އޭނާއަކީ 25 ވަރަކަށް އަހަރުގެ ޒުވާނެކެވެ. ބައިންބަފައިންނަކީ އިންތިހާއަށް ތަނަވަސް ބައެކެވެ. ދިރިއުޅެމުން ދިއައީ ކައިވެނިވެސް ކޮށްގެންހުރެއެވެ. ނިޞްބަތްވަނީ ސަޢުދި ޢަރަބިޔާއަށެވެ.
ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވި އޭނާއަށް އެކަނި ބޭރު ޤައުމަކަށް ދަތުރެއް ކުރެވުނެވެ. އެދަތުރުގައި އޭނާއަށް ހުރެވުނު ހޮޓަލަކީ ބަނގުރާ ބުއިމާއި ޖުވާކުޅުމާއި ޒިނޭކުރުމާއި މިހެންގޮސް ހުރިހާ ބޮޑެތި ފާތައް ކުރާތަނެކެވެ. އެހެންކަމުން އެޒުވާނާ އުޅެމުން ދިއައީ އެކަންކަމަށް ވަރަށް ބޮޑަށް ވިސްނައިގެންނެވެ. އެއްވެސް ބާރއަކަށް ނުވަދެއެވެ. އަދި ޖުވާކުޅޭ ތަނަކާއި ކައިރިވެސް ނުވެއެވެ. އަދި ޒިނޭކުރާ ތަނަކަށްވެސް ނުދެއެވެ.
ދެ ތިން ދުވަސްވީތަނާ އޭނާއަށް ރައްޓެއްސަކު ލިބުނެވެ. އެއެކުވެރިޔާ މަސައްކަތްކުރަމުން ގެންދިއައީ އޭނާ ލައްވައި ޒިނޭކުރުވުމަށެވެ. އެމީހާއަކީ އެފަދަ ކަންކަމުން ފައިސާ ހޯދައިގެން ދިރިއުޅޭ މީހަކަށްވާތީއެވެ. އެކަމެއް އޭނާއަކަށް ނުއެނގެއެވެ.
ކޮންމެ ރެއަކު އޭނާ ވަރަށް ރީތި އަނހެންކުދިން ހޮޓަލަށް ގެނެސް ތަޢާރަފްކުރަމުން ދިއައެވެ. އެއްރޭ ގެންނަކުދިންނަށްވުރެ ރީތި އަންހެންކުދިން އަނެއްރޭ ގެނެސް ދައްކައެވެ. ނަމަވެސް ޒުވާނާ މަސައްކަތްކުރަމުން ދިއައީ ޒިނޭނުކޮށް ހުރުމަށެވެ.
އެހެންކަމާއިއެކުވެސް އެއްރެއަކު ގެނައި އަނހެންކުއްޖަކު ފެނުމުން ޒުވާނާގެ އަމިއްލަ ނަފްސްގެ ކޮންޓްރޯލް އޭނާގެ އަތުން ގެއްލިގެން ދިއައެވެ. ދަލުގައި ޖެހި ޒިނޭކުރެވުނެވެ. އެކަން އޭނާއަށް އިޙްޞާޞްކުރެވުނީ ހުރިހާ ކަމެއް ކުރެވި ނިމުނު ފަހުންނެވެ.
ހަމައެވަޤުތު އޭނާގެ ހިތަށް ބިރުވެތިކަންވަދެ ފުރިގެންދިއައެވެ. ތައުބާވިއެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރަން ފެށިއެވެ. އެނބުރި ޤައުމަށް ނުގޮސް މަޑުކުރިއެވެ. ބޮޑު އިންވެސްތްމަންޓެއްގެ ވާހަކަ ޢާއިލާއަށް ހުށަހަޅައި ރުހުން ހޯދައިގެންނެވެ. ރަސްމީ މަސައްކަތެއްގައި އުޅެނީ ކަމަށް ހަދައިގެންނެވެ.
ޙަޤީޤަތުގައި އެވަޤުތުން ފެށިގެން އޭނާ ހޮޓަލުން ނުކުތީއެވެ. މާދުރު ސަރަޙައްދަކަށް ގޮސް ބޮޑު މިސްކިތެއްގައި ދިރިއުޅެންފެށީއެވެ. އޭނާގެ މަސައްކަތަކީ އަޅުކަންކުރުމާއި ޤުރްޢާން ހިތުދަސްކުރަން މަސައްކަތްކުރުމެވެ.
ޤުރްއާން ހިތުދަސްކުރުމަކީ އެކަމަށް އެދިގެން މަސައްކަތްކުރާ މީހަކަށް އެކަމަށް ފަސޭހައިން މަގުފަހިކޮށްދެއްވަވާ ކަމެއްކަމަށްވާތީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް އޭނާގެ މަޤްޞަދު ޙާޞިލްކުރެވުނެވެ. މަޤްޞަދު ޙާޞިލުކުރެވުމުން އެނބުރި ޤައުމަށް ދިއައެވެ.
ޢާއިލާ އާއި ބައްދަލުވެ ކަންކަން ހަމައަކަށް އެޅުމުން އެންމެންގެ ކުރިމަތީގައި އޭނާއަށް ކަންކަން މެދުވެރިވި ގޮތް ކިޔައިދިނެވެ. ކުރެވުނު ފާފައާއި އެކަން ކުރެވުމަށް މެދުވެރިވި ސަބަބާއި ފާފަކުރެވުމުން އޭނާ ކަންކަންކުރި ގޮތް ކިޔައިދީ އަނބިމީހާގެ ކިބައިން މާފަށްވެސް އެދުނެވެ.
ޒުވާނާއަށް ފާފައެއް ކުރެވުނުކަން އެއްވެސް ކަމަކަށް ނުވިއެވެ. ޢާއިލާއިންވެސް އަދި އަނބިމީހާވެސް އޭނާއަށް ކިޔާފައިވަނީ ހޫނު މަރުޙަބާއެކެވެ. އޭނާ ކީރިތި ޤުރްއާން ހިތުދަސްކުރިކަން އެމީހުންނަށްވީ މާބޮޑު އުފަލަކަށެވެ. އޭނާގެ ޤަދަރު އެތައް ގުނައަކަށް އުފުލިގެންދިއަ ކަމަކަށެވެ.
އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ކުރެވުނު ފާފައަށް އޭނާވަނީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވެފައެވެ. ވިއްދައިގެން މަސައްކަތްއެކުރީ ބުރަ މަސައްކަތުން ނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ކައްފާރާއަކަށް ހިތުދަސްއެކުރީ ﷲ ތަޢަލާގެ ކަލާމްފުޅެވެ. ކީރިތި ޤުރްއާނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އޭނާއަކީވެސް ހަމަ މިއަދުގެ ޒުވާނެކެވެ. އޭނާއަށް އެންމެ ފާފައެއް ކުރެވުމުން އޭނާ ބިރުވެތިވީ މިންވަރު ނިކަން ދެކިބަލާށެވެ. އަހަރެމެންނަށް މިތިބީ ކީއްވެފައި ހެއްޔެވެ؟ މިއަދު އަހަރެމެންގެ ތެރޭގައި ގިނައީ ޒިނޭކުރުވުމުން ފާފައެއް ކުރެވިއްޖެކަމަށް ޤަބޫލުވެސް ނުކުރާ މީހުން ކަމަށް ވެފައިވުމަކީ ހާދަހައިވާ ހިތާމަހުރި ކަމެކެވެ.
ކޮންމެ މީހަކަށްވެސް އަދި ކިތަންމެ ބޮޑު ތަޤްވާވެރިއަކަށްވެސް ފާފައެއް ކުރެވިދާނެއެވެ. ތައުބާވާށެވެ. ވިއްދައިގެން ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ. އެމީހެއްގެ ފާފަ ފުއްސަވައި ދެއްވަވައި ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން