ޤުރްއާނުގައި ބަޔާންވެގެންވާ މިންވަރަށް ނިވާވާން ނުޖެހޭނެ ކަމަށް ބުނެވިގެން ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 42ސ
ޤުރްއާނުގައި ބަޔާންވެގެންވާ މިންވަރަށް ނިވާވާން ނުޖެހޭނެ ކަމަށް ބުނެވިގެން ނުވާނެ!

ޤުރްއާނުގައިވާ މިންވަރަށް ނިވާވާން ނުޖެހޭނެ ކަމަށް ބުނުން ހުއްދަވާނެތޯ؟ އަޅުގަނޑު ބުރުގާއަޅަން. އެކަމަކު ބައެއް އެކުވެރިން އެބަބުނޭ އެމީހުން ބުރުގާ ނާލަނީ މިވެނި އެވެނި މީހަކު މިވެނި ގޮތަކަށް ބުނާތީކަމަށް. އެހެންވެ ށާފުކޮށްލަން ބޭނުންވަނީ.

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

ކީރިތި ޤުރްއާނުގައި ކަމެއް ވަކި ގޮތަކަށް ކުރަން އަންގަވާފައިވަނިކޮށް އެކަން އެގޮތަށް ކުރަން ނުޖެހޭނެ ކަމަށް ބުނެވިގެން ނުވާނެއެވެ. ބުނެފިނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެއީ ޢަމަލުނުކުރުމަށްވުރެވެސް ބޮޑު ކަމެކެވެ. ޤުރްއާނާއި ދެކޮޅުހެދޭތީއެވެ.

ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނުން ޙިޖާބް އަޅައި ނިވައިވާން، ނުވަތަ ފޮރުވެން ޖެހޭކަމަށް އިންކާރުކޮށް އެއީ ކުރަން ނުޖެހޭ ކަމެއް ކަމަށް ބުނުމަކީ ކީރިތި ޤުރްއާނަށް އިންކާރުކުރުމެވެ. އެއީ ﷲ ތަޢާލާއަށް އީމާންވެ އިސްލާމްވެގެން ހުރި އެއްވެސް މީހަކަށް ދެބަސްވެވެން އޮތް ކަމެއް ނޫނެވެ.

މިބަހުގެ ދަލީލަކީ "އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވައިކުރާހުށިކަމެވެ."

މިއަދު ހިތާމަކުރަންޖެހޭ ކަމަކީ ދީނުގެ ޢިލްމުވެރިންގެ ނަމުގައި އުޅޭ ބައެއް މީހުން އެމީހުން ދީނީ ދަރުސްތައް ދޭބައްދަލުވުންތަކުގައިވެސް ޙިޖާބައެޅުމަކީ ކުރަން ނުޖެހޭ ކަމެއްކަން މީސްތަކުންނަށް ދެއްކުމުގެ ގޮތުން ކީރިތި ޤުރްއާނުގައިވާ ފަދައިން ނިވާ ނުވާ އަންހެނުން ކުރީ ސަފުތަކުގައި ބައިތިއްބައި އެއީ އެންމެ ރަނގަޅު، ހުއްދަ ގޮތެއްކަން މީސްތަކުންނަށް ދައްކަން މަސައްކަތްކުރާކަމެވެ. އެމީހުންގެ އަނބިދަރިން ޙިޖާބް ނާޅުވައި މީސްތަކުންގެ ތެރެއަށް ނެރެ އެގޮތް އެއީ ރަނގަޅުގޮތްކަމަށް އިޝްތިހާރުކުރަމުން ގެންދާ ކަމެވެ. ﷲ ތަޢާލާގެ އަމުރުފުޅުތައް އޮޅުވައިލަން މަސައްކަތްކުރާކަމެވެ.

މީސްތަކުންނޭވެ! އެފަދަ ޢިލްމުވެރިން ދައްކާ ވާހަކަތައް އަޑުއަހަން ހެޔޮނުވާނެއެވެ. އަހުރެންގެ ނަޒަރުގައި އެފަދަ މީހުންދޭ އެއްވެސް ފަތުވާއެއް އަޑުއަހަންވެސް ހެޔޮނުވާނެއެވެ. ސަބަބަކީ އޭނާ އެހުރީ ކީރިތި ޤުރްއާނަށް އިންކާރުކޮށްގެންނެވެ. އޭނާ އެބުނަނީ ކީރިތި ޤުރްއާނުގައިވާ އަމުރުފުޅުތަކަށްވުރެ އޭނާއަށް އެނގޭ ގޮތް މާފުރިހަމަކަމަށެވެ.

މިއަދު އެންމެ އުފާކުރަންޖެހޭ ކަމަކީ މިފަދަ ކަންކަމާއިއެކުވެސް މުސްލިމުން ޙިޖާބަ އަޅަމުން ގެންދާކަމެވެ. ޙިޖާބްއަޅާ އަނހެނުންގެ ޢަދަދު އިތުރުވަމުން އަންނަކަމެވެ. އަދި މުސްލިމް ނޫން އަނހެނުންވެސް މިއަދު ޙިޖާބް އެޅުމަކީ ރަނގަޅުކަމެއްކަން ޤަބޫލުކޮށް ޙިޖާބް އަޅަމުން ގެންދާކަން އެއީ ކީރިތި ޤުރްއާނުގެ މުޢްޖިޒާތްތަކުގެ ތެރެއިން ފެންނަމުން އަންނަކަމެކެވެ.

ކީރިތި ޤުރްއާނުގައި ކަމެއް ވަކިގޮތަކަށް ބަޔާންވެފައި އޮތުމުން އެކަމަށް އިންކާރުކޮށް ބަހަނާ ދެއްކޭނެ އެއްވެސް އިންސާނަކު ނުހުންނާނެއެވެ. ކީރިތި ޤުރްއާނުގައިވާ އެއްވެސް އަމުރުފުލަކީ އިޚްތިޔާރީ ކަމެއް ކަމަކަށް ނުބުނެވޭނެއެވެ. އެއްވެސް އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މައްސަލަ އިތުރަށް ޔަޤީންކުރައްވަން މިލިޔުން ވެސް ވިދާޅުވެލައްވާށެވެ!

ސުވާލު: ޙިޖާބު އެޅުމަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް ނޫނެވެ. އެހެންކަމުން އެއީ އެހާ މުހިންމު ކަމެއް ނޫނެވެ. މީހަކު މިފަދައިން ބުނުން ރަނގަޅުވާނެ ހެއްޔެވެ؟

ޖަވާބު:

الحمد لله.

މިއީ ކުށެކެވެ. ސަބަބަކީ ޙިޖާބަކީ އަންހެނުންގެ މައްޗަށް ފަރުޟެކެވެ. އަންހެނުންގެ ޒީނަތުގެ ތެރޭގައި ހިމެނޭ މޫނާއި، މޭމައްޗާއި އަދި މިނޫންވެސް އެބައިމީހުންގެ ޒީނަތްތައް ފޮރުވުމަށް ﷲ ތަޢާލާ ވަނީ އަމުރު ކުރައްވާފައެވެ. މިފަދައިން އަންހެނުންނަށް އަންގަވާފައިވަނީ ގޯނާއާއި ފިތުނަ ތަކުން އެބައިމީހުން ރައްކާތެރިކުރުމުގެ ގޮތުންނެވެ. ސަބަބަކީ އެދުންވެރިކަމާއި ޝަހުވަތްތެރިންގެ ބެލުންތަކުގެ އަމާޒަކީ އަންހެނުންނެވެ. އޭނާގެ ޒީނަތްތެރިކަން ފާޅުކޮށްފިނަމަ އެދުންވެރިކަމަށް އޭނާއަށް ދަޢުވަތުދެވެއެވެ. އަދި މީހުން އޭނާއަށް ލެނބި އޭނާގެ ފަހަތުން ދާނެއެވެ. މިއީ ޒިނޭފަދަ ފާޙިޝް ޢަމަލުތަކަށް މަގުފަހިކޮށްދޭކަމެކެވެ. އެހެންކަމުން އަންހެނުންގެ މައްޗަށް ޙިޖާބު ފަރުޟުކުރައްވާ އަންގަވާފައިވެއެވެ.

﴿وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ﴾ [سورة النور ٣١]

މާނައީ: "އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވައިކުރާހުށިކަމެވެ."

خِمَار އަކީ ބޮލުން ތިރިއަށް، މޫނު ނިވާކުރުމުގެގޮތުން ވައްޓާލެވޭ ފޮތިގަނޑެވެ. އަދި ޖިލްބާބަކީ ހަށިގަނޑުގެ އެއްވެސްތަނެއް އިސްތިސްނާ ނުވާގޮތަށް، މުޅި ހަށިގަނޑު ނިވާކުރުމަށް މަތިންލެވޭ ހެދުމެކެވެ.

އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِن وَرَاءِ حِجَابٍ﴾ [سورة الأحزاب ٥٣]

މާނައީ: “އަދި އެކަނބަލުން (އެބަހީ: ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުން)ގެ ކިބައިން ތިޔަބައިމީހުން އެއްޗަކަށް އެދޭނަމަ، ފަހެ، ފަރުދާއެއްގެ އަނެއްފަރާތުން ތިޔަބައިމީހުން އެކަނބަލުންނާ ސުވާލު ކުރާށެވެ.”

އެހެންކަމުން އެއީ އަންހެނުންނަށްވާ ރައްކާތެރިކަމެކެވެ. އޭރުން އެބައިމީހުންނާމެދު ކުޅިވަރެއްގެ ގޮތުގައި ދެކުމުގެ ފުރުޞަތެއް މީސްތަކުންނަކަށް ނޯންނާނެއެވެ.

-ޝައިޚް ޢަބްދުﷲ އިބްނު ޖިބްރީން رحمه الله

 

މިއަދު އޮންލައިން