އޭސީސީގެ ނައިބު ރައީސްކަމަށް އަޙްމަދު ނާޝިދު އައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އޭސީސީގެ ނައިބު ރައީސްކަމަށް އަޙްމަދު ނާޝިދު އައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމަށް އެ ކޮމިޝަނުގެ މެންބަރު އަޙްމަދު ނާޝިދު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަން ދިރާސާކުރުމަށް މިއަދު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

އަޙްމަދު ނާޝިދުގެ ނަން ނައިބު ރައީސްކަމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ މަހުއެވެ. އަޙްމަދު ނާޝިދަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އޭސީސީގެ މެންބަރުކަމަށް އައްޔަންކުރެވުނު ބޭފުޅެކެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ފަހުން ގެނެވުނު އިޞްލާޙާ ގުޅިގެން، އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ އުސޫލަށް ވަނީ ބަދަލު އައިސްފައެވެ. މި ބަދަލާ އެކު، މި ދެ މަޤާމަށް މީހުން އައްޔަންކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް މި މަޤާމުތަކަށް ބޭފުޅުން އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މީގެ ކުރިން އޭސީސީގެ ރައީސާއި ނައިބު ރައީސް ހޮވަމުން އައީ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށްވާއިރު، މިހާރު މި އުސޫލު ވަނީ ބަދަލުވެފައެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު، އެ ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން