ޢަލީ އިޙްޞާން ފިރާޤް
ރެމް ސްލީޕް ލަސްވުމަކީ އަލްޒައިމާ ބަލީގެ ރިސްކު އިތުރުކޮށްދޭ ކަމެއްކަމަށް ދިރާސާތަކުންވަނީ ހޯދައިފައިވެއެވެ.
ނިދީގެ ދެ ބަޔެއްވެއެވެ. އެއީ ރެމް ސްލީޕް އަދި ނޮން ރެމް ސްލީޕްއެވެ. ރެމް ސްލީޕް ފެށެނީ އަހަރެމެން ނިދާތާ ގާތްގަނޑަކަށް 90 ވަރަކަށް މިނެޓް ފަހުންނެވެ. މި މަރުހަލާގައި އިންސާނާގެ ނޭވާލާ ނިޒާމާއި ހިތުގެ ވިންދު އަވަސްވެއެވެ. ލޯވެސް ހަރަކާތް ކުރެއެވެ. މި މަރުހަލާއަކީ އިންސާނާއަށް ހުވަފެން ފެންނަ މަރުހަލާއެވެ.
މި ދިރާސާގައި 98 މިނެޓް ކުރިން ރެމް ސްލީޕް މަރުހަލާއަށް ވާސިލުވެވޭ މީހުންނާއި އެއަށްވުރެ ލަހުން ރެމް ސްލީޕް މަރުހަލާއަށް ވާސިލުވެވޭ މީހުން ވަނީ ދެބަޔަކަށް ބަހާލައިފައެވެ. އެގޮތުން ލަހުން ރެމް ސްލީޕް އަށް ވާސިލުވެވޭ މީހުންގެ ސިކުނޑީގައި ވިހަ ޕްރޮޓީންއެއްކަމުގައިވާ އެމިލޮއިޑް އަދި ޓާއު އިތުރުކަން ފާހަގަ ކުރެވެއެވެ. މިދެ ޕްރޮޓީން ސިކުނޑީގައި އުފައްދާ މިންވަރު އިތުރުވުމަކީ އަލްޒައިމާ ބަލީގެ އަލާމާތެކެވެ.
އަލްޒައިމާ ބަލި ނުވަތަ ހަނދާންނެތޭ ބައްޔަކީ އާއްމު ގޮތެއްގައި ދުވަސްވާ މީހުންނަށް ކުރިމަތިވާ ބައްޔެކެވެ. މި ބަލީގައި ދިމާވާ އަލާމާތްތަކުގެ ތެރޭއިން ފާހަގަކޮށްލެވޭ އެއް އަލާމާތަކީ އަވަހަށް ކަންތައްތައް ހަނދާންނެތުމެވެ. އެގޮތުން ތިމާ އާދަވެގެން ކޮށް އުޅޭ ކަންތައްތައް ކުރަންވެސް މިބަލި ޖެހޭ މީހުންނަށް އުނދަގޫވެއެވެ. ވަރަށް އާދައިގެ ކަންތައްތައް މިސާލަކަށް އާއިލާ މީހުން ނުވަތަ ދަރިންގެ ނަންތައް ހަނދާންނެތުމާއި ކައިފި ތޯ ނުވަތަ ނަމާދު ކުރިކަން ހަނދާންނެތުން ފަދަ ކުދި ކުދި ކަންތައްކުގެ ހަނދާވެސް ނުހުރެއެވެ.
މީގެ އިތުރަށް ވާހަކަ ދައްކަން އުނދަގޫވުމާއި ކަންތައްތަކަށް ވިސްނާ ގޮތްނިންމުމަށް އުނދަގޫވުމާއި މިޒާޖީ ބަދަލުތަކަކީވެސް މި ބަލީގައި ފެންނާނެ އަލާމާތްތަކެވެ.
އަލްޒައިމާ ބައްޔަކީ އަދި މިހާތަނަށް ފަރުވާ ހޯދިފައިވާ ބައްޔެއް ނޫނެވެ. ނަމަވެސް ބަލީގެ އަލާމާތައްތައް ރަނގަޅުކޮށް އުނދަގޫތައް ލުއިކޮށްދޭ ބޭސްތައް ހުރެއެވެ..