ފާފަކުރުން ހުއްޓުވަން އެންމެންވެސް އެމީހެއްގެ ފެންވަރުން މަސައްކަތްކުރަންވާނެ! ފަށަންވީ އަމިއްލަ ނަފްސާ ޢާއިލާއިން!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ފާފަކުރުން ހުއްޓުވަން އެންމެންވެސް އެމީހެއްގެ ފެންވަރުން މަސައްކަތްކުރަންވާނެ! ފަށަންވީ އަމިއްލަ ނަފްސާ ޢާއިލާއިން!: ޝައިޚް އަބޫބަކުރު ޒައުދު

ކޮންމެ މުޖުތަމަޢުއެއްގައިވެސް ފާފަކުރެވޭ ބައަކު އުޅޭނެއެވެ. އެކަމަށް އަޅައިނުލެވޭނަމަ ފާފަކުރުން ދާނީ އިތުރުވަމުންނެވެ. ފާފަކުރެވޭ މީހުންވެސް ދާނީ ގިނަވަމުންނެވެ. ތިމާ މިހުރީ ފާފަނުކޮށް ކަމަށް ބަލައި ފާފަކުރެވޭ މީހުން އިޞްލާޙްކުރަން މަސައްކަތް ނުކޮށް ތިބުމެއް ނެތެވެ.  

މުޖުތަމަޢުގައި ހިނގާ ނުވަތަ މީހަކު ކުރާ ނުރަނގަޅު ކަމެއްގެ ވާހަކަ، މުންކަރާތެއްގެ ވާހަކަ ދައްކާއިރަށް "ތިއަ ވާހަކަ ދައްކަންޖެހޭނީ ޢިލްމުވެރިއެއް" ކަމަށް ބުނެވޭކަށް ނެތެވެ. އެހެނީ މުންކަރާތެއް ފެނިއްޖެނަމަ ހުއްޓަވަން މަސައްކަތްކުރަން އޮތް ޙަދީޘްފުޅުގައި އެކަން ޙަވާލުކުރައްވަވާފައިވަނީ ހަމައެކަނި ޢިލްމުވެރިންނަކަށް ނޫނެވެ. ފެނުނު ކޮންމެ މުސްލިމެއްގެ މައްޗަށެވެ.  

ޙައްޤު ބަސް ބުނެ މުންކަރާތްތައް މަނާކުރުމުގައި މުޖުތަމައު ފޭލްވެއްޖެ ނަމަ އެމުޖުތަޢުގައި ދިރިއުޅޭ އެންމެން ފާފަވެރިވާނެއެވެ. އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ރަނގަޅަށް އަޑުއަހާށެވެ! 

ޙައްޤުބަސް ބުނެ މުންކަރާތްތައް ނަހީކޮށް ހެޔޮ ޢަމަލުތައްކުރަން ހިތްވަރުދީ އެކަންކަން މީސްތަކުންނަށް ބަޔާންކޮށްދިނުމަކީ މުޅި މުޖުތައުގެ މައްޗަށް އޮތް ފަރުޟެކެވެ. އެއްބައަކު ނަމަވެސް އެކަންކަން ކުރާނަމަ އެހެން މީހުންގެ މަތިން ފަރުޟު ކެނޑިގެންދާނެއެވެ. ނަމަވެސް އެއްވެސް މީހަކު އެކަން ނުކުރާނަމަ މުޖުތަމައުގެ އެންމެން ފާފަވެރިވާނެއެވެ.  

އެއީ އެކަންކަން ކުރަން ދީނީ ޢިލްމުވެރިންނަށް ނުވަތަ މުޖުތަމައުގެ އިސްމީހުންނަށް، ދީނީގޮތުން ހޭލުންތެރި މީހުންނަށް ހިތްވަރުދިނުމަކީ މުޖުތަމައުގެ އެންމެންގެ މައްޗަށް އޮތް ވާޖިބެއްކަމުގައިވާތީއެވެ. އަދި ކީއްހެއްޔެވެ؟ އެމީހުންނަށް އެއްބާރުލުންދޭންޖެހޭނެއެވެ. އެމީހުން ގާތުން އުނގެނެންވެސް ޖެހޭނެއެވެ. އެމީހުން ކުރާ މަސައްކަތުގައި އެންމެން ބައިވެރިވާންވެސް ޖެހޭނެއެވެ.  

ކޮންމެ މީހަކީވެސް އެމީހެއްގެ ފެންވަރުން ﷲ ތަޢާލާގެ އެއްކައުވަންތަކަން އެހެންމީހުންނަށް އަންގައިދީ މީސްތަކުން ޝިރުކުރުމުން ސަލާމަތްކުރަން މަސައްކަތްކުރަން މަސައްކަތްކުރާ މީހަކަށްވާންވާނެއެވެ. އެވާޖިބު އަދާކުރުމަކީ ހަމަ ކޮންމެ މީހެއްގެ މައްޗަށްވެސް ލާޒިމް ކަމެކެވެ!  

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މިއުންމަތަކީ އެންމެ ހެޔޮ އުންމަތް ކަމުގައެވެ. އެއީ މުންކަރާތްތައް ނަހީކޮށް ހެޔޮ ކަންކަމަށް އަމުރުކުރާ އުންމަތަކަށްވުމުންނެވެ. އެކަން ނުކުރާނަމަ އެ ޝަރަފާއި ޢިއްޒަތާއި ދަރަޖަ ގެއްލިގެންދާނެއެވެ.  

ފުރަތަމަ ކަމަކަށް އަމިއްލަ ނަފްސް އިޞްލާޙްކުރާށެވެ! އެއަށްފަހު ޢާއިލާގެ މީހުންގެ ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރާށެވެ. އެއީ ކޮންމެ މުސްލިމަކުވެސް އަދާކުރަންޖެހޭނެ އެންމެ ބޮޑު އެއް ވާޖިބެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން