ޤާސިމްއަކީ އަބަދުވެސް ރައްޔިތުންނާއި ގައުމުގެ މަންފާއަށް މަސައްކަތްކުރައްވާ ބޭފުޅެއް: އިލްޔާސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޤާސިމްއަކީ އަބަދުވެސް ރައްޔިތުންނާއި ގައުމުގެ މަންފާއަށް މަސައްކަތްކުރައްވާ ބޭފުޅެއް: އިލްޔާސް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަކީ އަބަދުވެސް ރައްޔިތުންނާއި ގައުމުގެ މަންފާއަށް، ކުރިއެރުމަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ ޤާސިމް އިބްރާހިމްގެ ބައޮގްރަފީ ނެރުމަށް މިރޭ ވިލާކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޗަރަފުވެރިކޮށްދެއްވަމުންނެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ޤާސިމްއަކީ ވިޔަފާރީގެ ރޮގުން ގިނަ ކާމިޔާބީތައް ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި މިހުރިހާ ކަމެއްވެސް ޤާސިމް ކުރައްވަމުން ގެންދަވަނީ ހަމައެކަނި އެމަނިކުފާނުގެ ފައިދާއަކަށް ނޫން ކަމަށާއި ގައުމަށާއި ރައްޔިތުންނަށް ފައިދާ ހުރި ގިނަ މަސައްކަތްތަކެއް ކުރުމުގެ ނިޔަތުގައި ކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

"ހުރިހާ ކަމެއްގައި އޭގެ އެންމެ ފައިދާ ބޮޑު އާ ގޮތްތައް ހޯއްދަވައިގެން ވިޔަފާރި ފުޅާކުރައްވަމުން ގެންދެވި ބޭފުޅެއް ޤާސިމް އިބްރާހިމްއަކީ." އިލްޔާސް ވިދާޅުވިއެވެ.

ޤާސިމްގެ ވިޔަފާރިއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވިދާޅުވީ ސިޔާސީ މައިދާނުގައިވެސް ޤާސިމް ފައިންޕުޅު ހިއްޕަވައި މިދާއިރާގައިވެސް ކާމިޔާބީ ހޯދާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ނިޔަތުގައި ރާއްޖޭގައި އުފެދިގެން އައި ސިޔާސީ ބޭފުޅުންގެ ތެރޭގައި ޤާސިމު ހިމެނޭކަން އިލްޔާސް ވަނީ ފާހަގަކުރައްވާފައެވެ.

"މިހާރު އަޅުގަނޑުމެން މިދެކޭ މިނިވަންކަމާއި ޑިމޮކްރަސީ ގެނައުމުގައި ޤާސިމު ވަރަށް މުހިންމު ބައެއް އަދާކުރެއްވި. ކުރުގޮތަކަށް ދަންނަވާނަމަ މި އިންތިހާބީ ރައީސް އުފެދިގެން އައިސް ފުރަތަމަ ދެފަހަރު، ތިންފަހަރު ދިޔައީ އޭގެ ތިންވަނަ ބާރަކަށް ޤާސިމް އެފަރާތަކަށް ޖެހިވަޑައިގެންނެވި ފަރާތަކަށް ވެރިކަން ލިބިގެން." އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ޤާސިމުގެ ސިޔާސީ ހަޔާތް ކާމިޔާބުވީ އެމަނިކުފާނުގެ ތެދުވެރިކަމާއި އިޚްލާސްތެރިކަމުގެ ސަބަބުން ކަމަށެވެ. އަދި ރައްޔިތުންނަށް އެހީވެދިނުމާއި ގައުމަށް ފައިދާހުރި ގޮތްތައް ހޯދައިދިނުމުގައި ޤާސިމް ވަރަށް ބޮޑު ރޯލެއް އަދާކުރައްވާފައިވާ ކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން