މެންދުރު ނަމާދުގެ ބަންގީގެ ކުރިއަށް މިސްކިތަށްދާ ނުވަތަ މައްސަލަމަތީގަ ހުއްޓިހުންނަ މީހަކަށް ހޯދެން އޮތް ބޮޑު ރަޙްމަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
މެންދުރު ނަމާދުގެ ބަންގީގެ ކުރިއަށް މިސްކިތަށްދާ ނުވަތަ މައްސަލަމަތީގަ ހުއްޓިހުންނަ މީހަކަށް ހޯދެން އޮތް ބޮޑު ރަޙްމަތް-

މަސައްކަތްކުރުމަކީ ކޮސް ނިމޭނެ ކަމެއް ނޫނެވެ. ހަމައެއާއިއެކު ވަކި ވަޤުތުތަކެއްގައި ކުރުމުން ލިބިގަނެވެން އޮތް ނިޢުމަތްތަކަކީ އެވަޤުތު ފާއިތުވުމުން ހޯދޭނެ ކަމެއް ނޫނެވެ. ވީމާ އަހުރެމެންނަށް އޮތީ ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތައް ލިބިގަތުމެވެ. ދެދުނިޔޭގައިވެސް ކުރިއަރައިދެވޭނީ އެއިރުންނެވެ.

"މެންދުރު ނަމާދުގެ ވަގުތު ނަބިއްޔާ (ﷺ) މެންދުރު ނަމާދުގެ އިހު ސުންނަތުގެ 4 ރަކްޢަތް ކުރައްވަވައެވެ. އަދި ޙަދީޘްފުޅު ކުރެއްވެވިއެވެ.

ހަމަކަށަވަރުން މިވަގުތަކީ އުޑުގެ ދޮރުކޮޅުތައް ހުޅުއްވައިލެއްވޭ ވަގުތު ކޮޅެކެވެ. އެހެންކަމުން މިވަގުތުކޮޅުގައި ތިމަންކަލޭގެފާނުގެ ކިބައިން ޞާލިޙް އަމަލެއް އުފުއްލެވިގެން ދިއުމަށް ތިމަން ކަލޭގެފާނެ ލޯބި ކުރައްވަމެވެ."

(މަޢްލޫމާތު: އަލްތިރްމިޒީ 478)

އުޑުގެ ދޮރުކޮޅުތައް ހުޅުއްވިގެންދާ ވަގުތެއްގައި ތިބާގެ ހެޔޮ އަމަލެއް އުފުއްލެވިގެން ގޮސް އެ ދޮރުކޮޅުތަކުން ވަދެގެން ދިއުމަށް ނުއެދޭނެ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ. ކޮންމެ މުސްލިމަކަށްވެސް އެ ފުރުޞަތު ވަނީ ހުޅުވިގެންނެވެ. އެ ފުރުޞަތަށް އެދޭނަމަ މެންދުރު ނަމާދަށް ގޮވުމުގެ ކުރިން މިސްކިތަށް ގޮސް ހުރެ އެކަމަށް މަސައްކަތް ކުރުމުން އެ ފުރުޞަތު ޙާޞިލުވާނެއެވެ! އިން ޝާ ﷲ

ޖަމާޢަތުގައި ނަމާދުކުރާ މީހަކަށް މެންދުރު ނަމާދުގެ އިހު ސުންނަތުގެ 4 ރަކްޢަތް ކުރެވޭނީ ބަންގިދީ ނިމޭއިރު ވުޟޫކޮށްގެން އަރައި މިސްކިތުގައި ހުރި ނަމައެވެ.

ޙަދީޘް މާނަކުރެއްވީ: ޝައިޚް އަހްމަދު ރިމާޒް

 

މިއަދު އޮންލައިން