އަނބިން ގިނަކުރަންވެސް އަނބިމީހާއަށް ދޮގާ މަކަރުހަދައި އޮޅުވާލުން ހުއްދައެއް ނޫން! ނުރުހޭނަމަ އޮތީ ދޫކޮށްލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އަނބިން ގިނަކުރަންވެސް އަނބިމީހާއަށް ދޮގާ މަކަރުހަދައި އޮޅުވާލުން ހުއްދައެއް ނޫން! ނުރުހޭނަމަ އޮތީ ދޫކޮށްލުން!

އެއްވެސް ކަމެއްގައި މަކަރުހަދައި އޮޅުވާލަނަމަ އެކުރެވެނީ ފާފައެކެވެ. ދޮގުހެދުމަކީވެސް ފާފައެކެވެ. ދެމަފިރިން ކަމުގައިވީނަމަވެސް މެއެވެ. އަދި ދެމަފިރިން އެކަކު އަނެކަކަށް ތެދުވެރިނުވުމަކީ ދިރިއުޅުމުގެ ބަރަކާތްކެނޑި މުޞީބާތްތައް ކުރިމަތިވާ ކަމެކެވެ. ތެދުވެރިވުމަކީ ބަރަކާތް ލައްވަވައި ހެޔޮ ގޮތްތައް މިންވަރުކުރައްވަވާ ކަމެކެވެ.  

ފިރިމީހާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ ހުއްދަވެގެންވަނީ އަނބިން އިތުރުކުރުމެވެ. އެކަންކުރަންވެސް އަނބިމީހާއަށް އޮޅުވާލައި މަކަރުހެދުމެއް ނެތެވެ. އަނބިމީހާ ނުރުހިއްޖެނަމަ ދީނުގައިވާ ގޮތަށް އަނބިމީހާ ދޫކޮށްލެވިދާނެއެވެ.  

އަނބިންނަށް އޮޅުވާލައިގެން ދޮގާއި މަކަރުހަދަމުން އަނބިން އިތުރުކުރާ ފަހުން އެކަން އަނބިމިހާއަށް އެނގުމުން އަނބިމީހާއަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. ވިސްނަމުންގޮސް ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓި މުޅި ޢުމުރު އެޙާލުގައި ހޭދަކުރަންވެސް އެބަ ޖެހެއެވެ. އެފަދަ ގެއްލުމެއް ނުވަތަ އަނިޔާއެއް ދިނުން ދީން ހުއްދައެއް ނުކުރެއެވެ. އަދި އެކަމުގެ ޒިންމާވެސް ޤިޔާމަތްދުވަހު އުފުލަންޖެހޭނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ގުޅުންހުރި ސުވާލެއް! 

ސުވާލު:. ފިރިމީހާ މިދިޔައީ އެހެން ރަށަކަށް ވަރަށް އަވަހަށް އަންނާނަމޭ ބުނެފަ އެކަމު އަނބިމީހާ ގުޅީމަ ފޯނެއް ނުނަގާ. އަދި ހުރިތަނެއްވެސް ނުބުނޭ. މިހާލަތުގައި އަނބިމީހާ ކަންތައް ކުރާނީ ކިހިނެއްތޯ؟ އަދި ފިރިމީހާ ފާފަވެރިވާނެތޯ މިކަމުން؟ 

ޖަވާބު:. ދޮގާއި މަކަރު ހެދުމަކީ ފާފަވެރި އަމަލެއް. ފިރިމީހާ އޮޅުވާލައިގެން އުޅޭނަމަ އޭނައަށް ވިސްނައިދީގެން އިސްލާހް ކުރެވޭތޯ ބަލާނީ. 

(އަނބިމީހާވިޔަސް ދޮގާ މަކަރުހަދައި އޮޅުވައިލާނަމަ އޮތީ ހަމަ މިޙުކުމެވެ. ފާފަވެރިވާނެއެވެ.) 

އިތުރު ސުވާލެއް:  

ސުވާލު:. ވަކި ކަމެއް ކޮށްފިނަމަ ވަރި ކުރާނަމޭ ބުނެފަ ވަނިކޮށް އެކަމެއް ކޮށްފިނަމަ ވަރިވާނެތަ؟ 

ޖަވާބު:. މިވެނިކަމެއް ކޮށްފިނަމަ ވަރިކުރާނަމޭ ބުނެފައި އޮއްވާ އެކަމެއްކުރިނަމަވެސް ވަރިނުކުރާހާހިނދަކު ވަރިނުވާނެ. 

ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން