މައްސަލައެއް ޖެހުމުން ވާހަކަ ނުދެއްކުމަކީ ބައިވެރިޔާއަށް ދެވޭނެ އެންމެ ބޮޑު އަނިޔާ! ނަފްސާނީ ބައްޔަކަށްވެ ހަލާކުވެގެން ހިނގައިދާނެ ކަމެއް!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
މައްސަލައެއް ޖެހުމުން ވާހަކަ ނުދެއްކުމަކީ ބައިވެރިޔާއަށް ދެވޭނެ އެންމެ ބޮޑު އަނިޔާ! ނަފްސާނީ ބައްޔަކަށްވެ ހަލާކުވެގެން ހިނގައިދާނެ ކަމެއް!: ޝައިޚް އަބޫބަކުރު ޒައުދު

އަޅުގަނޑުގެ ބައިވެރިޔާ އެއްވެސް ކަމަކާ ހިތްހަމަނުޖެހިއްޖެނަމަ ވާހަކަ ދެއްކުން ހުއްޓާލައެވެ. މަސްދުވަސްވަންދެންވެސް އަނގައިން ނުބުނެ ހުރެދާނެއެވެ. ވާހަކަ ދައްކަން މަސައްކަތްކުރިނަމަވެސް އަޑު އިވޭކަމަށްވެސް ނުހަދައެވެ. އެކަމަކު ފަހުން ރަނގަޅުވެ ކުރިއާއި އެއްގޮތަށް ކަންކަން ކުރެއެވެ. 

މިކަމަސް ކެތްކުރަން ހަދައިގެން ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވާތީ އަޅުގަނޑުގެ ސުވާލަކީ ބައިވެރިޔާއަށް ވިސްނައިދޭން ކުރެވޭނީ ކޮން ކަމެއްތޯ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިވާ ލިޔުމަކީ އެހީތެރިކަން ހޯދިދާނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. ކޮންމެވެސް ގޮތަކުން ބައިވެރިޔާއަށް ނިކަން ޙިއްޞާކޮށްލަބަލާށެވެ! ނަތީޖާ އަންގައިލުންވެސް އެދެމެވެ. 

އަބަދުވެސް ބުނަމެވެ. ކައިވެނިކުރުމަށްފަހު ވަރީގެ ވާހަކަ ދައްކަން ޖެހޭނީ ދެން އެހެން ގޮތެއް ނެތުމުންނެވެ. އެހެންކަމާއިއެކުވެސް ވަރީގެ ވާހަކަ ދައްކަންޖެހޭ ޙާލަތެއް ވެއެވެ. މި ދައްކަނީ އެ ޙާލަތުގެ ވާހަކައެވެ. 

މިޘާލަކަށް އެކަކަށް ކުށެއް ކުރެވުނީއެވެ. ނުވަތަ ކުށެއް ކުރެވިއްޖެކަމަށް ޤަބޫލުކުރެވުނީއެވެ. އެ ޙާލަތުގައި ބައެއް މީހުން ކަންތައްކުރާ ގޮތަކީ އެކަމުގެ ވާހަކަ ނުދައްކައި ހުންނަނީއެވެ. ސަބަބުވެސް ބަޔާންނުކޮށް އަނެކަކާއި ވާހަކަދެއްކުން ހުއްޓައިލަނީއެވެ. އަނެކަކު ވާހަކަދައްކަން އުޅުނަސް ސުވާލުކުރިނަމަވެސް ޖަވާބުވެސް ނުދެނީއެވެ. 

މިފަދަ ގޮތެއް މެދުވެރިވެއްޖެނަމަ މައިންބަފައިންގެ އެހީތެރިކަން ހޯދައިގެންވެސް ވާހަކަދައްކަން މަސައްކަތްކުރާށެވެ. އެހީތެރިވެދޭނެ މައިންބަފައިން ނެތްނަމަ އިތުބާރުކުރެވޭ ހެޔޮލަފާ މީހެއްގެ އެހީތެރިކަން ހޯދައިގެންވެސް ވާހަކަދައްކަން މަސައްކަތްކުރާށެވެ. 

މިކަންކަން ކުރުމުންވެސް ވާހަކަ ދައްކަން ނުފަށައިފިނަމަ އެދެނީ ވަރަށް ބޮޑު އަނިޔާއެކެވެ. އެކަން ނަފްސާނީ ބަލިކަމަކަށްވެސް ބަދަލުވެގެން ހިނގައިދާނެއެވެ. ވީމާ ވާހަކަދެއްކޭނެ އެއްވެސް  ގޮތެއް ނެތިއްޖެނަމަ ހިތާއި ދެކޮޅަސްވެސް ވަރިވާށެވެ. ނުވަތަ ވަރިކުރާށެވެ. އެހެނީ އެޙާލަތުގައި އެކުގައި ދިރިއުޅެން މަސައްކަތްކުރުން ވެގެންދާނީ ލިބޭ ވަރަށް ބޮޑު އަނިޔާއަކަށެވެ. 

މިހެން ބުނަން މިޖެހޭ އެންމެ ބޮޑު ސަބަބަކީ ދެމަފިރިންގެ މެދުގައި ވާހަކަދެއްކުން ހުއްޓިއްޖެނަމަ ގުޅުންތައް ކެނޑި އެއްދާންކުރުން ހުއްޓޭނެތީއެވެ. އެއްދާންކުރުން ހުއްޓިއްޖެނަމަ ޖެހޭ މައްސަލަތައް ގިނަވެގެންދާނެތީއެވެ. އަދި ކީއްހެއްޔެވެ؟ ބައްޔެއްގެ ސަބަބުން ނުވަތަ ޢުމުރުން ދުވަސްވުމުގެ ސަބަބުން ފަދަ ކަމެއް ނެތި ޒުވާން ޢުމުރުގައި އެއްދާންކުރުން ހުއްޓިއްޖެނަމަ އެކައިވެނި އެހިސާބުން އެވަނީ ބަނގުރޫޓުވެފައެވެ. އެހިސާބުން އެކުގައި ދިރިއުޅެން މަސައްކަތްކުރިނަމަވެސް އެކަން ކާމިޔާބުކުރެވުން އޮންނާނީ ވަރަށް ދުރުގައެވެ. ވީމާ އެންމެ ރަނގަޅު ގޮތަކަށްވާނީ ރިވެތި ގޮތުގައި ދެމީހުން ވަކިވުމެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން 

މިއަދު އޮންލައިން