އަހުރެމެން ކޮންމެ މީހަކުވެސް މިސްކިތަށް ދަމުއެވެ. މިސްކިތުގެ ބޭނުން ކުރަމުއެވެ. ވުޟޫކުރަން ފެން ބޭނުންކުރަމުއެވެ. ކަރަންޓް ބޭނުންކުރަމުއެވެ. އެޚިދުމަތްތައް އެލިބެނީ ބައަކު އެކަންކަމަށް ޚަރަދުކުރާތީއެވެ. ބިލްތައް ދައްކައި މަރާމާތުކޮށް ބަލަހައްޓާތީއެވެ. ހަލާކުވުމުން މަރާމާތުކުރާތީއެވެ.
އެކަންކުރަނީ އަމިއްލަ ޖަމާޢަތަކުން ނުވަތަ ވަކިވަކި ފަރުދުން ނުވަތަ ސަރުކާރުންކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެއީ އެމީހުންގެ އަތްމައްޗަށް ދޫކޮށްލަން އޮތް ކަމެއް ނޫނެވެ. ތިމާގެ ކިބައިގައި ޤާބިލުކަން ހުރިވަރަކުން އެކަންކަމަށް ހޭދަކުރާށެވެ. މިސްކިތުގެ ކަންކަމަށް ޚަރަދުކުރާ ފަންޑުފޮށިތަކަށް ފައިސާއަޅާށެވެ. އެކައުންޓްތަކަށް ފައިސާ ޖަމާކުރާށެވެ. ކިތަންމެ ކުޑަ މިންވަރަކުންނަމަވެސްމެއެވެ.
ވިސްނައިލާށެވެ! ނަމާދުކުރަން މިސްކިތަށް މިދަނީ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބު ހޯދުމަށެވެ. ތިމާގެ ކިބައިގައި ކުޅަދާނަކަން ހުރިނަމަ ތިބާގެ މައްޗަށް ހިނގާ ޚަރަދު އެހެން މީހަކު ލައްވައި ކުރުވަންވީ ކީއްވެގެން ހެއްޔެވެ؟ އެންމެ ކުޑަމިނުން ތިބާގެ މައްޗަށް ހިނގާ ޚަރަދު ތިބާ ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟
ހަމަޤައިމުވެސް އެކަން ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވެއެވެ. ﷲ ތަޢާލާގެ ގެކޮޅުތަކަށް ޚަރަދުކުރުމުން ދެއްވަވާނެ ޘަވާބަށް ދަހިވެތިވާށެވެ.
- މުފްތީ މެންކްގެ ބަސްފުލަކުން
ރާއްޖޭގައި މިސްކިތްތަކުގެ ކަންކަން ބަލަހައްޓަނީ ދައުލަތުންނެވެ. މިހެން ދެންނެވި ނަމަވެސް އަމިއްލަ ފަރާތްތަކުން ބަލަހައްޓާ މަދު މިސްކިތްކޮޅެއްވެސް ހުރެއެވެ. އިސްލާމިކް މިނިސްޓްރީގައި މިސްކިތްތަކަށް އެހީތެރިވެދެވޭނެ ވަކިފަންޑެއް އޮވެއެވެ. ވީމާ ކެރިކުޅަދާނަވީ މިންވަރަކުން ކޮންމެ މީހަކުވެސް އެފަންޑަށް އެހީތެރިވުމަކީ މިސްކިތް ބިނާކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމާއި އަދި އެހެންކަމުގައިވެސް ތިމާއަށް އަމިއްލައަށް ބައިވެރިވެވެން އޮތް މަގެކެވެ. އޮންލައިންކޮށްވެސް ފައިސާ ދެއްކެއެވެ. އެންމެ 10 ރުފިޔާ ނަމަވެސް ހަދިޔާކުރެއްވުން ކީއްތޯއެވެ؟