އަހުރެން ކުރާނީ ހަމައެކަނި ﷲ ތަޢާލާ ފަރުޟުކުރެއްވެވި ކަންކަން ކަމަށް ބުނާ މުސްލިމުންވެސް އުޅެއެވެ. އަދި ބައެއް މީހުންނަށް އަދިވެސް ޤަބޫލުކުރެވެނީ ފަރުޟު 5 ނަމާދުކޮށްލެވުމުން އޭނާއަށް ކުރަންޖެހޭ ހުރިހައި ކަންކަން ފުރިހަމަކުރެވުނީކަމަށެވެ.
ނަމަވެސް ހުރިހާ ޢިލްމުވެރިންހެން ވިދާޅުވަނީ އެވަރުން ނުފުދޭނެ ކަމަށެވެ. ނުފުދޭނެ ސަބަބުތައް ވަރަށް ގިނަކަމަށެވެ. އެހެންވެ ބައެއް ޢިލްމުވެރިން ކޮންމެހެން ކުރަންޖެހޭ ނަމާދުތަކުގެ ލިސްޓަށް ރަވާތިބު ސުންނަތްތަކާއި ޚާއްޞަކޮށް ވިތުރި އާއި ދަމުނަމާދު އިތުރުކުރެއެވެ.
ދަމުނަމާދުގެ މަތިވެރިކަމާއި ދަމުނަމާދުކުރާ އަޅުންނަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރު ވަރަށް ރަނގަޅަށް އެނގެން އޮތްކަމީ އެނަމާދަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ސަބަބެކެވެ.
ފަރުޟު 5 ނަމާދަކީ ﷲ ތަޢާލާއަށް ކޮންމެހެން އަދާކުރަންޖެހޭ ދަރަންޏެކެވެ. ވީމާ ފަރުޟު 5 ނަމާދުކުރުމުން އެކުރެވޭ ކަމަކީ ދަރަނި އަދާކުރުމެވެ. އިތުރަށް ކުރިއަށް ދިއުމުގެ މަގު ފަހިވެގްންދާނީ ސުންނަތް ނަމާދުތައް ކުރުން އިތުރު ކުރިވަރަކުންނެވެ. ޚާއްޞަކޮށް ދަމުނަމާދުކުރުމުންނެވެ. އަދި ވިތުރި އާއި ވީހައި ގިނައިން ރަވާތިބު ސުންނަތް ކުރުމުންނެވެ.
ރަސޫލް (ﷺ)، ޤިޔާމަތް ދުވަހު ތިމަން ރަސޫލާ (ﷺ) އާއި އެންމެ އަރިއަހުގައި ވުމަށް އެދޭނަމަ ސަޖިދަކުރުން ގިނަ ކުރުމަށް ޙަދީޘްފުޅު ރައްވަވާފައި އެވަނީ މި ސަބަބަށްޓަކައެވެ. ނޫންނަމަ ޙަދީޘްފުޅު ކުރެއްވެވީހީ ހަމައެކަނި ފަރުޟު 5 ނަމާދުކުރުމަށެވެ.
ސަޖިދަ ކުރުން ގިނަ ކުރެވޭނީ ސުންނަތް ނަމާދުތައް ކުރުން ގިނަކުރި ވަރަކުންނެވެ. ވީމާ އެމީހެއްގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ވީހައި ގިނައިން ސުންނަތް ނަމާދުތައްކޮށް، އެނަމާދުތަކުގައި ވީހައި ގިނަ ރަކްޢަތްކޮށް ވީހައި ގިނަ ސަޖިދަކުރަންޖެހޭކަން މިއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ.
ނިކަން ވިސްނައިބަލާށެވެ! ޞަޙާބީންގެ ތެރެއިންވެސް އެންމެ މަތިވެރިކަން ލިބިވަޑައިގަތީ އެކަމަށް އެދިވަޑައިގެން ވީހައި ގިނައިން، މަސައްކަތް ކުރެއްވި ބޭކަލުންނަށެވެ. ވީހައި ގިނައިން ސުންނަތް ނަމާދުތައް ކުރައްވައި އުޅުއްވެވި ބޭކަލުންނަށެވެ. ވީހައި ގިނަ އަޅުކަން ކުރެއްވެވި ބޭކަލުންނަށެވެ! ވީމާ އަހަރެމެންނަށް ވެސް އޮންނާނީ ހަމަ އެގޮތެވެ!
ސުންނަތް ނަމާދުކުރުން ގިނަ ނުކުރެވޭނަމަ ފާހަގަ ކުރެވޭ އެންމެ ބޮޑު އެއްކަމަކީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ގުޅުން ކުޑަވެގެންދާކަމެވެ. އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ފުރިހަމަ ލޯބި އޮތް ނަމަ އެމީހަކާއި ﷲ ތަޢާލާ އާއި ވީހައި ބޮޑަށް ގުޅުން ބަދަހިކުރަން އެމީހަކު މަސައްކަތް ކުރާނެއެވެ. އެކަންކަމަށް ގަދައަޅައި މަސައްކަތް ނުކުރެވޭނަމަ އެހިސާބުން އެއޮތީ ގިނަ މައްސަލަތަކެއް ފެންމަތިވެފައެވެ.
ވަޒީފާ އަދާކުރުމަށް ބަލާށެވެ. ރަސްމީ ގަޑި ނިމުނީމާ ގެއަސް ނުގޮސް މަޑުކުރަނީ ކީއްކުރަން ހެއްޔެވެ؟ ލިބޭ އާމްދަނީ އިތުރުކުރުމުގެ އިތުރުން ވެރިންގެ ރުހުން ހޯދައި ވަޒީފާގެ ކުރިއެރުންވެސް ހޯދަން ނޫން ހެއްޔެވެ؟
ﷲ ތަޢާލާގެ ޙަޟްރަތުގައިވެސް އެކަން އޮތީ ހަމަ އެފަދަ ގޮތެކެވެ. ފަރުޟަކީ ވާޖިބުވެއްޖެ މީހާގެ މައްޗަށް އޮތް ދަރަންޏެކެވެ. ނަމަވެސް ސުންނަތް އަޅުކަމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމާއި ރުހިވޮޑިގަތުން ހޯދަން އެމީހަކު ކުރާ ހިތުން ކުރަން އޮތް ކަންކަމެވެ. ވީމާ ހަމައެކަނި ފަރުޟު ނަމާދާއި ހަމައިން ނިންމައިލެވޭކަށް ނެތެއް ނޫންހެއްޔެވެ؟
ހަމަ އެއާއިއެކު އޮތީ ވިސްނާލަންޖެހޭނެ އެންމެ މުހިންމު ކަންތަކެވެ. ޤިޔާމަތް ފުރަތަމަ ހިސާބު ބައްލަވާނީ ނަމާދުގެއެވެ. ބައެއް ނަމާދުތައް ކުރެވިފައިވާ ގޮތުން ޤަބޫލުފުޅު ނުކުރެއްވެވީއެވެ. އެހިނދު މަދުވާ ބައި ފޫބެއްދެން އޮތީވެސް ސުންނަތް ނަމާދުތައް ކޮށްގެންނެވެ، ނޫންނަމަ އެމީހަކަށް ޖެހޭނީ ކަރުއެލުވާލަން ނޫންހެއްޔެވެ؟ ވީއިރު ސުންނަތް ނަމާދުތައް ކުރުން ގިނަ ނުކޮށް ސަލާމަތްކަމެއް ނެތެއް ނޫންހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން