ޢަލީ އިޙްޞާން ފިރާޤް
ކުރިއަށް މިދަނީ ޝަޢްބާން މަހެވެ. ސުންނަތް ރޯދަ ހިފުން ގިނަކުރަން އެންމެ ބޮޑަށް މަސައްކަތްކުރަން އޮތް މައްސަރެވެ. އެހެންކަމުން މިގެނެސްދެނީ ރޯދަ ހިފުމުން ލިބޭނެ ޞިއްޙީ ފައިދާތައް އެނގިގެންދާނެ ލިޔުމެކެވެ.
ރޯދައަށް ހުރުމަކީ، ތިމާގެ އަމިއްލަ އިޚްތިޔާރުގައި އެކަމަށް ކަނޑައެޅިގެންވާ ވަކިވަގުތުތަކެއްވަންދެން ކެއިން ބުއިމުން ދުރުވެގެން ހުރުމެވެ. ރޯދައަށް ހުރުމަކީ އޭގެ ސަބަބުން ތަފާތު އެތަކެއް ޞިއްޙީ ފައިދާއެއް ލިބޭކަމެކެވެ.
މި ލިޔުމުގައި މި ބަލައިލަނީ އިންޑޮނޭޝިއާގެ ޔުނިވާސިޓަސް އެއަރލަންގާ (Universitas Airlangga) ގެ ނާސިންގ ފެކަލްޓީއިން ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބަޔާންކޮށްފައިވާ ރޯދައިގެ ޞިއްޙީ ފައިދާތަކުގެ މައްޗަށެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު ގިނައިން ނުކުޅެދުންތެރިކަމާއި، ޅައުމުރުގައި އެންމެ ގިނައިން މީހުން މަރުވާ އެއްސަބަބަކީ ހިތުގެ ބަލިތަކެވެ. ނުވަތަ ހިތާގުޅިފައިވާ ލޭ ހޮޅިތަކަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ޖެހޭ ބަލިތެކެވެ. އިނގިރޭސިބަހުން ކާޑިއޯ ވެސްކިއުލާ ޑިޒީސްއޭ މިކިޔަނީ މިފަދަ ބަލިތަކަށެވެ. ހިތުގެ ބަލިތަކުގައި މުޅި ދުނިޔެއިން އަހަރެއްގެ މައްޗަށް 17.3 މިލިޔަން މީހުން މަރުވާކަމަށް އަންދާޒާކުރެވިފައިވެއެވެ. 2030 ވަނަ އަހަރު މިއަދަދު 27.3 މިލިޔަން މީހުންނަށް އިތުރުވެގެން ދާނެ ކަމަށް ލަފާކުރެވިފައިވެއެވެ.
ހިތުގެ ބަލިތައް ކޮންޓްރޯލް ކުރުމަށް އަދި އެފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ހެޔޮ ބަދަލުތަކެވެ. ކެލޮރީ ނަގާ މިންވަރު މަދުކުރުމާއި، ރޯދަހިފުމަކީ ހިތުގެ ބަލިތަކަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނަ ކަމެއްކަމުގައި ގިނަ ދިރާސާތަކަކުން ދައްކައެވެ. އަދި އޭގެ ސަބަބުން ހިތުގެ ބަލިތަކަށް މަގުފަހިވާ ރިސްކްފެކްޓާތައް މަދުވާކަމަށްވެސް ދިރާސާތަކުން ދައްކައެވެ.
އެކި މީހުން ރޯދަ ހިފާ އުޅެނީ އެކިގޮތަށެވެ. މިގޮތްތައް ވަރަށް ގިނަފަހަރު ތަފާތުވަނީ އެބަޔަކު ނިސްބަތްވާ ދީނެއް ނުވަތަ މިއްލަތެއްގެ ގޮތުންނެވެ. މިސާލަކަށް ދަންނަވާ ނަމަ ޔަހޫދީން އަހަރެއްގެ ތެރޭގައި 6 ދުވަހު ރޯދައަށް ހުރެއެވެ. ގްރީކް އޯތޮޑޮކްސް ކުރިސްޓިއަނުން އަހަރެއްގެ މައްޗަށް 180 އާއި 200 އާ ދެމެދުގެ މުއްދަތަކަށް ރޯދައަށް ހުރެއެވެ. މުސްލިމުން ރަމަޟާންމަހު ވިދިވިދިގެން 29 ނުވަތަ 30 ދުވަހު ރޯދައަށް ހުރެއެވެ. (އެއިގެ ފަހުން އެމީހަކަށް ކުޅަދާނަވީ ވަރަކުން ސުންނަތް ރޯދަތައް ހިފައެވެ.)
ރޯދަ ހިފާ އަނެއް ގޮތަކީ ދީނީއެއްވެސް ޝިޢާރަކާ ގުޅިފައިނުވާ ރޯދަހިފުމެކެވެ. މިބައިމީހުން ރޯދަ ހިފަނީ ކެލޮރީ މަދުކުރުމުގެ ބޭނުމުގައެވެ.
ކުރިންވެސް ދެންނެވިފައިވާނެ ފަދައިން ރޯދަ ހިފުމަކީ ގިނަ ޞިއްޙީ ފައިދާތަކެއް އެކުލެވިގެންވާ ކަމެކެވެ. އޭގެ ސަބަބުން ބަލިބަލި ޖެހުމަށް މަގުފައިވާ ސަބަބުތައް ކުޑަކޮށްދޭ ކަމެކެވެ. ދުނިޔޭގެ ވަރަށް ގިނަ ބައަކު ރޯދަ ހިފަނީ ބަރުދަން ލުއިކުރުމުގެ ނިޔަތުގައެވެ. ބަރުދަން ލުއިމުރުމަކީ އޭގެ ސަބަބުން ވަރަށް ގިނަ ބަލިތަކަށް މަގުފައިވާ ސަބަބުތައް ކުޑަކޮށްދޭ ކަމެކެވެ. އެގޮތުން ލޭގެ ޕްރެޝަރު ރަނގަޅު މިންވަރެއްގައި ހިފަހައްޓައިދިނުމާއި، އިންސިއުލިންގެ މިންވަރާއި، ކޮލެސްޓްރޯލްގެ މިންވަރު ރަނގަޅު މިންވަރެއްގައި ހިފަހައިދިނުމަށް އެހީތެރިވެދެއެވެ.
މި ދިރާސާގައި ހާމަކޮށްފައިވާ ގޮތުގައި، ރަމަޟާންމަހުގެ ރޯދަ ހިފުމުގެ ސަބަބުން ޞިއްޙަތު ރަނގަޅު މީހުންގެ ބަރުދަން ލުއިކުރުމަށް ބާރުއަޅައި، ލޭގެ ހަކުރު ލެވެލް ދަށްކޮށްދެއެވެ. ހަމައެހެންމެ ނުރަނގަޅު ކޮލެސްޓްރޯލްކަމުގައިވާ އެލްޑީއެލް ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދެއެވެ. ރޯދަ ހިފުމުގެ ސަބަބުން ލޭގެ ޕްރެޝަރުދަށްކޮށްދެނީ، ލޭގެ ޕްރެޝަރު ދަށްވެގެން ގޮސް އިތުރު ޞިއްޙީ މައްސަލައެއް ކުރިމަތިވާ ގޮތަކަށެއް ނޫނެވެ.
ރޯދައަށް ހުންނައިރު ބަނޑުހައިހޫނުކަމުގެ އިހުސާސް އުފެދި ކެޓެކޮލަމިން (catecholamine) ދޫކުރުމަށް ހުރަސްއަޅައެވެ. އަދި ލޭނާރުތަކުގައި ލޭ ދައުރުވުން މަދުކޮށްދެއެވެ. މި މެކޭނިޒަމްގެ ސަބަބުން ސިމްޕެތެޓިކް ނާރު އިމްޕަލްސް ދަށްވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލޭގެ ޕްރެޝަރު ދަށްވެގެންދެއެވެ. މިހެންވުމުން އާޓީރިއަލް އަދި ކާޑިއެކް އައުޓްޕުޓްވެސް ދަށްވެއެވެ. އެހެންކަމުން ރޯދަހިފުން ބެލެވިފައިވަނީ ލޭގެޕްރެޝަރު މަތިވާ މީހުންނަށް ބޭހާ ނުލާ ލޭގެޕްރެޝަރު ދަށްކޮށްލެވޭ ކަމަކަށެވެ. ނުވަތަ ލޭގެ ޕްރެޝަރު ދަށްކޮށްލުމަށް ބޭނުންކުރެވޭ ނޮން-ފާމަކޮލޮޖިކަލް މެތަޑްއަކަށެވެ. ނަމަވެސް މިފަދަ ދިރާސާތަކުން މިގޮތަށް ދެއްކިނަމަވެސް އެއްވެސް ބޭހެއް ހުއްޓައިލަންވާނީ އިތުބާރުކުރެވޭ ޑަކްޓަރަކާ މަޝްވަރާކުރުމަށް ފަހުގައެވެ.
ކުރިންވެސް ދަންނަވައިފައިވާނެ ފަދައިން ރޯދައަށް ހުރުމަކީ ނުރަނގަޅު ކޮލެސްޓްރޯލް، ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. 740 މީހުން ބޭނުންކޮށްގެން ކުރި ދިރާސާއަކުން ސާބިތުވާ ގޮތުގައި ރޯދައަށް ހުރުމުގެ ސަބަބުން އެލްޑީއެލް ކޮލެސްޓްރޯލްގެ މިންވަރު ބޮޑުތަނުން ދަށްވެގެންދެއެވެ. އެލްޑީއެލްގެ މިންވަރު ދަށްވެގެން ދިޔުމަކީ އޭގެ ސަބަބުން ލޭހޮޅިތައް ބެދުމާއި، ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ.
- ޢަލީ އިޙްޞާން ފިރާޤަކީ މެޑިކަލް ޑޮކްޓަރަކަށްވުމަށް ތަޢްލީމް ޙާޞިލްކުރަމުން އަންނަ ދަރިވަރެކެވެ. މިއަދުނޫހަށް ލިޔެދެއްވާ ލިޔުންތެރިއެކެވެ.