ނަމާދު ޤާއިމުކުރެވޭނަމަ އެމީހަކަށް އެހުރެވެނީ ރަނގަޅު މަގުގައެވެ. ނަމަވެސް އެވަރަކުން އަދި ނުފުދެއެވެ. ކެރިކުޅަދާނަކަން ހުރިވަރަކުން މީސްތަކުންނަށް އެހީތެރިވާންވެސް އެބަޖެހެއެވެ. ޒަކާތް ދިނުމަށާއި އަދި ކުޅަދާނަކްނހުރި ވރަކުން މީސްތަކުންނަށް އެހީތެރިވެދޭން އަމުރުކުރައްވަވާފައިވަނީވެސް ހަމަ ނަމާދު ފަރުޟުކުރެއްވެވި ﷲ ތަޢާލާއެވެ.
ނަމަވެސް ގިނަ ބައަކަށް ޒަކާތް ދެއްކުމާއި މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މުހިންމުކަން ވިސްނޭ ކަމަކަށް ނުވެއެވެ.
މީސްތަކުންނޭވެ! ޒަކާތް ދެއްކުމަކުން އަދި ނުފުދެއެވެ. އެހެނީ ޒަކާތަކީ ފަރުޟެކެވެ. ޒަކާތް ވާޖިބުވެއްޖެ މީހާ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ވީމާ އެއީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިން ކުރާ ކަމަކަށް ނުވާނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިން ކަމެއް ކުރެވުނު ކަމަށްވާނީ ޞަދަޤާތް ދިނީމައެވެ. ދަތިޙާލުގައިވާ މީސްތަކުންނަށް އެހީތެރިވީމައެވެ.
އެމީހާގެ އެއްވެސް އަމިއްލަ އެދުމެއް ނެތި ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެދިގެން ނިކަމެތިންނަށް އެހީތެރިވާނަމަ އެމީހަކަށް އެކުރެވެނީ އެންމެ ފައިދާހުރި އެއްކަންތަކެވެ. އެމީހަކަށް ﷲ ތަޢާލާގެ ޙަޟްރަތުން އެހީތެރިވެވޮޑިގަތުން ލިބެމުންދާނެތީއެވެ. އަދި އެއީ އާޚިރަތް ދުވަހު ނަރަކައިން ސަލާމަތްވެވުމަށް އޮތް މަގެއްވެސްމެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން