ފުރަތަމަ ކަމަކަށް ކުޑަކުޑަ ޙާދިސާއެއް ކިޔައިދޭނަމެވެ. އެއީ އަހުރެންގެ ވަރަށް ގާތް 2 އެކުވެރިންނެވެ. ދެމަފިރިންނެވެ. ކައިވެނި ރޫޅުނީއެވެ. އެޚަބަރުން ވަރަށް ބޮޑު ސިހުމެއް ލިބުނެވެ. އެހެންވެ ސުވާލުކޮށް ޙަޤީޤަތް ބެލިއިރު މިވީ ގޮތަކީ ފިރިމީހާގެ އެންމެ ގާތް އެކުވެރިޔާ ނުބައި ދައުރެއް އަދާކުރީއެވެ.
ފިރިމީހާ، އޭނާގެ އެކުވެރި އަންހެނަކާއި ބައްދަލުކުރާކަން އަނބިމީހާއަށް ސާބިތުކޮށްދިނީއެވެ. އަދި އެކަމާއި ގުޅުވައިގެން ބޮޑެތި ދޮގުތަކެއް ހެދީއެވެ. އެކުވެރިޔާގެ އަނބިމީހާ ދަމައިގަތުމުގެ ބޭނުމުގައެވެ. ނަޞީބަކުން އެމަޅީގައި އަނބިމީހާއެއް ނުޖެހެއެވެ. ބުނީ ކަލޭ ވާނީ އަދި ފިރިމީހާޢަށްވުރެވެސް ތިއަބާވަތުގެ ކަންކަމުގައި އަރައިހުރި މީހަކަށެވެ. އެންމެ ގާތް އެކުވެރިންގެ ގޮތުގައި ކަލޭމެން ދެމީހުން ތިއުޅެނީ އެެހެންވެގެންނެވެ.
އަހުރެން އެކަމުގެ ތެރެއަށް ވަނީމެވެ. ކަންހިނގައިގެން އުޅޭގޮތް ބެލިއިރު ފިރިމީހާ އޭނާ އާއި 2، 3 ފަހަރަކު ބައްދަލުކުރި ނަމަވެސް ލޯބީގެ އެއްވެސް ވާހަކައެއް ދައްކާފައެއްވެސް ނުވެއެވެ. ދައްކާފައިވަނީ އަންހެން މީހާ ކުރަންފަށަން އުޅޭ މަސައްކަތަކަށް ބޭންކުން ލޯނެއް ހޯދުމާއިބެހޭ ގޮތުންނެވެ. ފިރިމީހާ މަސައްކަތްކުރަނީ ބޭންކުގައި ކަމަށްވާތީއެވެ.
އެއިރު އެލޯނުވަނީ އޭނާއަށް ލިބިފައެވެ. އެހެންވެ ހުރިހާ ތަފްޞީލްތަކެއް ހިފައިގެން އަނބިމީހާގެ ގާތަށް ގޮސް ވިސްނައިދިނުމުން ނަޞީބަކުން ދިން ނަޞޭޙަތް ޤަބޫލުކުރިއެވެ. ކައިވެނި ރުޖޫޢަކުރަން އެއްބަސްވެ ރުޖޫޢަކުރިއެވެ.
މިކިޔައިދެވުނީ އެކުވެރި ފިރިހެނަކު ކުރި ނުބައިކަމެއްގެ ވާހަކައެވެ. ހަމަ މިގޮތަށް ނުބައި ގޮތުގައި ކަންތައްކުރާ އަންހެނުންވެސް މަދުކަމަކަށް ނުބުނެވޭނެއެވެ.
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެންމެ ގާތް އެކުވެރިންނަކީ ތިމާއަށް ކުރެވޭ ކުށްތަކުން ތިމާ ސަލާމަތްކޮށްދޭނެ ބައަކު ކަމަށެވެ. އެމީހުންނަށް އެނގުނަސް ސިއްރުކޮށްދީ ސިއްރު ދަމަހައްޓާނެ ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ ގިނަވާނީ އެމީހަކަށް ކުރެވޭ ކުށްތައް ފަޟީޙަތްކޮށް އެކަމުގެ ނާޖާއިޒު ފައިދާ ނަގާނެ ބައަކު ކަމެވެ.
އަހުރެންގެ ނަޞީޙަތަކީ ދިރިއުޅުމަށް ކިތަންމެ ކުޑަ ލޮޅުމެއް އަރައިފާނެކަމެއްވެސް ކިތަންމެ ގާތް އެކުވެރިއަކަށް ނަމަވެސް ނުއަންގައި ސިއްރުކުރުމެވެ. ނޫންނަމަ މިކިޔައިދިން ޙާދިސާގައި ކުރިމަތިވި ފަދަ ދެރަ ގޮތްތައް ކުރިމަތިވުން އޮންނާނީ ދާދި ގާތުގައެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅުން