ރާއްޖޭގެ މަސްވެރި ސިނާއަތް ކުރިއަރުވަން ފާއިތުވި 40 އަހަރު ނުކުރާހާ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ އަހަރު އެކަނިވެސް ކޮށްފައިވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
"ރިޔާސީ ބަޔާން 2025 ފޯރަމް" ގައި ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރި ސިނާއަތް އޮތީ ވަރަށް ހާލުގައި ކަމަށެވެ. އެކަމުގެ މައިގަނޑު ސަބަބަކީ އެއްވެސް ދިރާސާ ކުރުމެއް ނެތި ކުރީ ސަރުކާރުން ގެނައި ބޮޑެތި ބަދަލުތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުގައި ވަޒީރު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދޭތެރޭގައި 17 ރުފިޔާއަށް ހުރި މަސްކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރުމެވެ. އެކަމުގެ ސަބަބުން 13 ވަރަކަށް ރުފިޔާ ސަބްސިޑީގެ ގޮތުގައި ދައުލަތުން މަސް ކިލޯއަކަށް ދައްކަން ޖެހޭއިރު، އެއީ އަހަރެއްގެ މައްޗަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ބައިނަލްއަގުވާމީ މާކެޓުގައި ހުންނަ އަގަށް މަސް ގަންނަން ނިންމަވައި އެކަން ތަންފީޒުކުރެއްވުމަކީ ރައީސް މުއިއްޒުގެ ހިކުމަތްތެރި ނިންމެވުމެއް ކަމަށެވެ. އެކަމުގެ ސަބަބުން މަސްވެރި ސިނާއަތުގެ އުމްރާނީ ކަންކަމަށް ހަރަދުކުރާނެ ފައިސާ އޭގެ ތެރެއިން ބާކީ ކުރެވޭ ކަމަށް ވިދާޅުވިއެވެ.
"މަސްވެރި ސިނާއަތުގައި ހުރިހާ ފަރާތްތަކަށް ހަރަކާތްތެރިވެވޭނެ މާހައުލެއް އެ މަނިކުފާނު އުފެއްދެވީ މަހުގެ އަގު ފްލޯޓްކުރައްވައިގެން. އެހެން ހެދީމައި މިވާ ގޮތަކީ ހުރިހާ ހިސާބަކުން މަސް ގަނޭ. ހުރިހާ ހިސާބަކުން މަސް ކިރުވޭ. މަސްވެރި ސިނާއަތުގެ އުމްރާނީ ކަންތައްތަކަށް ހޭދަކުރާނެ ފައިސާ އޭގެ ތެރެއިން އެބަ ބާކީކުރެވޭ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށް ވަރަށް ދަތި ހާލަތެއް ކުރިމަތިވި ކަމަށެވެ. އެގޮތުން އެންޒިސްގެ ޕްރޮސެސިން ބަންދުކުރަން ޖެހުމުން 400 އެއްހާ އަންހެން މުވައްޒަފުންގެ އާމްދަނީއަށް އެކަމުން އަސަރުކުރި ކަމަށް ވިދާޅުވިއެވެ. ނަމަވެސް، މިހާރު ގެނެވިފައިވާ ބަދަލުތަކާއެކު އަމިއްލަ ކުންފުނިތަކަށްވެސް މަސް ގަނެވި ވާދަވެރި މާކެޓެއް އުފެއްދޭނެ ކަމަށް ވިދާޅުވިއެވެ.
"މަސްވެރި ސިނާއަތުގައި ޕްރައިވެޓް ސެކްޓާ ސަރްވައިވްނުވާ ކަމުގައިވާ ނަމަ އެ ސިނާއަތަކަށް އިންވެސްޓްކުރާނެ ފަރާތެއް ނާންނާނެ. އެހެންވީމާ މިއަދު އެ ސިނާއަތަކަށް އިންވެސްޓް ކުރާނެ ބޭންކްތައްވެސް އެބަހުރި. އަދި ޕްރައިވެރް އިންވެސްޓަރުންވެސް ﷲގެ އިރާދަފުޅުން އަޅުގަނޑުމެންނާ ހިސާބުގައި މިހުރީ. ރައީސްގެ ތަސައްވަރަކީ މިއަދު 50 ޓަނު އަޅުގަނޑުމެންނަށް ޕްރޮސެސްކުރެވޭކަމުގައިވަންޏާމު، އެ މަނިކުފާނުގެ ޒައާމަތު ނިމޭއިރު 250-300 ޓަނާ ދޭތެރޭއަށް އެ ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރުން، އެކަން އިރާދަކުރެއްވިއްޔާ މިހާރު ކަންކަން ތަރުތީބުވެފައި ހުރި ގޮތްގޮތުންވިއްޔާމު އެ މަނިކުފާނުގެ ޒައާމަތުގެ ފުރަތަމަ ތިން އަހަރު އެކަން އެބަ ހާސިލްވޭ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިފްކޯއަށް 47 އަހަރު ވެގެންދާއިރު، ލޭންޑް ބޭސްޑް ހުރީ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖު ކަމަށެވެ. އަމިއްލަ ކުންފުނިތައް އެއްކޮށްލައިގެން ހުރީ 8،500 ޓަނު ކަމަށާއި ނަމަވެސް ރައީސްގެ ތަސައްވަރަކީ ފުރަތަމަ ތިން އަހަރު މިހާރު މިހުރި ކެޕޭސިޓީ 24،000 ޓަނަށްވުރެ އިތުރުކުރުން ކަމަށެވެ.
"ރަނގަޅު އިންތިޒާމެއްގެ ތެރެއިން ތިން އަހަރުތެރޭގައި އިރާދަކުރެއްވިއްޔާ މަސްވެރިކަމުގެ އިންގިލާބީ އަޅުގަނޑުމެން މިކިޔާ ބަދަލު، 50، 60 އަހަރަށް މި ބަދަލާއެކުގައި ތިބެވޭނެވަރުގެ ކެޕޭސިޓީ ނުވަތަ ބަދަލެއް މިގެނެވީ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޭން ފެށުމުން މަހަށް ނުކުންނަ ޒުވާނުންނާއި ދޯނިތައް އިތުރުވަމުން އަންނަ ކަމަށެވެ.
"މިހާރު އެބަ ފެނޭ މަސްވެރި އާއިލާތަކުގެ ތެރޭގައި އެނބުރޭ ފައިސާ، ނުވަތަ އިކޮނޮމީ ތެރޭގައި މަސްވެރިކަމުން ކޮންޓްރިބިއުޓްކުރާ ފައިސާ. މަސްވެރިންނަށް ބަރާބަރަށް ފައިސާ ލިބޭތަން ފެންނާތީ ﷲގެ އިރާދަފުޅުން އެއްކަލަ ދޯނިތައް އެބަ އަނެއްކާ ބެކް ޓު މަސް ކަނޑުތަކަށް ނުކުންނަން ފަށައިފި. ޒުވާނުން މަޑުމަޑުން އަނެއްްކާވެސް ދޯނިތަކަށް އަރަން ފަށައިފި" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އައިސް ހޯދުމަށް މަސްވެރިން ދުއްވާ ދުއްވުމަކީ އޮޑުވެރިޔާ ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ސަރުކާރުން އިސް ނަގައިގެން މަސް ދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ރަށްރަށުގައި އައިސް ޕްލާންޓްތައް އިތުރުކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށެވެ.
"ރާއްޖޭގައި އައިސްޕްލާންޓްތައް ނޭޅިހުރި ހިސާބުތަކުގައި މުޅިއެކު 8 ޕްލާންޓެއްގެ ވާހަކަ ރައީސް ދެންނެވީ. ތިން ޕްލާންޓެއްގެ މަސައްކަތް މިއަހަރު ނިމި ފަސް ޕްލާންޓެއްގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް. މި ހުންނެވީ މަސްވެރި ސިނާއަތަކަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިދިޔަ 40 އަކަށް އަހަރު ދުވަހު ތެރޭގައިވެސް މި ވަރު ކުރެވިފައި ނެތްކަން މި އެނގެނީ އަޅުގަނޑުމެންނަށް ފެންނަން ހުރި ކަންކަމުން. އަޅުގަނޑުމެންގެ ލޯ މަތިން އެކަންކަން އެބަ ބުނެދޭ. އިރާދަކުރެއްވިއްޔާ، މަސްވެރި ސިނާއަތަށް މަސްވެރި އާއިލާތަކަށް އުޖާލާ ދުވަސްތަކެއް ޔަގީނުންވެސް އޮތީ ކުރިއަށް މިކަންކަން ތަންފީޒުކުރެވޭ މިންވަރަކުން" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މަސްވެރި ކޮލެޖު ގާއިމްކުރުމަކީ މަސްވެރި ގާނޫނުން ލާޒިމުކުރާ ކަމެއް ކަމަށާއި ނަމަވެސް އެކަންވެސް ކުރީ ސަރުކާރުތަކުން އޮތީ ނުކޮށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން މަސްވެރި ކޮލެޖު ގާއިމްކޮށް މަސްވެރިކަމާ ގުޅުން ހުރި ދާއިރާތަކުން މާސްޓާސްއާ ހަމައަށް ކިޔެވުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މީހުން ބިނާކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މަސްވެރިކަމަށް ކުރިއަށް އޮތީ ބަހާރު މޫސުމެވެ. އެކަން އަމަލުން ރައީސް މުއިއްޒު ގެންދަވަނީ ދައްކަވަމުންނެވެ.
ހަބަރު: ސަރުކާރު