މިހާރަކަށް އައިސް ގިނަ ބައަކު އުޅެނީ ގެންގުޅޭ ފޯނަށް ކީރިތި ޤުރްއާނާއި އަދި މާނަވެސް އަޅައިގެންނެވެ. ނަމަވެސް ކިޔަވައި މާނަ ދަސްކުރަނީ ހަމަ ވަރަށް މަދު މީހެކެވެ. އެފަދަ މީހުން ބިރުވެތިވާން އެބަޖެހެއެވެ.
މުސްލިމުންގެ ތެރެއިން ސްމާޓް ފޯން ގެންގުޅޭ ގިނަ އަދަދެއްގެ މީހުން އެމީހުންގެ ފޯނުގައި ޤްރުއާން ގެންގުޅެ، އެމީހުން ދާހައި ތަނަކަށް ޤްރުއާން ގެންދިއަ ނަމަވެސް ފޯނުގައިވާ އެޕްލިކޭޝަން ބަލައިގެން ކީރިތި ޤްރްއާނުން އަކުރެއް ކިޔަވަނީ ކިތައް މީހުން ހެއްޔެވެ؟ އަދި މާނަ ދަސްކުރަނީ ވެސް ކިތައް މީހުން ހެއްޔެވެ؟
ނުކިޔަވާނަމަ، މާނަ ދަސްނުކުރާނަމަ ފޯނަށް އެޕްލިކޭޝަން އަޅައިގެން ތިއަ ގެންގުޅެނީ އެހެން މީހުންނަށް ދައްކަން ހެއްޔެވެ؟ ބައެއް މީހުން ޤުރްއާނުގެ އިތުރުން ބަންގި އެޕްލިކޭޝަން އަޅައިގެންވެސް އުޅެއެވެ. ބަންގިގޮވަންފެށީމާ ކޮށްލާނީ މިޔުޓެވެ. މިސްކިތަކަށް ނުދެއެވެ. ނަމާދެއް ނުކުރެއެވެ.
މިފަދަ ކޮންމެ ޢަމަލަކީ ދެއްކުންތެރިކަމުގެ ޢަމަލެކެވެ. ދެއްކުންތެރިކަމަކީ ހާދަހައި ނުބައިކަން ބޮޑު ޢަމަލެކެވެ. ދެއްކުންތެރިކަން އެއިގެ ތެރެއަށް ވަނުމުން ޤުރްއާން ނުކިޔަވައި ނަމާދު ނުކޮށް ހުރެ އިތުރަށް ފާފަވެރިވެސް ވެވެނީއެވެ. ﷲ ތައާލާގެ ކޯފާވެވޮޑިގަތުމަށް އަމިއްލައަށް ހުށަހޮޅިގަނެވެނީއެވެ!
ދެއްކުންތެރި އެއްވެސް ޢަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ. އެންމެ ފުރަތަމަ ނަރަކައަށް އެއްލައިލެވޭނީވެސް ދެއްކުންތެރިންނެވެ. މިއީވެސް ކިހައިވަރުގަދަ އިންޒާރެއް ހެއްޔެވެ؟ ފޯނަށް ޤްރްއާން އެޕްލިކޭޝަން އެޅުމަކީވެސް ހެޔޮ އަމަލެއްކެވެ. ނަމަވެސް އެ އަމަލު ހެޔޮ އަމަލަކަށްވާނީ އެއިގެ ބޭނުން ހިފީމައެވެ. ފޯނުން ކީރިތި ޤްރްއާން ނުކިޔަވާނަމަ އެޕްލިކޭޝަނެއް ބެއިންދުމުގެ ބޭނުމަކީ ކޮބައިކަމާއިމެދު ވިސްނާލަންވާނެއެވެ.
މިދެއްކި ވާހަކަކޮޅުގެ މަޤްޞަދަކީ ފޯނުން ޤުރްއާން ކިޔަވަން ހިތްވަރުދިނުމެވެ. ބަންގީގެ އަޑު އިވުމުން މިޔުޓްކޮށްނުލައި ނަމާދުކުރަން އަވަސްވެގަތުމަށް ހިތްވަރުދިނުމެވެ.
- މުފްތީ މެންކްގެ ދަރުސަކުން