މީސްތަކުންނޭވެ! ހެޔޮ ޢަމަލުކުރުމަކުން އަދި ނުފުދެއެވެ. އެ ޢަމަލު ރައްކައުތެރިކުރަންވެސް އެބަޖެހެއެވެ. އާޚިރަތް ދުވަހު ތިމާއަށް ފައިދާކުރާނެ ޢަމަލެއްގެ ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަން ލިބޭނީ ރައްކާތެރިކުރެވުނު ނަމައެވެ.
ބައެއް މީހުން ހެޔޮ ޢަމަލުތައް ކުރުމަށްފަހު މީސްތަކުންނަށް ދައްކަން ބޭނުންވެއެވެ. އަހުރެންގެ ސުވާލަކީ އެއީ ކީއްކުރަން ކުރާ ކަމެއް ހެއްޔެވެ؟ ތިބާ ކުރި ޢަމަލު ކިތަންމެ ގިނަ މީހުން ބަލައިގަނެ ތަޢްރީފްކުރިނަމަވެސް އެކަމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އެޢަމަލަށް ޘަވާބު ދެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ކިތަންމެ ގިނަ ބައަކު އެކަމަށް ރުހުނަސް އެކަމަށް އެންމެ ޘަވާބެއްވެސް ލިބުން އޮތީ ﷲ ތަޢާލާ ދެއްވެވުމުންނެވެ.
ތިބާކުރާ އެއްވެސް ޢަމަލެއް ﷲ ތަޢާލާއަށް ދައްކަން އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. އެޢަމަލެއް ކުރަން ހިތަށް އަރުވައިލިނަމަވެސް އެކަންވެސް ދެނެވޮޑިގެންވެއެވެ. އެޢަމަލެއް ކުރުމުން އެކަންވެސް ދެނެވޮޑިގެންވެއެވެ.
ކަން އޮތީ މިފަދައިން ނަމަވެސް ބައެއް މީހުން ކުރާ ހެޔޮ އަމަލުތައް ހާމަކުރަނީ އެހެން މީހުންގެ ކުރިމަތީގައި ތިމާއަކީ ތަޤްވާވެރިއެއް ކަމަށް ދެއްކުމަށެވެ. ނަމަވެސް އެއީ އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ލިބޭނީ ގެއްލުމެވެ.
އެހެނީ ދެއްކުންތެރިކަން ހިމެނޭ އެއްވެސް ޢަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތީއެވެ. ހަމައެއާއިއެކު ކުރާ ހެޔޮ އަމަލުތަކަށް ޖަޒާ ދެއްވަވަނީ ﷲ ތަޢާލާ އެވެ. އެކަމަށް އެއްވެސް ދެވަނަ މީހެއްގެ އެހީތެރިކަން ބޭނުމެއް ނުވެއެވެ.
އަހަރެމެންނަށް ކުރެވޭ ކުށްތައް ހާމަވާކަށް ބޭނުމެއް ނުވާނެއެވެ. މިބުނީ ކުރެވޭ ފާފަތައް އެންމެންނަށް އެނގޭކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ކޮންމެ މީހަކީވެސް ފާފަކުރެވޭ މީހެކެވެ. ފާފަ ނުކުރެވޭ ހަމައެކަކުވެސް ނުހުންނާނެއެވެ. ވީމާ ފާފަތައް ސިއްރުކުރާ ފަދައިން ކުރާ ހެޔޮ ކަންތައްވެސް ސިއްރުކުރަންވާނެއެވެ.
ހެޔޮ އަމަލުތައް ކުރުމަށްފަހު ސިއްރުކޮށްގެން ހުންނަ މީހާ އުފާކުރާނެ ދުވަހެއް އަންނާނެއެވެ! އެއީ އެއީ މަޙްޝަރު ދުވަހެވެ. އެދުވަހު ތިބާ ކުޅަ އަމަލުތަކުގެ ފަތް ހުޅުވައިލެވޭނެއެވެ. ކުރެވިފައިވާ ފާތައްވެސް ފެންނާނެއެވެ. އަދި ތިބާއަށް ހެޔޮ އަމަލުތައް ގިނައިން ކުރެވިފައިވާނަމަ އެކަންވެސް ފެންނާނެއެވެ. ވީމާ ކުރާ ހެޔޮ އަމަލުތައް ކުޅިވަރަކަށް ހަދައިގެން މިދުނިޔޭގައި ހާމަނުކުރާށެވެ! ޚާއްޞަކޮށް އެހެން މީހުންގެ ރުހުމާއި ލޯބި ހޯދަން އެކަން ނުކުރާށެވެ! އަޅުކަން ކުރަނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެދިގެންނެވެ. އެނިޢްމަތް ގެއްލިދާ ފަދަ އަމަލުތައްކޮށް ގެއްލުވައިލުމުން ކުރި ހެޔޮ އަމަލުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
މީސްތަކުން ކުރާ ހެޔޮ އަމަލުތަކުގެ ތެރެއިން އެހެން މީހުންނަށް އެނގޭނީ މަދު މިންވަރެކެވެ. ހުރިހާ ކަމެއް ނުއެނގޭނެއެވެ. އަންގާކަށް ނުވެސް ޖެހޭނެއެވެ. ޚާއްޞަކޮށް އެމީހަކު ކުރާ އަޅުކަންތައް އެންމެންނަށް އަންގާކަށްވެސް ނުވެސްވާނެއެވެ. އެކަންކަން ހުންނަން ޖެހޭނީ ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައެވެ.
ތިމާކުރާ ނަމާދާއި ކުރާ ޞަދަޤާތާއި ކުރާ ޛިކްރްތަކާއި ކީރިތި ޤްރްއާން ކިޔެވުމާއި މިކަންކަމަކީ އެއްގޮތަކަށްވެސް އެހެން މީހުންނަށް އަންގަން ޖެހޭނެ ކަންކަމެއް ނޫނެވެ. އެކަމެއް ހާމަކުރުމުން މީސްތަކުންނަށް އެކަމުން ފައިދާއެއް ކޮށްފާނެ ފަދަ ޙާލަތެއްގައި މެނުވީއެވެ.
މިސާލަކަށް ތިބާ ކުރި ހެޔޮ އަމަލަކުން ތިބާއަށްކުރި ފައިދާއެއް މީހަކާއި ހިއްޞާކުރުމަކީ އެކަން ކުރުމަށް އެހެން މީހުންނަށްވެސް އިތުރު ހިތްވަރެއް ލިބޭފަދަ ކަމަކަށްވާނަމަ އެކަމަށްޓަކައި ހާމަކުރުމަކީ ހުއްދަކަމެކެވެ.
އެހެން މީހުންނަށް ވެސް ހެޔޮ އަމަލުތައް ކުރަން ހިތްވަރުދިނުމުގެ ގޮތުން ތިމާ ކުރާ ބައެއް ހެޔޮ އަމަލުތައް، ޚާއްޞަކޮށް ބޮޑެތި ކަންކަން އެންގުމަކީވެސް މައްސަލައެއް ނޫނެވެ. މިސާލަކަށް ހިންގާ ބޮޑެތި މަޝްރޫޢުތައް ފަދަ ކަންކަމެވެ. އަދި އެހެން މީހުން ބައިވެރިކޮށްގެން ކުރަން ޖެހޭ ޒާތުގެ ކަންކަމެވެ. އެއީ އެކަމެއް ކުރުމުގައި އެހެން މީހުން ބައިވެރިކުރުވުމަށެވެ.
މިޘާލަކީ މިސްކިތެއް އެޅުންފަދަ ކަމެކެވެ. މިސްކިތް އަޅަން ބޭނުންވާ ފައިސާއިން ތިބާގެ އަތުގައި ހުރީ ދެބައިކުޅަ އެއްބައިކަމަށްވެދާނެއެވެ. އެހެންކަމަށްވާނަމަ އަނެއްބައި ހޯދަން މީސްތަކުން ބައިވެރިކުރުވަން ޖެހޭތީ އެކަމުގެ ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ތިމާގެ އަތުގައި ފައިސާހުރެގެން މިސްކިތެއް އަޅާނަމަ ކޮންމެހެން އެކަން އިޝްތިހާރުކުރުމުގެ ގޮތުން މީސްތަކުންނަށް އެންގުމެއް ނެތެވެ. ހަމައެއާއިއެކުގައިވެސް ތިމާފަދަ ތަނަވަސް އެހެން މީހުންނަށް އެމީހުންވެސް މިސްކިތް އަޅަން ހިތްވަރުދިނުމުގެ ގޮތުން އެކަން އަންގައިލުމަކީ އެންމެ ރަނގަޅު ކަމެކެވެ.
މިފަދަ ޙާލަތުގައި އޮތީ ނިޔަތް ތެދުވެރިކުރުމެވެ. ﷲ ތަޢާލާ ޖަޒާ ދެއްވަވާނީ ނިޔަތުގެ މައްޗަށެވެ.
--މުފްތީ މެންކުގެ ދަރުސަކުން