ކޮންމެ ކަމަކަށްވެސް މަގުފަހިކޮށްދެއްވަވާނީ އެކަމެއް ކުރަން މަސައްކަތްކުރުމުންނެވެ. ވީމާ ކުރުން ސުންނަތްވެގެންވާ ނަމާދުތައް ކުރަން ފެށުމުގައިވެސް އޮތީ ހަމައެގޮތެވެ. ޤަވާޢިދުން ނުކުރެވިދާނެ ކަމުގެ ބިރަށް ކުރަން ނުފަށައި ހުންނަ މީހަކަށް އޮންނާނީ މުޅި ޢުމުރުގައިވެސް ނުކޮށް ހުރުމެވެ. ކުރަން ފެށުމުން އެކަމަށް މަގުފަހިކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ
ކިތަންމެ ހިތްވަރެއް ކުރިނަމަވެސް ނުކުރެވޭ ޙާލަތެއް އަތުވެދާނެއެވެ. ރޭއަޅުކަމަށް ނުހޭލެވިވެސް ހިނގައިދާނެއެވެ. އެކަމަށް ބިރުނުގަންނާށެވެ! ތިބާގެ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަހުރެމެންނަށް އޮތީ ނިޔަތްގަތުމާއިއެކު ޢަމަލުކުރަން މަސައްކަތްކުރުމެވެ. ޘާބިތުކަން ދެއްވެވުން އެދިގެން ދުޢާކުރުންމަތީގައި ހުރުމެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ތައުފީޤް ދެއްވަވާނެތެވެ. އިން ޝާ ﷲ
ދަމު ނަމާދާއި ޟުހާ ނަމާދު ފަދަ ސުންނަތް ނަމާދުތައް ވިދިވިދިގެން ދާއިމީ ގޮތެއްގައި ކޮންމެދުވަހަކު ނުކުރެވިދާނެކަމަށް ހީވާނަމަ ރަނގަޅީ ކުރަން ނުފެށުންތޯ؟ އެއްވެސް ގޮތަކަށް ނުކުރުންތޯ؟ މިފަދަ ކަމެއް ފަށާފަ ހުއްޓާލުމަކީ ކޮންކަހަލަ ކަމެއްތޯ؟
މިސުވާލުތަކުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ކުރެވޭ ދުވަހަކު ކުރަން ނަމަވެސް ކުރަން ފަށާށެވެ! އަދި ގަވައިދުން ކޮންމެ ދުވަހަކު ކުރެވޭތޯ ގަދައަޅާ މަސައްކަތްކުރާށެވެ.