވެސް މަޑުން އެއިންނަނީ އެހެންވެގެންނެވެ."
ﷲ ގަންދީ ބުނަމެވެ. މިއީ ވަރަށް ނުބައިކަން ބޮޑު ވިސްނުމެކެވެ. ހެޔޮލަފާ އަނބިން މަޑުން އެއިންނަނީ ތިއަ ހީކުރާ އެއްވެސް ސަބަބެއް އޮވެގެން އޮވެގެނެއް ނޫނެވެ. ފިރިމީހާ އެގޮތަށް އުޅޭއިރުވެސް މާފުކޮށް ކެތްތެރިވާތީ ﷲ ތަޢާލާ ދެއްވަވާ ހިތްވަރުގެ ސަބަބުންނެވެ. ލައްވަވާ ހެޔޮ ރަޙްމަތުގެ ސަބަބުންނެވެ.
ދުނިޔެއަށް ފޮނުއްވަވާ އެއްވެސް މީހަކީ ﷲ ތަޢާލާގެ ރަޙްމަތުން މަޙްރޫމްވެގެންވާ މީހެއް ނޫނެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާއަށް ކިޔަމަންތެރި އަޅަކު ގޮތްހުސްވެ ނިކަމެތިވާން ދޫކޮށްލައްވަވާނެ ކަމަށް ހީކުރަންވެސް ނުވާނެއެވެ.
އަޅައިލާނެ އެކަކު ނެތަސް، ކިތަންމެ ގިނަ ދަރިން ތިބިނަމަވެސް، ޢުމުރުން ކިތަންމެ ގިނަ ދުވަސްވެފައިވީނަމަވެސް، ޞިއްހީ ގޮތުން ބަލިކަށި ނަމަވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅުންނަށް ރަޙްމަތް އިތުރުކުރައްވަވާނެތެވެ. އެމީހަކަށް ފައިދާހުރި ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އުފަލުގައި ދިރިއުޅެވޭނެ މަގުތައް ދައްކަވައި ދެއްވަވާނެތެވެ. ހިތްދަތިކަމާއި އަތްމަތިދަތިވުން ފަދަ މުޞީބާތްތަކުން ސަލާމަތްކުރައްވަވާނެތެވެ. އިން ޝާ ﷲ
އަދި ކީއްހެޔެވެ؟ ތިބާއަށްވުރެ ހުރިހާ ގޮތަކުން މާފުރިހަމަ، މާބޮޑަށް ލޯތްބާއި އަޅައިލުންދޭނެ މާތަނަވަސް ބައިވެރިއަކު ދެއްވެވުމަށްވެސް ކުޅަދުންވަންތައެވެ. ދެއްވަވާފައިވެސް އެބަހުއްޓެވެ. އެއީ މަދަކުން މެދުވެރިވާ ކަންކަމެއްވެސް ނޫނެވެ.
ވީމާ ތިބާގެ ވިސްނުމުން އަނބިމީހާ ކިތަންމެ ނިކަމެތިވެފައި އެކަނިވެރި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އޭނާއަކީ ނުހަނު މަތިވެރި އަންހެނަކަށްވެދާނެއެވެ. ވީމާ ﷲ ތަޢާލާއަށް ބިރުވެތިވާށެވެ. އަނބިންގެ ހިތުގައި ޖެއްސުން، އަނިޔާވެރިވުން ފަދަ ކަންކަން ނުކުރާށެވެ. އެކަންކަމުން ތިބާއަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވެގެން ހިނގައިދާނެއެވެ. ޖައްސަވާ މުޞީބާތްކުން ލިބޭ ތަކްލީފްތައް އިންތިހާއަށް ބޮޑުވެދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން